Roadha Mihaaru
އެއާޕޯޓުގެ މައްސަލައިގައި ބިގޭ ދޫދެއްވުމެއް ނެތް!

އަލިފުށީގެ އެއާޕޯޓު ހަގީގަތަށް ހެދުމުގައި އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނަން: ބިގޭ

08 ސެޕްޓެމްބަރ 2021

ރ. އަލިފުށީގައި އެއާޕޯޓެއް އަޅާތީ ހިތްހަމަނުޖެހުންތަކާ އެކު، ޒާތީ ގޮތުން ދިމާކުރިއަސް އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން އެ ރަށުގެ މީހުން ދެކޭ އެ ހުވަފެން ހަގީގަތަކަށް ހަދަން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ރ. އަލިފުށިން ފަޒީނާ އަހުމަދު

ރ. އަލިފުށީގައި އެއާޕޯޓެއް އަޅާތީ ހިތްހަމަނުޖެހުންތަކާ އެކު، ޒާތީ ގޮތުން ދިމާކުރިއަސް އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން އެ ރަށުގެ މީހުން ދެކޭ އެ ހުވަފެން ހަގީގަތަކަށް ހަދަން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ތަރައްގީގެ ޕްލޭނުގައި ނުހިމަނައި ކުއްލިއަކަށް ބޮޑު ހަރަދެއް ކޮށްގެން އަލިފުށީގައި، އެއާޕޯޓެއް އަޅަން ނިންމުމަކީ އަތޮޅުގެ އެހެން ރަށްތަކަށް ފައިދާ ހުރި ގޮތެއް ނޫން ކަމުގެ ހިތްހަމަނުޖެހުންތައް ދަނީ ފާޅުކުރަމުންނެވެ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވެސް އެކަމާ ފާޅުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ޝަކުވާތަކަށް ސަރުކާރުން ރަސްމީ ޖަވާބެއް ނުދިނުމުގެ ކަންބޮޑުވުން ވެސް އޮތެވެ.

އެކަމަކު އަލިފުށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަތް ޖޮބް ސެންޓަރު ހުޅުވުމުގެ ޖަލްސާގައި އެއާޕޯޓާ ގުޅޭ ގޮތުން ސީދާ ޖަވާބުތަކެއް ބިގޭ މިރޭ ދެއްވި އެވެ.

ފުރަތަމަ ކަމަކަށް ވިދާޅުވީ، އަލިފުއްޓަށް ވައިގެ މަގުން ދަތުރުކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކމަށް ކެމްޕެއިން ކުރެއްވި އިރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އޭނާގެ ކެމްޕޭންގެ ތެރޭގައި ވެސް އެ ރަށުގެ މީހުން އެދުނު ކަމެއް ކަމަށެވެ. އެހެންކަމުން އެއީ އަލިފުށީގެ މީހުން ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީގެ ގޮތުން ރ. އަތޮޅުގައި ދެވަނަ އަށް އެންމެ ބޮޑު ރަށަށް ވިޔަސް އެކަހެރިކޮށް އޮންނަ އަލިފުއްޓަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ހެލިޕޭޑެއްގެ ހިދުމަތަށް ތަނެއް ތައްޔާރުކުރަން ވެސް އެއްއިރެއްގައި ވިސްނުންތަކެއް ގެންގުޅުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ ވިދާޅުވި އެވެ.

ޖޮބް ސެންޓަރު ހުޅުވުމުގެ ޖަލްސާގައި ރައީސްއާ އެކު ބިގޭ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ޖޮބް ސެންޓަރު ހުޅުވުމުގެ ޖަލްސާގައި ރައީސްއާ އެކު ބިގޭ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އަލިފުށީގައި ބިން ހިއްކުމުގެ އިތުރުން އެއާޕޯޓެއް އަޅަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާ އެވެ. މި ޕްރޮޖެކްޓަށް 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. މިއީ އެ ކުންފުނިން ވެސް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

އަލިފުށީގެ ރައްޔިތުންނަށް "ސަޕްރައިޒެއް"ގެ ގޮތުގައި އެއާޕޯޓުގެ މަސައްކަތް ފެށީ ބަޖެޓުގެ ތެރޭގައި ނުހިމަނައި ކަމަށް ކުރާ ތުހުމަތަށް ވެސް ބިގޭ ރައްދު ދެއްވި އެވެ. އަލިފުށި އެއާޕޯޓް ހިމެނުނީ، ބިގޭ ވިދާޅުވި ގޮތުގައި، ސަރުކާރުން ތަރައްގީކުރަން ނިންމި އެއާޕޯޓުތަކުގެ ބަޖެޓުގަ އެވެ.

"އެންމެ ބޮޑު ގޮންޖެހުމެއް އަންނަނީ ބަޖެޓުގައި ނެތް މަސައްކަތެއް ފެށީ ވަކި މީހަކަށް ވީތީއޭ ބުނުން. އެހެނެއް ނޫން. އަޅުގަނޑަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރި މީހެއް. އަލިފުށީ ބިން ހިއްކުން ބަޖެޓް ކުރެވިފައި އެބައޮތް. ޕީއެސްއައިޕީގެ ތެރޭގައި ވަކި ރަށެއްގެ ނަން ނެތި އެއާޕޯޓް އެޅުން ހިމަނާފައި އެބައޮތް،" ބިގޭ ވިދާޅުވި އެވެ.

2023 އަށް އެއާޕޯޓު ނިންމާނެ

ބިގޭ ވިދާޅުވި ގޮތުގައި އެމްޓީސީސީއާ ހަވާލުވި ބޮޑު މަޝްރޫއު، ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވަނީ އެކުލަވާލައިފަ އެވެ. އުއްމީދަކީ، 2023 ގައި އަލިފުއްޓަށް ފްލައިޓެއްގައި ވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

"ކޮންޓްރެކްޓަރުގެ ތާވަލުގައި ބުނާ ގޮތުން 2023 ގައި އިރާދަކުރެއްވިއްޔާ، ދަތި އުނދަގުލުގައި ކުރާ ދަތުރުތައް ލުއި ފަސޭހަވާނެ،" އަލިފުށީގެ މީހުންގެ ނަމުގައި ސަރުކާރަށް ޝުކުރު އަދާކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ އަލިފުށީގެ އެއާޕޯޓު މަޝްރޫއާ ގުޅޭ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"ޒާތީ ގޮތުން ދިމާކުރުންތަކެއް ވެސް އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އަލިފުށީ ރައްޔިތުންގެ ކައިރީގައި، ކިތަންމެ ވަރަކަށް ޒާތީ ގޮތުން އަޅުގަނޑާ ދިމާލަށް ކޮންމެ ފަދަ އިނގިލި ދިއްކުރުމެއް އަޔަސް އެންމެ ތަންފުކެއް ވެސް އަޅުގަނޑު ފަހަތަށް ނުޖެހި ކުރިއަށް ގެންދާނަމޭ،" ވަރަށް ޔަގީންކަމާއެކު އޭނާ ވިދާޅުވި އެވެ.

"އެދުނު ޒިންމާ އަމާނާތްތެރިކަމާ އެކު ތިޔަބޭފުޅުންނާ ހަމަައަށް ގެނެސްދޭނަމޭ."

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މޮނިއުމެންޓެއް ހަދާފައި.

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މޮނިއުމެންޓެއް ހަދާފައި.

އެއާޕޯޓު މައްސަލައިގައި އޭނާ އަށް އުނދަގޫވެވަޑައިގަންނަވަނީ އެކުގައި މަސައްކަތް ކުރައްވާ މަޖިލިސް މެމްބަރުން ވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަވާތީ ކަމަށް ބިގޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގައި ނެތް ކަމެއް ސަރުކާރަކުން ނުކުރާނެ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ނުކުރައްވާނެ ކަމަށާއި ޓެންޑާ ބޯޑުން އެފަދަ ނިންމުމެއް ނުނިންމާނެ ކަމަށް ވިދާޅުވި އެވެ.

"ތި ބޭފުޅުންނަށް ޔަގީންކަން އަރުވަން މި ކަމަކީ އޮންނަ ހަމަތަކާއި އުސޫލުގެ ތެރެއިން ފުރިހަމައަށް ހުރިހާ ކަމެއް ތަންފީޒުވެގެން އައިސްފައި އޮތް ކަމެއް ކަމަށް،"

ބިގޭ ވިދާޅުވީ އެއާޕޯޓާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހަގީގަތާ ހިލާފު ކަމަށެވެ. ހުރިހާ ރަށަކަށް ވެސް ތަރައްގީ ހައްގު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ އަލިފުށީ ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވާން ތައްޔާރަށް،" ބިގޭގެ ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވި އެވެ.