Roadha Mihaaru
ބިދޭސީން ވަޒީފާއަށް ގެނައުން ކޮންޓްރޯލްކުރެވިއްޖެ:ރައީސް

ބިދޭސީން ވަޒީފާތަކަށް ގެނައުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެ: ރައީސް

09 ސެޕްޓެމްބަރ 2021

ރާއްޖޭގެ ވަޒީފާތަކުން ދިވެހިންނަށް އިސްކަންދޭން ގެންގުޅޭ ސިޔާސަތާ އެކު ވަޒީފާތަކަށް ބިދޭސީން ގެނައުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ރ. އަލިފުށިން ފަޒީނާ އަހުމަދު

ރާއްޖޭގެ ވަޒީފާތަކުން ދިވެހިންނަށް އިސްކަންދޭން ގެންގުޅޭ ސިޔާސަތާ އެކު ވަޒީފާތަކަށް ބިދޭސީން ގެނައުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އަލިފުށީގެ ޖޮބްސެންޓަރެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނޮވެމްބަރު، 2018 ގައި މި ސަރުކާރު އުފެދުނު އިރު ބޭރުން މީހުން ގެންނަން 56،000 ވޯކް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު، އަހަރު ނިމުނުއިރު 51،000 މީހުން ރާއްޖޭގެ ވަޒީފާ އަށް އެތެރެކޮށްފައި އެބައޮތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މި ސަރުކާރުގެ މި އަހަރުގެ ހަތް މަސް ނިމުނުއިރު ވޯކްޕާމިޓް ހުއްދަ ދީފައި ވަނީ 8،900 މީހަކަށް ކަމަށް ވާއިރު، އޭގެ ތެރެއިން ވަޒީފާ އަށް ގެނައީ 6،900 މީހެކެވެ.

"ބާކީ މި އޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށް ވިޔަސް، އަޅުގަނޑު މި ދެންނެވިހެން ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށް ބޮޑުތަން މި އޮތީ ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން މި ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާ ކަމުގެ ނިޝާނެއް މިއިން ފެނިގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަލިފުށީގައި ޖޮބް ސެންޓަރެއްގެ ހިދުމަތް ފެށުމީ މުހިއްމު މަސައްކަތެކެވެ. ރާއްޖޭގައި ވަޒީފާ ބޭނުންވާ ޒުވާނުންނާއި ވަޒީފާ އަށް މީހުން ނެތި ހުރި ވަަރަށް ގިނަ ވަޒީފާތައް އެބަހުރި ކަމަށާއި މިކަން މިގޮތަށް ވުމުން ސުވާލު އުފެދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އަލިފުށީ ޖޮބް ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ/ރައީސް އޮފީސް

އަލިފުށީ ޖޮބް ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ/ރައީސް އޮފީސް

އެކަމަކު ރާއްޖޭގައި އަދިވެސް ކުރަން ޖެހިފައި އޮތް ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި، ވަޒީފާތަކަށް މީހުން ތައްޔާރުކުރުމެވެ.

"އަޅުގަނޑުމެން އޭގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 213 މީހަކަށް ފުރުސަތު ހޯދައިދީފައިވާ އިރު އަމިއްލަ ކުންފުނިތަކުގެ ތެރެއިން 38 ފުރުސަތެއް މިހާތަނަށް ހޯދައިދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ މީހުން އެއްތަންކުރުމަށްޓަކައި ޖޮބް ސެންޓަރުގެ ހިދުމަތް ފެށީ މި އަހަރުގެ އެޕްރީލް މަހު އެވެ. އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވައި ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކާ ގުޅިގެން ކޮންމެ ރަށެއްގައި ޑެސްކެއް ބެހެއްޓުމެެވެ.

"މި ޖޮބް ސެންޓަރުގެ ބޭނުމަކަށް ވެގެން ދާނީ ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓަރީ ކުރުން. ހަމަ އެއާއެކީގައި ވަޒީފާ އަށް މީހުން ބޭނުންވާ ފަރާތްތަކަށް ކުންފުނިތަކުން ވެސް ވަޒީފާ ހުރިކަން މީގައި ރަޖިސްޓަރީ ކުރުމުން. އޭރުން ވަޒީފާ ބޭނުންވާ ފަރާތަށް، ހުރީ ކޮން ވަޒީފާތަކެއްކަން، ހުހަށް ހުރީ ކޮން ވަޒީފާތަކެއްކަން އެނގިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

ވަޒީފާ އަށް މީހުން ތަމްރީނު ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި އެކި އަތޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމު ކުރާނެ އެވެ.

ރައީސް ވިދާޅުވީ ބިދޭސީން ވަޒީފާތަކުން މަދުކޮށް ދިވެހިންނަށް ޖާގަ ތަނަވަސްކޮށްދިނުމަކީ ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"މި މަސައްކަތް ފެށިގެންދާއިރުގައި، އަޅުގަނޑު މި ދެންނެވިހެން ވަޒީފާއަކަށް އެދި ރަޖިސްޓަރީކޮށް، ވަޒީފާ ބޭނުންވެފައި ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ކަމަށް ވަންޏާ އެ މީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުސަތެއް އެމްއީޑީއަކުން ނުދޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.