Roadha Mihaaru
ރާއްޖެއާ ދެކޮޅަށްކުޅޭ ކޮލިފައިންއިން އަފްގާން ވަކިވެއްޖެ

ރާއްޖޭގެ އަންހެން ޓީމާ އެކު ކުޅޭ ކޮލިފައިންއިން އަފްގާން ވަކިވެއްޖެ

09 ސެޕްޓެމްބަރ 2021

އޭޝިއަން ކަޕް އަންހެން ކޮލިފިކޭޝަންގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނުނު އަފްގާނިސްތާން ކޮލިފައިން އިން ވަކި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއަން ކަޕް އަންހެން ކޮލިފިކޭޝަންގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނުނު އަފްގާނިސްތާން ކޮލިފައިން އިން ވަކި ވެއްޖެ އެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭޝިއަން ކަޕް އަންހެން ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް ބީގައި ރާއްޖެ އާއި އަފްގާނިސްތާނާ އެކު ދެން ލައްވާލީ ވިއެޓްނާމް އާއި ތަޖިކިސްތާން އެވެ. މި މަހު 23-29 ބާއްވާ ކޮލިފައިން ކުރިއަށްދާނީ ތަޖިކިސްތާންގަ އެވެ. ކޮލިފައިން އަށް ތައްޔާރު ވުމަށް ގައުމީ އަންހެން ޓީމުގެ ޕްރެކްޓިސްތައް ވަނީ ފަށައިފަ އެވެ. މިދިޔަ މަހު އަންހެން ޓީމުން ވަނީ، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަންހެން ޓީމާ ދެކޮޅަށް އެކުވެރި ކަމުގެ ދެ މެޗު ކުޅެފަ އެވެ. ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ގައުމީ އަންހެން ޓީމު ޕްރެކްޓިސް ކުރިއަށް ގެންދަނީީ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) ގެ ބެލުމުގެ ދަށުންނެވެ.

އަފްގާނިސްތާން މުބާރާތުން ވަކިވުމުން، ކޮލިފައިންގައި ދެން ކުޅޭނީ ތިން ގައުމެވެ. ގުރޫޕްގެ ކޮންމެ ޓީމަކަށް ދެ މެޗެވެ. ކުރިން އޮތް ގޮތުން ރާއްޖެ އާއި އަފްގާނިސްތާން ކުޅެން ހަމަޖެހިފައި ވަނީ މި މަހު 29 ވަނަ ދުވަހު އެވެ. އެ ގައުމު މުބާރާތުން ވަކި ވުމުން ގުރޫޕް ބީގެ މެޗު ކުޅޭ ތާރީހުތަކަށް ބަދަލު އަންނާނެ އެވެ.

ރާއްޖޭގެ އަންހެން ޓީމާއި އަފްގާނިސްތާންގެ އަންހެން ޓީމު ވަނީ މީގެ ކުރިން ބައްދަލުކޮށްފަ އެވެ. އިންޑިއާގައި 2014 ގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ އަފްގާނިސްތާން ބަލި ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅެނު މެޗަށް ދެ ޓީމު ނުކުންނަނީ --- ފޮޓޯ: ގޯލް ނޭޕާލް

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅެނު މެޗަށް ދެ ޓީމު ނުކުންނަނީ --- ފޮޓޯ: ގޯލް ނޭޕާލް

އަފްގާނިސްތާން މުބާރާތުން ވަކިވީ، މިހާރު އެ ގައުމުގެ ވެރިކަން ކުރާ ތާލިބާނުންގެ ސަރުކާރުން އަފްގާނިސްތާންގެ އަންހެން ކުޅުންތެރިންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ސުވާލު އުފެދިފައިވާތީ އެވެ. ކުޅިވަރު މުބާރާތްތަކުގައި އަންހެނުން ވާދަކުރަން ތާލިބާނުންގެ ސަރުކާރުން ހުއްދައެއް ނުދެ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ އަންހެނުން ކްރިކެޓް ކުޅެން ހުއްދަ ދޭނެހެނެއް. ސަބަބަކީ އަންހެނުން ކްރިކެޓް ކުޅުމަކީ މަޖުބޫރު ކަމެއް ނޫން،" އަންހެން ކްރިކެޓް ޓީމާ ބެހޭގޮތުން ސުވާލު ކުރުމުން ތާލިބާނުންގެ ކަލްޗަރަލް ކޮމިޝަންގެ ނައިބު އަހްމަދުﷲ ވާސިގް ވިދާޅުވި އެވެ.

އަފްގާންގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ. ކާބުލުގައި ދިރިއުޅޭ ކުޅުންތެރިން ތިބީ ގެއިން ބޭރަށް ނުނުކުމެ ފިލައިގެންނެވެ. އަފްގާނިސްތާންގެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފީފާ އިން ވަނީ އެހެން ގައުމުތަކުގެ ކިބައިން އެދިފަ އެވެ.

އަންހެން ކްރިކެޓަށް ހުއްދަ ނުދޭއިރު އަންހެން ފުޓްބޯޅަ ޓީމަށް ހުއްދަ ދޭނެ ކަމަކަށް ނުބެލެވެ އެވެ. އަފްގާނިސްތާނާއި ރާއްޖެއާ ދެމެދު ކުޅެން ހަމަޖެހިފަައި އޮތީ އަންހެން ޓީމު އެކަންޏެއް ނޫނެނެވެ. އަންނަ މަހު ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމު އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.

އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި އަފްގާނިސްތާން ހިމެނޭ ގުރޫޕު ސީގައި ދެން ހިމެނެނީ އިރާގާއި ބަހުރެއިން އެވެ. އޮކްޓޯބަރު 27-31 ބަހްރެއިންގައި ކުރިއަށްދާ ކޮލިފިކޭޝަން ތައްޔާރުވުމަށް ޒުވާން ޓީމު ދަނީ ރަށްރަށުގައި ޕްރެކްޓިސް މެޗުތަކެއް ކުޅެމުންނެވެ.

އަފްގާނިސްތާންގެ ފިރިހެން ފުޓުބޯޅަ ޓީމަށް ހުއްދަ ދީފާނެ ކަމަށް ބެލެވެ އެވެ. އަފްގާންގެ ސަރުކާރުން ވަނީ ފިރިހެން ކްރިކެޓް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފަ އެވެ.

ޒުވާން ޓީމު ވާދަކުރާ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 27 ގައި ނުކުންނާނީ 2013 ގެ ޗެމްޕިއަން އިރާގާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި 29 ވަނަ ދުވަހު ނުކުންނާނީ ބަހްރެއިންއާ ދެކޮޅަށެވެ. ރާއްޖެ އާއި އަފްގާނިސްތާން ކުޅެން ހަމަޖެހިފައިވާ މެޗު އޮންނާނީ 31 ވަނަ ދުވަހު އެވެ.