Roadha Mihaaru
އަފްގާނިސްތާން ޒުވާން ޓީމަށް ބަހްރޭނަކަށް ނުފުރުނު

އަފްގާނިސްތާން ޒުވާން ޓީމަށް ބަހްރޭނަކަށް ނުފުރުނު

26 އޮކްޓޯބަރ 2021

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރާ ގުރޫޕުގައި ހިމެނުނު އަފްގާނިސްތާނަށް ކޮލިފައިންގައި ވާދަކުރަން ބަހްރޭނަށް ނުފުރުމުން އެ ޓީމު ކޮލިފައިންގައި ވާދަނުކުރަން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރާ ގުރޫޕުގައި ހިމެނުނު އަފްގާނިސްތާނަށް ކޮލިފައިންގައި ވާދަކުރަން ބަހްރޭނަށް ނުފުރުމުން އެ ޓީމު ކޮލިފައިންގައި ވާދަނުކުރަން ނިންމައިފި އެވެ.

އަންނަ އަހަރުގެ ޖޫން މަގު އުޒްބެކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިން ގުރޫޕް ސީ ގައި ރާއްޖެ އާއި އަފްގާނިސްތާނުގެ އިތުރުން ދެން ހިމެނެނީ ބަހްރޭނާއި އިރާގެވެ.

ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި އިއްޔެ އިރާގާ ދެކޮޅަށް ކުޅެފަ އެވެ. މިމެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ.

އަފްގާނިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި ގަތަރު މަގުން ޓީމު ބަހްރޭނަށް ފުރުވާލުމުގެ މަސައްކަތް ކުރި އެވެ. ނަމަވެސް އަފްގާނިސްތާނުގެ ކާބުލް އެއާޕޯޓުން ދަތުރު ނުކުރާތީ ކޮލިފައިންގެ ފުރަތަމަ މެޗަށް ހާޒިރުވެވެން ނެތުމުން އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން އެ ގައުމުގެ މެޗްތައް ކެންސަލް ކުރީ އެވެ.

އަފްގާނިސްތާނުގެ ފުރަތަމަ މެޗު ތާވަލު ކުރެވިފައި އޮތީ އިއްޔެ، ކޮލިފައިންގެ މި ގުރޫޕް ހޯސްޓުކުރާ ގައުމު ބަހްރޭނާ ދެކޮޅަށެވެ. ދަތުރު ކުރެވޭގޮތް ނުވުމުން އެގައުމުން ކޮލިފައިންގައި ވާދަ ނުކުރާން ރަސްމީކޮށް ނިންމީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ތާލިބާނުން އަފްގާނިސްތާން ހިފުމާ އެކު އެ ގައުމުގެ އެތައް ސަތޭކަ އެތުލީޓުންނެއް ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.

މިއީ ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ ވެރިކަން ކުރާން ފެށި ފަހުން ގައުމީ ޓީމަކަށް ގައުމުން ނުފުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހު ތަޖިކިސްތާނުގައި އޮތް އޭއެފްސީ އޭޝިއަން ކަޕް އަންހެން ކޮލިފައިންގައި ރާއްޖޭން ވާދަކުރި ގުރޫޕުގައި ވެސް އަފްގާނިސްތާންގެ އަންހެން ގައުމީ ޓީމު ހިމެނު އިރު، ތާލިބާނުންގެ ސަރުކާރުން އަންހެން ޓީމަށް ހުއްދަ ނުދިނުމުން އެގައުމުން ކޮލިފައިންގައި ވާދަނުކުރަން ނިންމި އެވެ. ނަމަވެސް ޔޫއޭއީ އަދި އޮމާނުގައި މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ އެގައުމުގެ ފިރިހެން ކުރިކެޓް ޓީމު ވަނީ ގަތަރު މަގުން ފުރުވާލައިފަ އެވެ.

އެންމެ ފަހުން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަފްގާނިސްތާނާ ދެކޮޅަށް ކުޅުނީ 2010 ވަނަ އަހަރު ބަންގްލާދޭޝްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގަ އެވެ. އަފްގާނިސްތާނުން އެ މެޗުގައި ރާއްޖެ ބަލިކުރީ 1-0 އިންނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގެ ގޮތުގައި މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅެން ތާވަލް ކުރެވުނު ނަމަވެސް، އަފްގާނިސްތާން ވާދަނުކުރާން ނިންމުމުން ރާއްޖެއަށް ކޮލިފައިންގައި ބާކީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ، ބަހްރޭނާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ.

ކޮލިފައިންގައި ހިމެނޭ 11 ގުރޫޕުގެ އެއްވަނައަށް ދާ ޓީމުތަކަށް އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެ އެވެ. މީގެ އިތުރުން ކޮލިފައިން ގުރޫޕުތަކުގެ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަކަށް ވެސް މުބާރާތުން ޖާގަ ލިބޭއިރު، ބަހްރޭނާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތަށް ކޮލިފައި ވުމަށް، ރާއްޖޭން ނަތީޖާ ނެރުން މުހިއްމު މެޗެކެވެ.