Roadha Mihaaru
ޚާލިދު ޝެއިޚް މުހައްމަދު: 9/11 ގެ މައި ސިކުނޑި

ޚާލިދު ޝެއިޚް މުހައްމަދު: 9/11 ގެ މައި ސިކުނޑި

11 ސެޕްޓެމްބަރ 2021

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގާތްގަނޑަކަށް 3،000 މީހުން މަރުވި ހިތާމަވެރި، ނުރައްކާ ހަމަލާ އަށް މިއަދު 20 އަހަރު ފުރޭ އިރު އެ ހަމަލާ ރޭވުމުގެ އިސް މޭސްތިރިޔާގެ މައްޗަށް ހުކުމް ނުކޮށް އަދިވެސް ހުރީ ޖަލުގަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގާތްގަނޑަކަށް 3،000 މީހުން މަރުވި ހިތާމަވެރި، ނުރައްކާ ހަމަލާ އަށް މިއަދު 20 އަހަރު ފުރޭ އިރު އެ ހަމަލާ ރޭވުމުގެ އިސް މޭސްތިރިޔާގެ މައްޗަށް ހުކުމް ނުކޮށް އަދިވެސް ހުރީ ޖަލުގަ އެވެ.

ކިއުބާގެ ގުއަންޓަނާމޯ ބޭ ޖަލުގައި މިހާރު 15 ވަރަކަށް އަހަރު ހޭދަކުރި ޚާލިދު ޝެއިޚް މުހައްމަދު އޭނާގެ އަމިއްލަ ނަފްސަށް ފަޚުވެރިވެ ތަހުގީގު ކުރާ މީހުން ގާތު ބުނެފައި ވަނީ 9/11 ހަމަލާގެ ޚިޔާލު އުފަން ކުރުވައި އެ ހަމަލާ ރާވައި ހުރިހާ ކަމެއް ހިންގީ އޭނާ ކަމަށެވެ.

ގިނަ މީހުންނަށް ޚާލިދު ޝެއިޚް އެނގޭނީ އޭނާ ހައްޔަރުކުރި އިރު ނަގާފައިވާ ފޮޓޯއަކުންނެވެ. ބޯ ކުރުކޮށް ކޮށާލާފައި ވަރުގަދަ މަތިހެއްލާފައި އޭރު ހުރި ނަމަވެސް މިދިޔަ ހަފުތާގައި ގުއަންޓަނާމޯ ބޭ އަސްކަރީ ކޯޓަކަށް އޭނާ ހާޒރުކުރި އިރު ހުރީ ތުނބުޅި ވަރަށް ދިގުކޮށް، ޕާކިސްތާން ހެދުމެއް ލައިގެންނެވެ.

އުމުރުން 56 އަހަރުގެ ޚާލިދު ޝެއިޚް އުފަންވީ ޕާކިސްތާނުގަ އެވެ. އުޅެ ބޮޑުވީ ކުވޭތުގަ އެވެ. އޭނާ އަށް ރަނގަޅަށް އިނގިރޭސި ބަސް އެނގެ އެވެ. އެމެރިކާގެ ޔުނިވާސިޓީއަކުން ވަނީ މެކޭނިކަލް އިންޖިނޭރިން ކިޔަވައިފަ އެވެ. އޭނާ 1986 ވަނަ އަހަރު ގުރެޖުއޭޓްވި އިރު އެއީ ހަރުކަށި ފުކުރުގެ މީހެކެވެ.

ގަތަރު ސަރުކާރުގައި 1990 ގެ އަހަރުތަކުގައި މަސައްކަތްކުރި އިރު ޚާލިދު ޝެއިޚް ވަނީ އޭނާގެ ދެބެންގެ ދެދަރި ރަމްޒީ ޔޫސުގެ ކިބައިން ހިތްވަރު ހޯދައިފަ އެވެ. ރަމްޒީ ވަނީ ނިއު ޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި 1993 ވަނަ އަހަރު ބޮން ގޮއްވައިފަ އެވެ. އޭގެ ފަހުން ޚާލިދު ޝެއިޚް އާއި ރަމްޒީ ވަނީ ފިލިޕީންސް އިން އެމެރިކާ އަށް ދަތުރުކުރި ބޯޓެއް ގޮއްވާލަން ވެސް އުޅެފަ އެވެ. އެ ހަމަލާ ފެއިލްވުމުން ރަމްޒީ ވަނީ ޕާކިސްތާނުން ހައްޔަރުކޮށްފަ އެވެ. ޚާލިދު ޝެއިޚް އުޅުނީ ކުވޭތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާ އަށް ފިލަން ޕާކިސްތާނަށް 1996 ވަނަ އަހަރު ބަދަލުވެފަ އެވެ.

ޚާލިދު ޝެއިޚް މުހައްމަދު 2013 ވަނަ އަހަރު ގުއަންޓަނާމޯ ބޭ ޖަލުގައި. --އޭއެފްޕީ ފައިލް ފޮޓޯ

ޚާލިދު ޝެއިޚް މުހައްމަދު 2013 ވަނަ އަހަރު ގުއަންޓަނާމޯ ބޭ ޖަލުގައި. --އޭއެފްޕީ ފައިލް ފޮޓޯ

ޕާކިސްތާނުގައި އުޅުނު އިރު ޚާލިދު ޝެއިޚް ވަނީ 9/11 ގެ ހަމަލާގެ ރޭވުން އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އަށް ހުށަހަޅައިފަ އެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް ފަހު ޚާލިދު ޝެއިޚް ހައްޔަރު ކުރީ މާޗް 2003 ގައި ޕާކިސްތާނުގެ ރާވަލްޕިންޑީންނެވެ. އޭގެ ފަހުން ސީއައިއޭ އިން ސުވާލު ކުރުމަށް އޭނާ ގެންދިޔައީ ޕޮލެންޑަށެވެ. ހަތަރު ހަފުތާ ވަންދެން ސުވާލު ކުރި އިރު އެއްބަސް ކުރުވުމަށް ޚާލިދު ޝެއިޚަށް ވަނީ ވަރަށް ލާއިންސާނީ އަނިޔާ ދީފަ އެވެ. އޭގެ ތެރޭގައި މޫނު ބަނުމަށް ފަހު 183 ފަހަރު މޫނަށް ފެން އަޅައި ހާސްކޮށްލާފައިވެ އެވެ. ނިދިން މަހްރޫމްކުރުން ފަދަ އެތައް އަނިޔާއެއް ދިން އިރު ވެސް ސީއައިއޭގެ ރިޕޯޓުގައި ފާހަގަކޮށްފައި، ވަނީ ޚާލިދު ޝެއިޚު ދޮގު ހަދަމުން ދިޔަ ކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު 2006 ގައި ގުއަންޓަނާމޯ ބޭ ޖަލަށް ބަދަލު ކުރުމާ އެކު އަސްކަރީ ކޯޓުގައި އޭނާ ވަނީ 9/11 ގެ ހަމަލާ ރާވައި ހިންގި ކަމަށް އެއްބަސްވެފަ އެވެ.

"ސެޕްޓެމްބަރު 11 ގެ ހަމަލާގެ އޮޕަރޭޝަނުގެ އޭ އިން ޒެޑަށް ހުރިހާ ކަމެއްގެ ޒިންމާ އަހަރެން ނަގަން،" ޚާލިދު ޝެއިޚް ބުނެފައިވެ އެވެ.

އޭނާ ވަނީ އަލްގައިދާ އިން ހިންގި އިތުރު 30 އޮޕަރޭޝަނަކަށް ވެސް އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ބާލީ އާއި ކެންޔާގައި ބޮން ގޮއްވުން ހިމެނެ އެވެ. އަދި އެމެރިކާގެ ނޫސްވެރިޔާ ޑެނިއަލް ޕާލް 2002 ވަނަ އަހަރު ޕާކިސްތާނުގައި މަރާލީ އޭނާ ކަމަށް ބުންޏެވެ.

މިދިޔަ ހަފުތާގައި ކޯޓަށް ހާޒިރުކުރި އިރު ވެސް ޚާލިދު ޝެއިޚުގެ މޫނު މަތިން އެއްވެސް ހާސްކަމެއް ފެންނަން ނެތް ކަމަށް ޝަރީއަތަށް ދިޔަ ނޫސްވެރިން ބުންޏެވެ.