Roadha Mihaaru
ހަމަލާދިން މީހުން ހޯދަން އެހީވާން ތައްޔާރު: އެމެރިކާ

ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުން ހޯދަން އެހީވާން ތައްޔާރު: އެމެރިކާ

07 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދަން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދަން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ.

ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ރޭ އެއްޗެއް ގޮއްވާލުމުން އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއްޗެއް ގޮއްވާލާފައިވަނީ ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގަ އެވެ. ސައިކަލު ގޮއްވާލީ ނަޝީދު އެ ސަރަހައްދުން ހިންގަވާފައި ވަޑައިގެން، ކާރަށް އަރުއްވަނިކޮށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންގެ ދެކުނު އޭޝިއާއާ ބެހޭ ޑިވިޝަނުން ކުރި ޓްވީޓެއްގައިވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ދިވެހި ސަރުކާރާ އެކު އެމެރިކާ ދެމި އޮތް ކަމަށެވެ. އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެ ޓްވީޓްގައިިވެ އެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމެންޓުގެ ޓްވީޓް

އެ ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާ ފުލުހުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ޝައްކުވާ ބަޔަކު ތިބި ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކާ ގުޅިގެން އެމަނިކުފާނުގެ ސާޖަރީތަކެއް ވަނީ ކޮށްފަ އެވެ. އެމަނިކުފާނު މިހާރު އޮންނެވީ އައިސީޔޫގަ އެވެ.