Roadha Mihaaru
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި

ސެޕްޓެމްބަރު 11ގެ ފަހުން އެމެރިކާ އިން 48،000 އާންމުން މަރައިލި

07 ސެޕްޓެމްބަރ 2021

ސެޕްޓެމްބަރު 11، 2001 ގައި، އަލްގާއިދާ ޖަމާއަތުން އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން، ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާ ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކުގައި އާންމުންގެ 48،300 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް، އެއާވޯޒް އިން ބުނެފި އެވެ.

ސެޕްޓެމްބަރު 11، 2001 ގައި، އަލްގާއިދާ ޖަމާއަތުން އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން، ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާ ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކުގައި އާންމުންގެ 48،300 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް، އެއާވޯޒް އިން ބުނެފި އެވެ.

މިފަދަ ކަންކަމަށް ފާރަލާ އިނގިރޭސި ވިލާތުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ އެއާވޯޒް އިން އިއްޔެ ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާތަކުގައި އެކަނި މަރުވި އާންމުންގެ އަދަދު ވެސް 22،679 އަށް އަރަ އެވެ. މި އަދަދަކީ ސެޕްޓެމްބަރު 11 އަށް ފަހު އެމެރިކާ އިން އިއުލާން ކުރި ޓެރަރިޒަމާ ދެކޮޅު ސިލްސިލާ ހަނގުރާމައިގައި އަފްގާނިސްތާނާއި އިރާގާއި ސީރިޔާ އާއި ސޯމާލިޔާގެ އިތުރުން ލީބިޔާ އާއި ޔަމަންގައި ދިން ޑްރޯން ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ތަފާސްހިސާބުތަކާ ހަވާލާދީ މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ސެޕްޓެމްބަރު 11ގެ ހަމަލާއަށް ފަހު މިދިޔަ 20 އަހަރުގެ ތެރޭގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ހަމަލާތަކުގެ އަދަދު 93،527 އަށް ވުރެ ގިނަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ހަމަލާ ދީފައިވަނީ އެމެރިކާ ސިފައިން އިރާގާ ދެކޮޅަށް ހަނގުރާމަ ފެށިއިރު 2003 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި އިރާގުގެ އެކި އަމާޒުތަކަށް ވައިގެ މަގުން 18،695 ހަމަލާ ދީފައިވެ އެވެ.

މި ލަފާކުރުންތަކަށް ބަލާއިރު، އެމެރިކާގެ ޑްރޯން ހަމަލާތަކުގައި އެންމެ ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވަނީ 2003 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ހަމަލާތަކުގައި އާންމުންގެ 5،529 މީހުން މަރައިލި އެވެ.

ދެ ވަނަ އަށް އެންމެ ގިނަ އާންމުން މަރުވީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދަކަށް އަތް ގަދަކޮށްގެން ތިބި، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް އެ އަހަރު ދިން ހަމަލާތަކުގައި، އާންމުންގެ 4،931 މީހުން މަރައިލި އެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ އާންމުން މަރުވެފައިވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނާއި އިރާގު ހިފައިގެން ތިބި ދުވަސްވަރު، އެ ދެ ގައުމުގައި ދިން ހަމަލާތަކުގަ އެވެ. އެމެރިކާ އިން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތީ 2001 އިން 2021 އަށެވެ.

ދެ ވަނަ އަށް އެންމެ ގިނަ އާންމުން މަރުވެފައިވަނީ، އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ސީރިޔާ އާއި އިރާގުގައި، 2014 އިން 2021 އަށް ހިންގި އަސްކަރީ ހަރަކާތްތަކުގަ އެވެ.

އަފްގާނިސްތާނު އަޅުވެތިކޮށްގެން 20 އަހަރު އޮތުމަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށް ދިޔައީ، ހުސްވި އޮގަސްޓް 30 ވަނަ ދުވަހު އެވެ. ނަމަވެސް އަފްގާނިސްތާނުގައި ތިބި ޓެރަރިސްޓުންނާ ދެކޮޅަށް އެމެރިކާ ސިފައިން ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ހަމަލާތައް ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާތައް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި ނަމަވެސް، އެ ނުރައްކާތައް އަދިވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާ އިން ގެންގުޅޭ ސްޓެރެޓީޖީ ވެސް ބަދަލުވާންޖެހޭ ކަމަށް ބައިޑެން ވިދާޅުވި އެވެ.

"އަހަރެމެން ކަލޭމެންގެ މަތިން ހަނދާނެއް ނުނެތޭ. އަހަރެމެން ކަލޭމެން މަރާނަން. އަދި ކަލޭމެން ކުރި ކަންކަމުގެ އަގު އަދާކުރަން ޖައްސާނަން" އަފްގާނިސްތާނުގައި ތިބި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ކަށަވަރު ކޮށްދެއްވަމުން ބައިޑެން ވިދާޅުވި އެވެ.

މިދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާ ސިފައިން އެކި ގައުމުތަކަށް އަރައި ހިންގި އުދުވާނީ އަމަލުތަކުގައި މަރުވި މީހުންގެ ތަފްސީލީ އަދަދުތަކެއް އެމެރިކާ ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެއާވޯޒް އިން ނެރުނު ރިޕޯޓް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި އޮތީ، އަފްގާނިސްތާނަށް އެހީވުމުގައި މަސައްކަތްކުރާ އދ.ގެ ޓީމުން އެއްކޮށްފައި ހުރި މައުލޫމާތާއި ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް އާއި ދަ އިރާގީ ބޮޑީ ކައުންޓް ކިޔާ އަމިއްލަ ޖަމިއްޔާ އާއި ދަ ނޭޝަން ކިޔާ ނޫހުން ހޯދާފައި ހުރި މައުލޫމާތުގެ މައްޗަށެވެ.