Roadha Mihaaru
"އާރްއާރްއާރް"ގެ ރައިޓްސް ނެޓްފްލިކްސް އާއި ޒީ5 އަށް

"އާރްއާރްއާރް" ގެ ޑިޖިޓަލް ރައިޓްސް ނެޓްފްލިކްސް އާއި ޒީ5 އަށް

28 މެއި 2021

މި އަހަރު ރިލީޒްކުރަން އޮތް އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޑިޖިޓަލް ރައިޓްސް ނެޓްފްލިކްސް އާއި ޒީ5 އަށް އަށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ރިލީޒްކުރަން އޮތް އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޑިޖިޓަލް ރައިޓްސް ނެޓްފްލިކްސް އާއި ޒީ5 އަށް އަށް ދީފި އެވެ.

މިކަން ފިލްމުގެ ޓީމުން ކަށަވަރުކޮށްދިން ނަމަވެސް، އެ ދެ ޕްލެޓްފޯމަށް ފިލްމު ދޫކޮށްލަން ނިންމި އަގު ހާމައެއްނުކުރެ އެވެ. މި އަހަރުގެ އޮކްޓޯބަރު 13 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު ނެޓްފްލިކްސް އިން ގެނެސްދޭ އިރު އިނގިރޭސި ބަހުގެ އިތުރުން ކޮރެއާ، ތުރުލީ، ސްޕެއިން އަދި ޕޯޗްގީޒް ބަހުން ގެނެސްދޭނެ އެވެ. ޒީ5 އިން ފިލްމު ސްޓްރީމްކުރާ އިރު ގެނެސްދޭނީ އޭގެ ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ގެނެސްދޭ ވާޝަނެވެ.

"އާރްއާރްއާރް" ގެ ޑިޖިޓަލް ރައިޓްސް ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އަށް ދޫކޮށްލި އިރު މި ފިލްމު އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ޑިސްޓްރިބިއުޓްކުރަން ރައިޓްސް 70 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) އަށް ޕެން ސްޓޫޑިއޯސް އަށް ވިއްކާލާފައިވާ ކަމަށް މިދިޔަ އަހަރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސިނަމާތަކުގައި ދެއްކުމަށް ފަހު "އާރްއާރްއާރް" ދައްކަން ނިންމާފައިވާ ޓީވީ ޗެނެލްތަކުގެ ތެރޭގައި ޒީ ސިނެމާ އާއި ސްޓާ ތެލެގޫ/ކަންނާޑާ/ތަމަޅަ އަދި އޭޝިއާ ނެޓްގެ މަލަޔާޅަމް ޗެނެލް ހިމެނެ އެވެ.

އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. "އާރްއާރްއާރް" ގެ މައިގަނޑު ކާސްޓުންނަކީ ރާމް ޗަރަން، އެންޓީއާރް ޖޫނިއާ، އާލިއާ ބަޓް އަދި އަޖޭ ދޭވްގަނެވެ.

މި ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި 2015 އާއި 2017 ގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އެހެންވެ "އާރްއާރްއާރް" އަށް ކުރެވޭ އުންމީދުތައް ވަރަށް ވެސް ބޮޑެވެ.