Roadha Mihaaru
ގައިދީގެ މަރާ ގުޅިގެން އިދިކޮޅުން ކުއްލި މައްސަލައެއް

ގައިދީގެ މަރާ ގުޅިގެން އިދިކޮޅުން ކުއްލި މައްސަލައެއް

14 ސެޕްޓެމްބަރ 2021

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވި މައްސަލައާ ގުޅިގެން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވި މައްސަލައާ ގުޅިގެން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ގައިދީގެ މަރާ ގުޅިގެން، ކަމާބެހޭ ފަރާތްތައް އިހުމާލު ވެފައިވާ ކަމަށް އާއިލާއިން ކުރާ ތުހުމަތު ސަރުކާރުން ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ހުޅުމާލޭ ޖަލުގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގދ. ވާދޫ، ޖަނަވަރީގޭ މުހައްމަދު އަސްލަމް، 40، ކުއްލި ގޮތަކަށް މަރުވީ ރޭގެ ވަގުތެއްގަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އަސްލަމް މަރުވިކަން އާއިލާ އަށް ނާންގައި ސިއްރުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން ބުނަމުން އަންނަ ކަމަށެވެ.

ހުޅުމާލޭ ޖަލުގައި އަސްލަމް ހުއްޓައި ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރު 5:00 ހާއިރު ކަމަށާއި އޭނާ މަރުވި ކަން އާއިލާ އަށް އެނގުނީ ރޭ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރު ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އަސްލަމް ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިގެން އާއިލާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް އެ ތަނުގައި ތިބި ކަރެކްޝަންސްގެ އޮފިސަރުންނާ ސުވާލުކުރުމުން އަސްލަމަށް ފަރުވާދެމުން އަންނަ ކަމަށް ބުނި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އޭގެ އެތައް އިރެއްވީ ފަހުން ވެސް އާއިލާ އަށް އެކަމުގެ އިތުރު މައުލޫމާތު ނުލިބުމުން، އަސްލަމް ހޮސްޕިޓަލުގައި ބާއްވާފައި އޮތް ކޮޓަރި އަށް އާއިލާގެ ފަރާތުން ގަދަކަމުން ވަން އިރު، އަސްލަމް މަރުވެ އެތައް އިރެއް ވެފައިވާ ކަމަށް އާއިލާ އަށް އެނގިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންސާނެއްގެ ފުރާނަ ނެތިގެން ދިޔައިރު އެ ފަރާތަށް ވެސް [އާއިލާ އަށް ވެސް] އަންގާފައި ނުވާތީ އާއި، ކަރެކްޝަންގެ މިފަދަ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައިވާތީ މުހައްމަދު އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަވައިދެއްވައި، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވޯޓުގައިި ބައިވެރިވެ ވަޑައިގަތް 24 މެންބަރުންގެ އިއްތިފާގުން، އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށައިފަ އެވެ.