Roadha Mihaaru
އަންނަ އަހަރަށް ލަފާ ކުރަނީ 37 ބިލިއަންގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާ ކުރަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް

14 ސެޕްޓެމްބަރ 2021

މަސައްކަތް ކުރަނީ އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކަމަށް ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" އިން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސައްކަތް ކުރަނީ އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކަމަށް ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" އިން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީން އާންމު ކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 33.8 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް ކަނޑައެޅީ 21 ބިލިއަން ރުފިޔާ އެވެ. އަދި އެކިއެކި މަޝްރޫއުތައް ހިންގަން 10.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދު ކުރަން ލަފާކޮށްފައި ވަނީ 7.1 ބިލިއަން ރުފިޔާ އެވެ.

"މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ގައި ވާ ގޮތުން އާމްދަނީގެ ގޮތުގައި އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 23.6 ބިލިއަަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 14.7 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހޯދަން ލަފާކޮށްފައިވާ އިރު، އާމްދަނީ ހޯދާނެ އާ ކަންކަމުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ލަފާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ފައިނަލް ބަޖެޓު ފޮނުވާނީ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ މައްޗަށް ބިނާކޮށެވެ. ކޮންމެ އަހަރެއްގެ ވެސް ބަޖެޓު އެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

އަންނަ އަހަރު އާމްދަނީ ހޯދަން އާ ހަތް ކަމެއް

މި ރިޕޯޓުގައިވާ ގޮތުން އާމްދަނީ ހޯދާނެ އާ ކަންކަމުގެ ތެރޭގައި ހަތް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓް ޓެކްސް ރޭޓު ބޮޑުކުރުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް މެދުވެރިކޮށް، ބިދޭސީންގެ ކޯޓާ ފީ، ރެޒިޑެންޓް ޕާމިޓް ފީ އިތުރު ކުރުމާއި ކޮންޖެސްޝަން ޗާޖެއް ނެގުމާއި ސްޕެކްޓްރަމް ޗާޖެއް ނެގުމެވެ.

އާމްދަނީ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި އެހެން ނަމަވެސް އަދި މިހާތަނަށް ހާސިލު ނުވާ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން ރިއަލް އެސްޓޭޓް ޓޫރިޒަމުން އާމްދަނީ އިތުރު ކުރަން ހިމަނާފައިވެ އެވެ.

މިހާރު ކަންކަން ދާ ގޮތުން އެކަން ހާސިލުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވެ އެވެ. އަންނަ އަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 350 މިލިއަން ރުފިޔާ ހޯދަން އަންދާޒާ ކޮށްފައިވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް 40 ބިލިއަން ރުފިޔާ އަށް އިތުރު ކޮށްފި ނަމަ ފައިނޭންސް ހޯދަން އުނދަގޫ ވާނެ ކަމަށް ވެސް "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ރިޕޯޓުގައި ބުންޏެވެ.