Roadha Mihaaru
ނައިޖީރިއާގެ ޖަލެއް ފަޅާލައި 240 ގައިދީން ފިލައިފި

ނައިޖީރިއާގެ ޖަލެއް ފަޅާލައި 240 ގައިދީން ފިލައިފި

14 ސެޕްޓެމްބަރ 2021

ނައިޖީރިއާގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ކޮގީގައި ހުރި، ނުރައްކާތެރި ކުށްވެރިން ހައްޔަރުކުރާ ޖަލެއް ފަޅާލައިގެން 240 ގައިދީން ފިލާފައިވާ ކަމަށް، އެ ގައުމުގެ ޖަލުތަކާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ނައިޖީރިއާގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ކޮގީގައި ހުރި، ނުރައްކާތެރި ކުށްވެރިން ހައްޔަރުކުރާ ޖަލެއް ފަޅާލައިގެން 240 ގައިދީން ފިލާފައިވާ ކަމަށް، އެ ގައުމުގެ ޖަލުތަކާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ނައިޖީރިއާގެ ޖަލުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ޖަލު ފަޅައިލީ ހަތިޔާރު އެޅި ބަޔަކު ޖަލަށް ހަމަލާދީގެން ކަމަށެވެ. ހަތިޔާރު އެޅި ބަޔަކު، ޖަލުގެ ބޭރު ދޮރޯށީގައި ތިބި ފާރަވެރިންނަށް ހަމަލާ ދީ ޖަލު ފަޅާލައިގެން، ގައިދީންތައް ފިލުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ހަތިޔާރު އެޅި މީހުން ޖަލުގެ ފާރަވެރިންނަށް ހަމަލާ ދޭން ފެށުމާ އެކު، ފާރަވެރިން ވެސް ރައްދުގައި ހަމަލާ ދޭން ފެށި އެވެ. ދެ ފަރާތުގެ މެދުގައި އިރުކޮޅެއް ވަންދެން ހަމަލާ ބަދަލުކުރުމަށް ފަހު، ހަތިޔާރު އެޅި މީހުން ޖަލު ތެރެއަށް ވަދެގަތް އިރު، ފާރަވެރިންގެ އެކަކު ވަނީ މަރުވެފަ އެވެ.

ޖަލުތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ހަތިޔާރު އެޅި މީހުން ޖަލަށް ހަމަލާ ދިން އިރު، އެ ޖަލުގައި 294 ގައިދީން ތިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒުކުރަމުން ދިޔަ 70 ކުށްވެރިއަކާއި، ޝަރީއަތުގެ މަރުހަލާގައި ތިބި 224 ގައިދީންނެވެ.

އެ ސަރަހައްދުގެ އެސިސްޓެންޓް އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އެޑީ އަޔޫބާ ވިދާޅުވި ގޮތުގައި ޖަލު ފަޅައިލީ ޖަލުގެ ހުރިހާ ފަރާތަކުން ކުއްލި ގޮތަކަށް ގިނަ ބަޔަކު ހަމަލާ ދިނުމަށް ފަހު އެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ޖަލުގެ ވަށައިގެން ހަމަލާ ދޭން ފެށުމުން، އެ މީހުން މައިތިރިކުރާނެ ފުރުސަތު، ޖަލުގެ ފާރަވެރިންނަށް ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާ ދިން ހަތިޔާރު އެޅި ޖަމާއަތުގެ މީހުން، ވަކި ބަޔަކު ޖަލުން ފިލުވަން މަސައްކަތް ކުރިކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގައިދީންތައް ޖަލުން ފިލުމާ އެކު، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ. ޖަލުން ފިލި ގައިދީން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އަތުލައިގަނެވުނީ އެންމެ ތިން މީހުންނެވެ.

ކޮގީ ސްޓޭޓްގެ ޖަލު މި ފަޅައިލީ، އެ ގައުމުގެ އިރުދެކުނު އިމޯ ސްޓޭޓްގެ ޖަލު ފަޅާލައިގެން 2،000 ގައިދީން ފިލިތާ ފަސް މަސް ދުވަސް ފަހުންނެވެ. މިދިޔަ އެޕްރީލް މަހު ހިނގި އެ ހާދިސާގައި ޖަލު ފަޅައިލީ، ހަތިޔާރު އެޅި ބަޔަކު ޖަލަށް ހަމަލާދީ، ޖަލުގެ ބޭރު ފާރުގެ އެކި ހިސާބުތަކުގައި ގޮވާތަކެތި ހަރުކޮށް، ޖަލުގެ އެކި ބައިތައް ގޮއްވާލައިގެންނެވެ.