Roadha Mihaaru
ނައިޖީރިއާގެ ޖަލެއް ފަޅާލައި 900 ގައިދީން ފިލައިފި

ނައިޖީރިއާގެ ޖަލެއް ފަޅާލައި 900 ގައިދީން ފިލައިފި

07 ޖުލައި 2022

ނައިޖީރިއާގެ ވެރިރަށް އަބޫޖާގައި ހުންނަ ޖަލެއް ފަޅާލައިގެން، އެ ތަނުގައި ތިބި ގައިދީންގެ ތެރެއިން ގާތްގަނޑަކަށް 900 އެއްހާ ގައިދީން، މިދިޔަ އަންގާރަ ދުވަހު ފިލައިފި އެވެ.

ނައިޖީރިއާގެ ވެރިރަށް އަބޫޖާގައި ހުންނަ ޖަލެއް ފަޅާލައިގެން، އެ ތަނުގައި ތިބި ގައިދީންގެ ތެރެއިން ގާތްގަނޑަކަށް 900 އެއްހާ ގައިދީން، މިދިޔަ އަންގާރަ ދުވަހު ފިލައިފި އެވެ.

ނައިޖީރިޔާ ސަރުކާރުން ބުނާ ގޮތުގައި ޖަލު ފަޅައިލީ، ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު، ހަތިޔާރާއެކު އައިސް ޖަލަށް ހަމަލާ ދިނުމަށް ފަހު، އެ ޖަލުގެ އޮފިސަރުންގެ ތެރެއިން ބައެއް މީހުން މަރައިލުމަށް ފަހު އެވެ. ނައިޖީރިއާގެ ޖަލުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު އުމަރު އަބޫބަކުރު ވިދާޅުވި ގޮތުގައި، ޖަލުން ނުކުތް 879 ގައިދީންގެ ތެރެއިން، 443 ގައިދީން އަދިވެސް ނުފެނެ އެވެ.

ޖަލުން ނުކުތް ގައިދީންގެ ތެރެއިން ދެ ބައިކުޅަ އެއްބައި ގައިދީން މިހާރު ތިބީ ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ފުލުހުންނާއި ޖަލު އޮފިސަރުން ކުރި މަސައްކަތުން އަތުލައިގަތް މީހުންނެވެ. އަދި ބައެއް ގައިދީން ވަނީ، ކައިރީގައި ހުރި ފުލުހުންގެ އިދާރާއަކަށް ގޮސް އަމިއްލަ އަށް އަމާންދީފަ އެވެ.

އަބޫބަކުރު ވިދާޅުވި ގޮތުގައި ހަނގުރާމަވެރިން ޖަލަށް ހަމަލާ ދިނީ ވަރަށް ވަރުގަދަ ހަތިޔާރު ބޭނުންކޮށްގެންނެވެ. ހަނގުރާމަވެރިން ޖަލު ކައިރި އަށް އައުމަށް ފަހު އެންމެ ފުރަތަމަ ވެސް، ޖަލުގެ ބޭރުގައި ހުރި ސަލާމަތީ އޮފިސަރަށް ހަމަލާދީ މަރައިލީ އެވެ. އެއަށް ފަހު ޖަލުގެ އެތެރެއަށް ވަދެ، އޮފިސަރުންނަށް ހަމަލާދެމުން، ޖަލުގެ ގޮޅިތައް ހުޅުވަމުން ދިޔައީ އެވެ.

ނައިޖީރިޔާގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޝުއައިބު ބެލްގޯރް ވިދާޅުވި ގޮތުގައި ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ޖަލަށް ހަމަލާ ދިނީ، އެ ޖަލުގައި ހައްޔަރުކޮށްފައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް، އެ ތަނުން ނެރެން ކަމަށް ބެލެވެ އެވެ. ނަމަވެސް ހައްޔަރުކޮށްފައި ތިބި ބައެއް ހަނގުރާމަވެރިން ވެސް ތިބީ އެހެން ކުށްތަކުގައި ޖަލަށް ލާފައި ތިބި ގައިދީންނާ ވެސް އެކުގައި ކަމަށްވާތީ، އެ ގޮޅިތައް ހުޅުވުމުން، އެހެން ގައިދީންތައް ވެސް ޖަލުން ނުކުމެގެން ދިޔައީ އެވެ.

ދާޚިލީ ވުޒާރާ އިން ބުނާ ގޮތުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އަށް އަޅާފައިވާ އެ ޖަލުގައި 1000 ގައިދީން ތިބެ އެވެ. އޭގެ ތެރޭގައި ބޯކޯ ހަރާމް ޖަމާއަތުގެ 64 ގައިދީން ވެސް ހިމެނެ އެވެ. އެ 64 ގައިދީން ވެސް ޖަލުން ފިލައިގެން ގޮސްފައިވާ ކަމަށް، ނައިޖީރިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ބަޝީރު ސޯލިހީ މަގާޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލު ފަޅައިލަން އުޅުމުން، ޖަލު އޮފިސަރުންނާއި ހަމަލާ ދިން ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ތެރޭގައި، ގައިދީންގެ ތެރެއިން ހަތަރު މީހަކު ވެސް މަރުވި އެވެ. އަދި އިތުރު 16 މީހަކު ޒަޚަމްވި އެވެ. ޖަލު އޮފިސަރުންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް ސަރުކާރުން ނުބުނެ އެވެ.