Roadha Mihaaru

ވާނުވާ ބަންދުގައި 417 މީހުން، ޖާގައިގެ ދަތިކަމާ ހެދި ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 57 މީހުން

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި 417 މީހަކު އެބަތިބި ކަމަށާއި ޖާގައިގެ ދަތިކަމުގެ ސަބަބުން އޭގެ ތެރެއިން ބައެއް މީހުން ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި އެބަތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

01 މާޗް 2025

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި 417 މީހަކު އެބަތިބި ކަމަށާއި ޖާގައިގެ ދަތިކަމުގެ ސަބަބުން އޭގެ ތެރެއިން ބައެއް މީހުން ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި އެބަތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 417 މީހުންގެ ތެރެއިން 57 މީހަކު ޖާގައިގެ ދަތިކަމުގެ ސަބަބުން ރިމާންޑު ޖަލަކަށް ބަދަލެއް ނުކުރެވި އެބަތިއްބެވެ. އޭގެ ތެރެއިން 21 މީހަކު ތިބީ އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ މަރުކަޒުތަކުގަ އެވެ.

ރިޕޯޓުގައިވާ ގޮތުން ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 200 އަށް ވުރެ ގިނަ ދުވަސް ވެފައިވާ 10 މީހަކު މިހާރު ވެސް އެބަ ތިއްބެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށް، ރިމާންޑު ޖަލަށް ބަދަލުކޮށްފައިވާ ގިނަ މީހުން ތިބީ މާފުށީ ޖަލުގަ އެވެ. މާފުށީ ޖަލުގައި 285 މީހަކު ތިބިއިރު، ހުޅުމާލޭގައި 70 މީހުންގެ އިތުރުން ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިން ކުޑަ ކުއްޖަކު ވެސް އެބަތިބި އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދެ މީީހަކު މިވަގުތު ތިބީ ގޭ ބަންދުގަ އެވެ.

ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަހު ތިބި މީހުންގެ ބަންދަށް މިހާރު ވަނީ ހަ އަހަރު ވެފަ އެވެ. އެއީ ހަތަރު މީހެކެވެ. ފަސް އަހަރަށް ވުރެ ގިނަ ދުވަސް ބަންދުގައި ތިބި 8 މީހަކު ތިބިއިރު، ހަތަރު އަހަރަށް ވުރެ ގިނަވެފައިވާ 22 މީހަކު އެބަތިއްބެވެ.

ޕީޖީ އޮފީހުން ބުނީ، 39 މީހެއްގެ ބަންދަށް ވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ކަަމށެވެ. އަދި 69 މީހެއްގެ ބަންދަށް ދެ އަހަރު 83 މީހެއްގެ ބަންދަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދުގެ މުއްދަތު 30 ދުވަސް ހަމަވާ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ ތެރެއިން ލުއި ދެވެން ތިބި މީހުންނަށް ލުއި ދީފައިވާ ކަމަށާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ ކޮންމެހެން ތިބެން ޖެހިގެންތޯ ކަށަވަރު ކޮށްފައި ވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

"ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި އެ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވާނެ ކަމުގެ އިހުމާލެއް ނެތް މީހުންނާއި އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި ބަންދުގައި އެހާ ތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ހާލަތުގައި ތިބި މީހުން ޝަރުތުތަކަކާ އެކު ބަންދުން ވީއްލުމަށް އިސްކަންދީފައިވާނެ އެވެ،" ރިޕޯޓުގައި ވެ އެވެ.

ބަންދުގައި ތިބި ބައެއް މީހުންނަށް ލުއި ދިން ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި މީހުން މެރުމުގެ ތުހުމަތާއި ޑްރަގް ނެޓްވޯކްތަކުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުތައް ފަދަ އަދި ކިތަންމެ ކުޑަ ނަމަވެސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ މީހުން ދޫކޮށްފައިނުވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން އެހެން ބުންޏަސް ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރަން އޮންނަ އުސޫލާ އެއްގޮތަށް، އެ ކަން ހަރުދަނާ ގޮތެއްގައި ނުކުރާ ކަމަށް އެ އޮފީހުގެ އޮޑިޓު ރިޕޯޓުން ދައްކަ އެވެ.