ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ނިއު ޒީލެންޑުގެ ރިކީ ހާބަޓް ވަކިކޮށް ވަގުތީ ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.
05 ޖޫން 2016
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ނިއު ޒީލެންޑުގެ ރިކީ ހާބަޓް ވަކިކޮށް ވަގުތީ ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.
އެފްއޭއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ހާބަޓާ އެކު ހަދާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ.
"ދެ ފަރާތުން ވެސް ދެކޭ ގޮތުގައި ދިވެހި ފުޓްބޯޅައަށް އަދި ކޯޗަށް ވެސް އެންމެ ރަނގަޅުވާނީ ކޮންޓްރެކްޓް އުވާލުން ކަމަށް. އެހެންވެ އެފްއޭއެމްގެ އެކްސްކޯ އާއި ކޯޗު މަޝްވަރާކުރެވި ނިންމި ނިންމުމެއް މިއީ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ފުޓްބޯޅައިގައި ނަތީޖާ ނެރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި ހަމައެގޮތަށް ޓީމެއް ބިނާކުރުމުގެ މަސައްކަތަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެ ހުރިހާ ކަމަކަށް ބަލާފައި ކޯޗު ވެސް ވަކިހިސާބަކުން ބޭނުންވި ކޮންޓްރެކްޓް ބާތިލްކުރަން. އަދި ނުކުމެފައި ހުރި ނަތީޖާތަކާއި އަދި ޓީމުގެ މޯރަލް ދަށްވެފައިވުމާއި މޯޓިވޭޝަނެއް ވެސް ނެތުމުން، މިވަގުތު ދިވެހި ފުޓްބޯޅައަށް އެންމެ ރަނގަޅުވާނީ ހާބަޓް ދޫކޮށްލުން ކަމަށް ފެންނާތީ އޭނާއާ އެކު މަޝްވަރާއަށް އަޅުގަނޑުމެން ދިޔައީ،" ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ތޯރިގް (މ) އާއި ސީނިއާ ނައިބް ރައީސް މުހައްމަދު ކަލީމް (ވ) އަދި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެފްއޭއެމުން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި ނަމަ އޭނާ އަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ކޮންޓްރެކްޓުގައި ހިމަނާފައިވާ ކަމަށް އެނގިފައިވެ އެވެ. ތޯރިގް ވިދާޅުވީ ކޮންޓްރެކްޓުގެ ތަފްސީލް އެއް ފަރާތުން ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމަކު ކޮންޓްރެކްޓުގައި ހުރި މާއްދާތަކަށް ކޯޗު ދޫދީފައިވާ ކަމަށެވެ.
ތޯރިގް ވިދާޅުވީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހާބަޓް ހޭދަކުރި މުއްދަތުގައި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް އެކުލަވާލުމަށް ޓެކްނިކަލް ޑިރެކްޓަރަށް އެދިފައިވާނެ ކަމަށާއި ދިމާވި މައްސަލަތައް އެނގޭނީ އެ ރިޕޯޓް ލިބުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އާ ކޯޗެއް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށާއި މިވަގުތު އެކަމުގެ އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ހާބަޓް މަގާމުން ވަކިކުރިއިރު، އޭޝިއަން ކަޕް ކޮލިފައިން ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅެން ގައުމީ ޓީމު މިއަދު ގަތަރަށް ފުރީ އޭނާ ނުލަ އެވެ. ޓީމާ ހަވާލުވެގެން ދިޔައީ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ކުރިން ހުރި އިންމަ އެވެ. އޭނާ ވަނީ ވެލިޒާ ޕޮޕޯފް ކޯޗުކަމުން ވަކިކުރުމުން މިދިޔަ އަހަރު ވެސް ވަގުތީ ކޯޗަކަށް މަސައްކަތްކޮށް ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އިރުޝާދު ދީފަ އެވެ. މާޒިޔާގެ ކުރީގެ ކޯޗު އިންމަ ވަނީ ގައުމީ ޓީމަށް ކުރިން ކުޅެފަ އެވެ.
ހާބަޓް (ކ) ގައުމީ ޓީމުގެ ޕްރެކްޓިހުގައި ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ހާބަޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ ސާފް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ގޭމްސް އަދި ބަންގުބަންދު ގޯލްޑްކަޕް ކަޕުގެ ސެމީ ފައިނަލުން ކަޓައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ހާބަޓުގެ އިރުޝާދުގެ ދަށުން ރާއްޖޭން ޖުމްލަ 19 މެޗު ކުޅެފައިވާއިރު 11 މެޗުން ވަނީ ބަލިވެފަ އެވެ. ހަތް މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީ އެވެ. އެކަމަކު އޭނާ އަށް ބޮޑަށް ފާޑުކިޔުން އަމާޒުވީ އޭޝިއަން ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ މާލޭގައި ޔަމަން އަތުން 2-0 އިން ބަލިވުމުންނެވެ. އެ މެޗަށް ފަހު ސަޕޯޓަރުން ވަނީ ކޯޗުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމާ ހަވާލުވި ހާބަޓް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއު ޒީލެންޑަށް ކޯޗުކޮށްދީފަ އެވެ. އިނގިރޭސި ލީގުގެ ވުލްވްސް އަށް ކުޅެފައިވާ ހާބަޓް ވަނީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުޅެފަ އެވެ.
ހާބަޓް ނުލައި ގައުމީ ޓީމު ފުރައިފި
ހާބަޓް ވަކިކުރުމުގެ ވަގުތު އައިސް ޖެހިއްޖެ!؟
ބަލިވުމުގެ ޒިންމާ ނަގަން، އިސްތިއުފާއާ މެދު ނުވިސްނަން
މިއީ ފެންވަރު ސާބިތުކޮށްދޭން ރަނގަޅު ފުރުސަތެއް: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން