Roadha Mihaaru
އަމީން މިނިވަން ކުރި ނިންމުން ސުޕްރީމް ކޯޓަށް

އަމީން މިނިވަން ކުރި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

16 ސެޕްޓެމްބަރ 2021

އައިއެސް ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައިވާ އަމީރު ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީން މިނިވަން ކުރަން މިއަދު ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިއެސް ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައިވާ އަމީރު ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީން މިނިވަން ކުރަން މިއަދު ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަކާ މެދު ނިންމި ގޮތް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގުމުން ހައި ކޯޓުން ބެލި މައްސަލައިގަ އެވެ.

މިއަދު ހުކުމް ކުރި އެ މައްސަލައިގައި، ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ނޮވެމްބަރު 24، 2019 ކަމަށްވާއިރު ދައުވާ ކުރީ ޑިސެމްބަރު 5، 2019ގައި ކަމަށް ހުކުމުގައިވެ އެވެ.

ދައުލަތުން ދެކޭ ގޮތުގައި އޭނާއަށް ދައުވާ ކުރަން ޖެހޭ މުއްދަތު ބަލަން ޖެހޭނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ ނަަމަ ތަހުގީގަށް 45 ދުވަސް ލިބޭނެ އެވެ. އަދި ދައުވާ ކުރަން 15 ދުވަސް ލިބޭ އިރު އެއަށް ވުރެ މުއްދަތު އިތުރު ވެސް ކުރެވިދާނެ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ އާއި ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ހައި ކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގައި ތަހުގީގު ކުރުމާއި ދައުވާ ކުރުމުގައި ހާއްސަ މުއްދަތުތައް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިގެންދާނެ އެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

އަމީނަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ވެސް އަމީނަށް ކުރެވުނެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.