Roadha Mihaaru
ސިލްސިލާ "ސަސުރާލް ގެންދަ ޕޫލް 2" ހަދަނީ

ސިލްސިލާ "ސަސުރާލް ގެންދަ ޕޫލް 2" ހަދަނީ

19 ސެޕްޓެމްބަރ 2021

ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ސަސުރާލް ގެންދަ ޕޫލް" ގެ ދެވަނަ ސީޒަނަކަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ސަސުރާލް ގެންދަ ޕޫލް" ގެ ދެވަނަ ސީޒަނަކަށް ތައްޔާރުވާން ފަށައިފި އެވެ.

މި ޕްރޮޖެކްޓާ ގުޅުން ހުރި ބަޔަކު އީޓައިމްސް އަށް ބުނީ ކުރީގެ މައިގަނޑު ކާސްޓުންނާ އެކު ސީޒަން ދެ ވަނަ ސީޒަނަށް ތައްޔާރުވަމުން އައި ނަމަވެސް، ލީޑް ބަތަލާ ރާގިނީ ކަންނާ އަދި މުޅިން ފެހި ސިގްނަލް ދީފައި ނުވާ ކަމަށެވެ. ސަބަބަކީ ފީއާ މެދު އޭނާ އާއި ޕްރޮޑަކްޝަން ޓީމާ އެކު އަދި މުޅިން އެއްބަސްވުމަކަށް ނާދެވޭތީ އެވެ. އެކަމަކު މި މަސް ނިމުމުގެ ކުރިން ޝޫޓިން ފަށަން ޕްލޭންކޮށްފައިވާތީ ރާގިނީ އެއްބަސްވާނެކަމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

"ސަސުރާލް ގެންދަ ޕޫލް" އަކީ ސްޓާ ޕްލަސް އިން 2010-2012 އަށް ގެނެސްދިން ސިލްސިލާއެކެވެ. އޯލްޑް ދިއްލީގައި އުޅޭ ބޮޑު އާއިލާއެއްގެ ވާހަކަ ކިޔައިދިން ސިލްސިލާގެ 573 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ބޮޑު ކާސްޓެއް ވެސް ފެނުނު މި ސިލްސިލާގެ މައިގަނޑު ރޯލުތައް ކުޅުނީ ރާގިނީގެ އިތުރުން ޖޭ ސޯނީ އާއި ސުޕްރިޔާ ޕިލްގާއޯންކްރަ އެވެ. ސުޕްރިޔާ އަކީ މިހާރު ސޮނީން ދައްކާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ސީޒަންގެ ތިނެއްގައި ވެސް މުހިއްމު ރޯލެއް ކުޅެމުން އަންނަ ބަތަލާއެކެވެ.

އިންޑިއާގެ ޗެނެލްތަކުން ކުރިން ގެނެސްދީފައިވާ މަގުބޫލު ސިލްސިލާތަކުގެ އާ ސީޒަންތައް ގެނެސްދިނުމުގެ ފޯރިއެއް އަރާފައިވާ އިރު، ސްޓާ ޕްލަސް އިން މިހާރު އަންނަނީ އެ ޗެނެލުން ކުރިން ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދެމުންނެވެ. އަދި ކުރިން ގެނެސްދިން މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ އާ ސީޒަން މިދިޔަ އަހަރު ނިންމާލާފައިވެ އެވެ.

މި މަހުގެ 6 ގައި "ޗިކޫ ކީ މަންމީ ދޫރު ކީ" ކިޔާ އާ ސިލްސިލާއެއް ދައްކަން ފެށި ސްޓާ ޕްލަަސް އިން މިހާރު އަންނަނީ "ވިދުރޯހީ" ކިޔާ ވަތަނީ ސިލްސިލާއެއް ދައްކަން ތައްޔާރުވަމުންނެވެ. އޭގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް އަދި ސިލްސިލާ ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ސްޓާ ޕްލަސްގެ މިހާރު ގެނެސްދެމުން އަންނަ އިތުރު ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ"، "އިމްލީ"، "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"، "ސާތު ނިބާނާ ސާތިޔާ 2"، "ޕާންޑިއާ ސްޓޯރް" އަދި "އާޕްކީ ނަޒުރޯ ނެ ސަމްޖާ" ހިމެނެ އެވެ.