Roadha Mihaaru
"ޔޭ ރިޝްތާ" ގެ ދެ ތަރިން "ބިގް ބޮސް 15" އަށް؟

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ލީޑް ދެ ތަރިން "ބިގް ބޮސް 15" އަށް؟

20 ސެޕްޓެމްބަރ 2021

ސްޓާ ޕްލަސްގެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މިހާރު ލީޑް ރޯލު ކުޅެމުން އަންނަ މުހްސިން ޚާނާއި ޝިވާންގީ ޖޯޝީ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަނުގައި ވާދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މިހާރު ލީޑް ރޯލު ކުޅެމުން އަންނަ މުހްސިން ޚާނާއި ޝިވާންގީ ޖޯޝީ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަނުގައި ވާދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަޑު އަރާފައި މި ވަނީ ސިލްސިލާގެ ވާހަކަ އަށް ބޮޑު ލީޕެއް ގެންނާތީ، ދުވަސްވީ މީހެއްގެ ކެރެކްޓާ ކުޅެން ބޭނުން ނުވެ މުހުސިން އެއިން ވަކިވާން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ. އެއާ އެކު ޝިވާންވީ ވެސް ސިލްސިލާ އިން ވަކިވާން އެދި ޓްވިޓާގައި ފޭނުންތަކެއް ކެމްޕޭންކޮށްފައިވެ އެވެ.

މި ދެ ތަރިންނާ ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން "ބިގް ބޮސް 15" ގައި ބައިވެރިވާން ހުށަހެޅުމުން މުހުސިނާއި ޝީވާންގީ ވެސް އެކަމާ ސީރިއަސްކޮށް ވިސްނާފައިވެ އެވެ. އަދި މި ހަފުތާގެ ތެރޭގައި ގޮތެއް ނިންމައި އެކަން އިއުލާންކުރާނެ އެވެ. ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ ޝޯ ފަށާ ގޮތަށް ނިންމާފައި ވަނީ އަންނަ މަހުގެ 2 ގަ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލައި "ބިގް ބޮސް 15" ގައި ބައިވެރިވުމާ މެދު ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅޭ މުހުސިނާއި ޝިވާންގީ ސީރިއަސްކޮށް ވިސްނަން ނިންމީ އެ މީހުންނަށް ހުށަހެޅި އަގުގެ ސަބަބުންނެވެ. އެގޮތުން ދެ ތަރިންނަށް ހުށަހެޅީ 4 ކްރޯޑް ރުޕީސް (542,777 ޑޮލަރު) ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގައި ނައިރާ އާއި ކާތިކްގެ ރޯލު ޝިވާންގީ އާއި މުހުސިން ކުޅެމުން އަންނަނީ 2016 އިން ފެށިގެންނެވެ. އެ މީހުން ސިލްސިލާގެ ލީޑަށް ގެނައީ ކުރިން ލީޑް ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް) ވެސް ސިލްސިލާގައި ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން އިންކާރުކޮށް، ސިލްސިލާ ދޫކޮށްލުމުންނެވެ. އެ ދޫކޮށްލުމަށް ފަހު 2016 ގައި ކަރަން "ބިގް ބޮސް 10" ގައި ވާދަކުރި އެވެ. އަދި 2017 ގައި ހީނާ އެ ޝޯގެ 11 ވަނަ ސީޒަންގައި ވާދަކުރި އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ ސްޓާ ޕްލަސް އިން 2009 އިން ފެށިގެން ދައްކަމުން އަންނަ އެއްޗެކެވެ.