Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޗައިނާ މީހަކު މަރުވި އެކްސިޑެންޓް:ކުށް ސާބިތެއް ނުވި

ޗައިނާގެ ޓޫރިސްޓަކު މަރުވި އެކްސިޑެންޓް: ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި

18 ސެޕްޓެމްބަރ 2021

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޗައިނާގެ ޓޫރިސްޓަކު އެކްސިޑެންޓެއްގައި މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޗައިނާގެ ޓޫރިސްޓަކު އެކްސިޑެންޓެއްގައި މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު 2014 ގައި ރާއްޖެ އައި އެ ޓޫރިސްޓު މީހާ މާލޭގައި އުޅެނިކޮށް އެކްސިޑެންޓްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ދަނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލަކުން އޭނާގެ ގައިގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އޭރު އިނީ ލައިސަންސް ނެތް މީހެކެވެ.

ލައިސަންސް ނެތި އަދި ބަލަންވާ މިންވަރަށް ނުބަލައި ދުއްވި ކަމަށް ބުނެ މއ. ރޯޒްމީޑް، އިބްރާހިމް ހައްފާފު މާލިކު އަބްދުއްރައްޒާގުގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ޗައިނާގެ ޓޫރިސްޓުމީހާ މަރުވީ ދައުވާލިބޭ މީހާ ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހެޅި ވީޑިއޯތައް ސާފު ނޫން ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ބައެއް މީހުން ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ. ޗައިނާގެ އެހެން ޓޫރިސްޓަކު ތަހުގީގަށް ބަޔާން ދީފައި ވިޔަސް، އޭނާގެ ބަޔާނަށް ބާރު ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދައުވާލިބުނު މީހާގެ ބަޔާނެއް ތަހުގީގަށް ނަގާފައިވަނީ އޭނާއަށް ވަކީލެއްގެ އެހީތެރިކަމާއި ހަނު ހުރުމުގެ ހައްގު އޮތްކަން ބުނެދިނުމެއް ނެތި ކަމަށާއި އެހެންވެ، އެ ބަޔާން ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އަދި އެ މީހާ މަރުވީ ދައުވާލިބުނު މީހާ ދުއްވި ސައިކަލަކުން ޖެހިކަން އެނގޭނެ ހެއްކެއް ނެތުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައިވެ އެވެ.