Roadha Mihaaru
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް

ބަކިންހަމް ޕެލަސްގެ މަރާމާތަށް ދެ އަހަރު ތެރޭ 360 މިލިއަން ޕައުންޑް

29 ޖޫން 2021

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ލަންޑަންގައި ހުންނަ ބަކިންހަމް ޕެލަސް މީގެ ދެ އަހަރު ކުރިން މަރާމާތުކުރަން ފެށި މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ބައި މިހާރު ނިމުމަކަށް އައިސްފައިވާ އިރު، ފުރަތަމަ ފޭހުގެ މަރާމާތަށް މިހާރު ވެސް 360 މިލިއަން ޕައުންޑް ހޭދަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ލަންޑަންގައި ހުންނަ ބަކިންހަމް ޕެލަސް މީގެ ދެ އަހަރު ކުރިން މަރާމާތުކުރަން ފެށި މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ބައި މިހާރު ނިމުމަކަށް އައިސްފައިވާ އިރު، ފުރަތަމަ ފޭހުގެ މަރާމާތަށް މިހާރު ވެސް 360 މިލިއަން ޕައުންޑް ހޭދަކޮށްފި އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބަކިންހަމް ޕެލަސްގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ފެށީ 2019 ގެ ފަހުކޮޅު އެވެ. މަރާމާތުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބޮޑެތި ކަންކަމުގެ ތެރޭގައި ގަނޑުވަރުގެ ޒަމާންވީ ކަރަންޓް ކޭބަލްތައް ބަދަލުކުރުމާއި އެތަނުގެ ފެން ވަޔަރިން ޒަމާނީކުރުމާއި ގަނޑުވަރުގެ ހީޓިން ނިޒާމު ޒަމާނީކުރުމާ އެކު، ގަނޑުވަރުގެ ފުރާޅު ބަދަލުކުރުން ވެސް ހިމެނެ އެވެ

ހާއްސަކޮށް، ރާނީ އެލިޒަބަތު ދިރިއުޅުއްވަމުން ގެންދަވާ ބަކިންހަމް ޕެލަސް އަކީ 775 ކޮޓަރީގެ ތަނެކެވެ. އޭގެ ތެރޭގައި ޝާހީ ބޭފުޅުންނާއި މެހުމާނުންނަށް ހާއްސަ 52 ކޮޓަރި އާއި މުވައްޒަފުންނަށް 188 ކޮޓަރި އާއި 29 އޮފީސް ކޮޓަރި ހިމެނެ އެވެ. މުޅި ގަނޑުވަރުގައި ޖުމްލަ 78 ފާހާނާ ވެސް ހުރެ އެވެ.

ލަންޑަނަށް ޒިޔާރަތްކުރާ މީހުން ބަލައިލަން ދާން ހާއްސަ ތަނެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ބަކިންހަމް ޕެލަސްގެ މަރާމާތުގެ މަސައްކަތަކީ 10 އަހަރަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މީގެ ފުރަތަމަ ފޭހުގެ މަސައްކަތް އަންނަ އަހަރުގެ ޖޫންގައި ރާނީގެ ތަހުތަށް 70 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ނިންމާނެ އެވެ.

ރާނީގެ ހަޒާންދާރު ސާ މައިކަލް ސްޓީވެންސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖޫން ރާނީގެ ތަހުތަށް 70 އަހަރު ފުރުމުގެ ޕްލެޓިނަމް ޖުބިލީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައި އިރު، އޭގެ ތެރެއިން ބަކިންހަމް ޕެލަސްގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

"އަބަދު ވެސް ޝާހީ އާއިލާގެ ހާއްސަ ދުވަސްތައް ފާހަގަކުރުމުގައި ބަކިންހަމް ޕެލަސް އަކީ ވަރަށް ބޮޑު ސަމާލުކަމެއް ދެވޭނެ. އެހެންވީމަ ވަކިން ހާއްސަކޮށް ޕްލެޓިނަމް ޖުބިލީ އަށް އެތަން ޒީނަތްތެރިކުރުމަކީ ވަކިން ބޮޑަށް މި ފަހަރު އިސްކަން ދެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގަނޑުވަރުގެ މަރާމާތުގެ މަސައްކަތް ފެށި ފަހުން، ރާނީ، 95، މިހާރު އާންމުކޮށް ދިރިއުޅުއްވަނީ ވިންޑްޒާ ކާސަލްގަ އެވެ. ރާނީގެ ތަހުތަށް އަންނަ އަހަރު 70 އަހަރު ފުރޭ އިރު، ފިރިކަލުން ޕްރިންސް ފިލިޕް، 99، ވަނީ އެޕްރީލް 9 ގައި އަވަހާރަވެފަ އެވެ.

ރާނީގެ ޕްލެޓިނަމް ޖުބިލީގެ ހަރަކާތްތައް ޖޫން މަހުގެ 2-5 އަށް ވަރަށް ކުލަގަދަކޮށް، ގިނަ ހަރަކާތްތަކާ އެކު ބާއްވާނެކަން އިއުލާންކޮށް، އޭގެ ތާވަލު ވެސް އާންމުކޮށްފައިވެ އެވެ.