Roadha Mihaaru
ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައި

ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައި

19 ސެޕްޓެމްބަރ 2021

ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުން އަވަސްކުރަން ސަރުކާރަށް ޕްރެޝާކުރުމަށް ސިވިލް ސާވަންޓުން ކަޅު ހެދުމުގައި މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުން އަވަސްކުރަން ސަރުކާރަށް ޕްރެޝާކުރުމަށް ސިވިލް ސާވަންޓުން ކަޅު ހެދުމުގައި މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

ސިވިލް ސާވަންޓުން އެކުގައި ތިބިކަން ހާމަކޮށްދިނުމަށް އެކި ދާއިރާތަކުގެ މުވައްޒަފުން ކަޅު ހެދުމުގައި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރުންނާ އެކި ރަށްރަށުގެ ކައުންސިލްތަކާއި ހެލްތު ސެންޓަރުގެ މުވައްޒަފުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ ހައްގު ހޯދައިދިނުމަށް ގޮވާލައި ޕޯސްޓަރު ހިފައިގެންނެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކަޅުހެދުމުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ސިވިލް ސާވެންޓް އެސޯސިއޭޝަން

ހިމަންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކަޅުހެދުމުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ސިވިލް ސާވެންޓް އެސޯސިއޭޝަން

މި ހަރަކާތަށް އިސްނެގީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ "ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަން" ނަމަކަށް ކިޔާ ގްރޫޕެކެވެ. އެ އެސޯސިއޭޝަނުން ބުނިގޮތުގައި، ކަޅު ހެދުމުގައި ކުރިއަށް ގެންދާ އިހުތިޖާޖަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެ އެވެ.

މިއަދުގެ ހަރަކާތާ ގުޅިގެން ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ސިވިލް ސާވެންޓްސް އެސޯސިއޭޝަނުން ނިންމާފައިވަނީ މާދަމާ މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައި.

އިހުތިޖާޖުކުރާ މީހުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވަންޓުން އިހުތިޖާޖަށް ނުކުތްއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިދިޔަ ހަފުތާގައި ވަނީ ބައްދަލުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަންނަ އަހަރު އެންމެ އަވަހަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނާނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ކަމަށެވެ. އިތުރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ބަލައި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.