Roadha Mihaaru
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ

ބާކީ ތިބި މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން 35 ޕަސެންޓް އެލަވަންސް ލިބޭނެ: ރައީސް

30 އެޕްރީލް 2023

ސަރުކާރުގެ އިދާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލެވަންސް ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ އިދާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލެވަންސް ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާން ކުރައްވަން އެ މަނިކުފާނު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލް ހާމަކުރާނީ ކަމާބެހޭ އިދާރާތްތަކުން މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގަ އެވެ.

ވީޑިއޯ މެސެޖުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އަލަށް އެލަވަންސް ލިބެން ފަށާ މުވައްޒަފުންނާއެކު، 9،838 މުވައްޒަފުންގެ މުސާރަ އަށް އަންނަ މަހުން ފެށިގެން ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.

އެ ހުރިހާ ބަދަލަކަށް ދައުލަތުގެ ބަޖެޓުން އަހަރަކަށް ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުގެ މުވައްޒަފުންނަށް ވެސް ވަނީ މިނިމަމް ވޭޖް އެލަވަންސްގެ ނަމުގައި އެލަވަންސް އެއް ތައާރަފްކޮށްފަ އެވެ. ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން އޭގެ ކުރިން ސްޕެޝަލް ޑިއުޓީ އެލަވަންސެއް ދޭން ފެށި އެވެ.

ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް އެލަވަންސް ބޮޑުވި އެވެ. އެހެންވެ، ކައުންސިލްތަކުން ވެސް ވަނީ އެ މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސް ދިނުމަށް ގޮވާލައި ގަރާރުތަކެއް ނެރެފަ އެވެ.