Roadha Mihaaru
އެއްދުވަހުން އެއްކުރީ 65 ޓަނުގެ ކުނި

އެއްދުވަހުން އެއްކުރީ 65 ޓަނުގެ ކުނި

20 ސެޕްޓެމްބަރ 2021

ދުނިޔެ ސާފުކުރުމުގެ ދުވަހާ ދިމާކޮށް މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ރަށްތަކުގައި ބޭއްވި ހަރަކާތްތަކުގައި 65 ޓަނަށް ވުރެ ގިނަ ކުނި ހޮވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔެ ސާފުކުރުމުގެ ދުވަހާ ދިމާކޮށް މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ރަށްތަކުގައި ބޭއްވި ހަރަކާތްތަކުގައި 65 ޓަނަށް ވުރެ ގިނަ ކުނި ހޮވައިފި އެވެ.

މުޅިއެކު 20،000 ވޮލަންޓިއަރުން ބައިވެރިވި މި ހަރަކާތުގައި 20 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ކުންޏާއި 45 ޓަނަށް ވުރެ ގިނަ އެކި ބާވަތުގެ ކުނި ހޮވާފައިވެ އެވެ.

ކޮންމެ ސެޕްޓެމްބަރު މަހެއްގެ 18 ވަނަ ދުވަހު ފާހަގަކުރާ "ވޯލްޑް ކްލީންއަޕް ޑޭ" އާ ދިމާކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ތަންތަން ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ރާއްޖޭގައި މި ހަރަކާތް އިންތިޒާމު ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" މި އަހަރު ރަސްމީ އިވެންޓް ބޭއްވީ ކ. މާފުށީގަ އެވެ.

ދުނިޔެ ސާފުކުރުމުގެ ދުވަސް: އެޓްމޯސްފިއާ ކާނިފުށި ރިސޯޓުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

ދުނިޔެ ސާފުކުރުމުގެ ދުވަސް: އެޓްމޯސްފިއާ ކާނިފުށި ރިސޯޓުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

މާފުށީ ކައުންސިލާއި އެ ރަށުގެ ސަރުކާރު އޮފީސްތަކާއި ގެސްޓް ހައުސްތަކާ އަދި އާންމުން ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ވަރަށް ކާމިޔާބު ކަމަށް ލެޓްސް ޑޫ އިޓް މޯލްޑިވްސް އިން ބުނެ އެވެ. އެހެން ރަށްތަކުން ވެސް އެ ޖަމިއްޔާ އަށް ބޮޑު ތަރުހީބެއް ލިބުނެވެ.

"ރަށްރަށުގައި ދިރިއުޅޭ މީހުން އެ މީހުންގެ ކޮމިއުނިޓީއާ މެދު ވިސްނާވަރު ފެނިއްޖެ. ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ވަރަށް ގިނަ މައްސަލަތައް ހުރިކަން ގަބޫލުކުރަން. އެކަމަކު އެހާ ގިނަ ބަޔަކު އެމީހުން ދިރިއުޅޭ ތަންތަން ސާފުކުރަން ނުކުތުމަކީ ވަރަށް ރަނގަޅު ކަމެއް،" އެ ޖަމިއްޔާގެ ޓީމު ލީޑަރު ޔާމީން އަދުދާން ބުންޏެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތައް ހިމެނޭ ގޮތަށް މި އަހަރު ރާއްޖޭގެ 20 ރަށެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. އެންމެ ގިނައިން ބައިވެރިވެފައި ވަނީ ރިސޯޓުތަކުންނެވެ.

ދުނިޔެ ސާފުކުރުމުގެ ދުވަސް: ވާރު އެޓްމޯސްފިއާ ރިސޯޓުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

ދުނިޔެ ސާފުކުރުމުގެ ދުވަސް: ވާރު އެޓްމޯސްފިއާ ރިސޯޓުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

މާފުށީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އައްޑޫ މީދޫ އާއި ދ. މާއެނބޫދޫގައި ވަނީ މި ހަރަކާތް ބާއްވައިފަ އެވެ. މާލޭ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީއާ ގުޅިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބީޗުގަ އެވެ.

ހުޅުމާލެ ބީޗު ސާފުކުރަން ބޭއްވި ހަރަކާތުގައި އެކަނި ވެސް ވަނީ، އެންމެ ދެ ގަޑިއިރުގެ ތެރޭގައި 14 ޓަނުގެ ކުނި ހޮވައިފަ އެވެ.