Roadha Mihaaru
ކުނިން ސަލާމަތްކޮށްދޭނެ ބިޔަ މަޝްރޫއެއް!

ކުނިން ސަލާމަތްކޮށްދޭނެ ބިޔަ މަޝްރޫއެއް!

23 ސެޕްޓެމްބަރ 2021

ކުރިން ނަމަ, ބޯ ދުންތަކުގެ ތެރެއިން ތިލަފުއްޓަށް އަރައި ފައި އެޅޭނީ މެހި ފުނި މަތީގަ އެވެ; ވަށައިގެން އޮންނަ ކުނި ފުނީގެ އުނދަގޫ ނުޖެހި ރަށަށް އެރޭނެ ހަމަ އެއްގޮތެއް ވެސް ނޯންނަނީ އެވެ. ކުނިި އުފުލާ އުޅަނދުތަކުގައި އަންނަ މީހުން ވެސް ހޯދަނީ ކޮންމެވެސް ދިމާލަކަށް އޮއްސާލާފައި އަވަހަށް ސަލާމަތްވެވޭނެ ގޮތެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިން ނަމަ, ބޯ ދުންތަކުގެ ތެރެއިން ތިލަފުއްޓަށް އަރައި ފައި އެޅޭނީ މެހި ފުނި މަތީގަ އެވެ; ވަށައިގެން އޮންނަ ކުނި ފުނީގެ އުނދަގޫ ނުޖެހި ރަށަށް އެރޭނެ ހަމަ އެއްގޮތެއް ވެސް ނޯންނަނީ އެވެ. ކުނިި އުފުލާ އުޅަނދުތަކުގައި އަންނަ މީހުން ވެސް ހޯދަނީ ކޮންމެވެސް ދިމާލަކަށް އޮއްސާލާފައި އަވަހަށް ސަލާމަތްވެވޭނެ ގޮތެކެވެ.

އެހާ ވެސް ގޮނޑު، "ކުނި" ރަށެކެވެ؛

އޮކްޓޯބަރު، 17، 2017 ގައި "މިހާރު"ގެ ފޮޓޯގްރާފަރު ނިޝާން އަލީ ނެގި ފޮޓޯގައި ތިލަފުށި މެހިން ފުރިފައި.

އޮކްޓޯބަރު، 17، 2017 ގައި "މިހާރު"ގެ ފޮޓޯގްރާފަރު ނިޝާން އަލީ ނެގި ފޮޓޯގައި ތިލަފުށި މެހިން ފުރިފައި.

އެކަމަކު ތިލަފުށި މިހާރު އޮތީ މުޅިން ބަދަލުވެފަ އެވެ. މެހީގެ އުނދަގުލެއް، ކުނި ފަރުބަދައިން އަރާ ވިހަ ދުމުގެ ހާސްކަމެއް ވެސް ނެތެވެ.

ކުނި ފުނީގެ ތެރެއިން 15 ހެކްޓަރު އޮތީ ހިއްކައި ތަޅުން އަޅައިފަ އެވެ. އެ ސަރަހައްދުގައި ހަދަމުން ދިޔައީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ކުނި މެނޭޖްކުރަން ބޭނުންވާނެ އިމާރާތްތަކެވެ. އެތަނުގެ ކައިރީގައި ޒަމާނީ ވެހިކަލްތަކާއި މެޝިނަރީޒްތަކާއި ބޮޑެތި ޑަސްބިންތައް ބަހައްޓާފައި ހުއްޓެވެ. މިއީ، ތިލަފުށި ބަދަލުކޮށްލުމުގެ ޕްލޭންގައި އަދި ފެންނަ ކުޑަ މިންވަރެކެވެ.

ކުނީގެ ތިލަފުށިން 15 ހެކްޓަރު ހިއްކައި ބަރު ވެހިކަލް ދުއްވޭ ގޮތަށް ހަދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުނީގެ ތިލަފުށިން 15 ހެކްޓަރު ހިއްކައި ބަރު ވެހިކަލް ދުއްވޭ ގޮތަށް ހަދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގައި ކުރިއަށް އޮތް ތަނުގައި ތިލަފުށީގެ ކުނި ފަރުބަދަ ފެހިކޮށް، ފެންނާނީ ޒަމާނީ ރީތި ރަށެއްގެ ގޮތުގަ އެވެ. ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅާލައި އެ ޖެހުނު އުނދަގުލުން ސަލާމަތްވާނެ އެވެ. އެއްތަނުން އަނެއް ތަނަށް ކުނި އުފުލައި ނައްތާލާނީ ވެސް ރައްކާތެރިކަމާ އެކުގަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެށި، 210 މިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) އާއި ޓެކްނިކަލް އެސިސްޓަން ސްޕެޝަލް ފަންޑް (ޓީއޭއެސްއެފް) ގުޅިގެންނެވެ.

ދެ ފިޔަވައްސަށް ބަހާލާފައި އޮތް އިރު މައިގަނޑު އަމާޒަކަށް އޮތީ ތިލަފުށީގައި ބިން ހިއްކުމާއި ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުނީގެ ފަރުބަދައިން ދުން އެރުން ހުއްޓުވުމެވެ.

ފުރަތަމަ ފިޔަވަހި: 40 މިލިއަން ޑޮލަރު

އޭޑީބީ: 33 މިލިއަން ޑޮލަރު

ޖަޕާން ފަންޑް: 2 މިލިއަން ޑޮލަރު

ޓީއޭއެސްއެފް: 500،000:

ދިވެހި ސަރުކާރު: 4 މިލިއަން ޑޮލަރު

ފުރަތަމަ ފިޔަވަހި ނިމޭއިރު، ދުޅަހެޔޮ ދިރިއުޅުމުގެ މާހައުލެއް މާލެ ސަރަހައްދުގައި އުފެއްދުމަކީ މި ޕްރޮޖެކްޓުން ނެރެން ބޭނުންވި ނަތީޖާ އެވެ.

ތިލަފުށީގައި މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިލަފުށީގައި މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ 129 މިލިއަން ޑޮލަރެވެ. މި މަޝްރޫއު ނިންމަން އޮތީ 2024 އަށެވެ.

މަޝްރޫއުގެ ޚުލާސާއެއް

- މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން 32 ރަށަކަށް އަމާޒުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމްކުރުން.

- ދެ ފިޔަވައްސަކަށް ހިންގާ މި މަޝްރޫއުގައި ތިލަފުއްޓަކީ ކުނި މެނޭޖްކުރާ މަރުކަޒު

- ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަދާނެ.

- ރަށްތަކުގެ ކުނި ފުނި ގެންނާނީ މާލެއަށް

- 32 ރަށުގައި ކުނި ކޮށި ގާއިމްކޮށް، ބަދަލުވާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް

- ކުނި އުފުލައި ތިލަފުއްޓަށް ޖަމާކުރުމުގައި ރައްކާތެރި ނިޒާމެއް.

- ކުނި ބޭލްކޮށް، އަންދާނީ އިންސިނިރޭޓާގައި

ކުނި އުފުލަން ހާއްސަކޮށްފައިވާ ވެހިކަލްތަކެއް: ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒް ވަނީ ހަމަކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުނި އުފުލަން ހާއްސަކޮށްފައިވާ ވެހިކަލްތަކެއް: ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒް ވަނީ ހަމަކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިލަފުށި: ކުނި މެނޭޖްކުރާ މަރުކަޒަކަށް

ކުނީގެ މައްސަލަ ބޮޑު ރާއްޖޭގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ނައްތާލެވޭނެ ރަނގަޅު އިންތިޒާމެއް ނެތުމެވެ. މިކަން ކޮޅެއްގައި ޖައްސަން މީގެ ކުރިން ވެސް މަޝްރޫއުތައް ހިންގި އެވެ. އެކަމަކު މާ ބޮޑު ނަތީޖާއެއް ނުނެރެވެ އެވެ.

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު ޖަލީލް ވިދާޅުވީ މި މަޝްރޫއުގައި ހައްލު ހޯދެނީ ހަމައެކަނި މާލެ ސަރަހައްދަކަށް ނޫނެވެ. ރާއްޖެއަށް ކުރިމަތިވެފައި އޮތް ކުނީގެ ކާރިސާއަށް މި މަޝްރޫއުން ބޮޑު ހައްލެއް ލިބޭނެ އެވެ.

މަޝްރޫއު ނިމޭއިރު ތިލަފުށި އޮންނާނެ ގޮތް.

މަޝްރޫއު ނިމޭއިރު ތިލަފުށި އޮންނާނެ ގޮތް.

މަޝްރޫއުގައި އަމާޒު ހިފާފައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން (ކ. އއ. އދ. ވ) އަތޮޅުގެ 32 ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކަމަށް ވިދާޅުވި އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ތިލަފުށި ބަދަލުވަނީ ކުނި މެނޭޖްކުރާ މަރުކަޒަށެވެ. ހާއްސަ ޓްރާންސްފާ ސެންޓަރުތަކެއް މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ހަދާނެ އެވެ.

ގޭގެ އާއި އޮފީސްތަކުން ނެރޭ ކުނިތައް ޓްރާންސްފާ ސެންޓަރުތަކަށް ގެނެސް ބަރުކުރާނީ ކޮންޓެއިނަރުތަކަށެވެ. މި ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންނާނީ އުފުލިތަކުގައި ރައްކާތެރިކަމާ އެކުގަ އެވެ. މި މަޝްރޫއުގެ ދަށުން ކުނި އުފުލަން ހާއްސަ ތިން އުޅަނދެއް ބަންނާނެ އެވެ.

"މާނައަކީ ކުނި އުފުލާއިރު މޫދަށާއި މަގުތަކަށް ކުނި އެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އިމްޖާދު ވިދާޅުވި އެވެ.

މަޝްރޫއުގެ ތަފްސީލްތައް ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު "މިހާރު"ގެ ނިއުސް ޓީމަށް ކިޔައިދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޝްރޫއުގެ ތަފްސީލްތައް ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު "މިހާރު"ގެ ނިއުސް ޓީމަށް ކިޔައިދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވަކި ތާވަލެއްގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް ރަށްރަށާއި މި ސަރަހައްދުގެ 75 ރިސޯޓުން ވެސް ކުނި ނަގާނެ އެވެ. މި ކުނިތައް ތިލަފުއްޓަށް ގެންގޮސް ބަހައްޓާނީ ބެއިލްކޮށްފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި ނިމޭއިރު މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ.

ތަޅާލައި ވައްޓާލާ އިމާރާތްތައް އަލުން މާކެޓަށް

މާލެ ސަރަހައްދުގައި ބިމާ ހަމަކޮށްލާ އިމާރާތްތައް ތިލަފުއްޓަށް ގެންގޮސް ބަހައްޓަން ޖެހެނީ ފުންޏަކަށް ޖަހައިފަ އެވެ. މިކަމަށް ވެސް ހައްލެއް ހޯދާނެ އެވެ. ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކުން ބޮޑެތި ކޮންކްރީޓް ތަނބުތަކާއި ބީމްތައް އެކި ސައިޒުތަކަށް ކުދިކޮށްލާނެ އެވެ.

ކުނި ފަރުބަދައިން ބާވަތްތައް ވަކިކުރަނީ: މީގެ 29 އަހަރު ކުރިން ފެށިގެން ކުނި ޖަމާކުރަން ފެށި މި ފަރުބަދައިން ވަނީ އެކި ބާވަތްތައް ވަކިކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުނި ފަރުބަދައިން ބާވަތްތައް ވަކިކުރަނީ: މީގެ 29 އަހަރު ކުރިން ފެށިގެން ކުނި ޖަމާކުރަން ފެށި މި ފަރުބަދައިން ވަނީ އެކި ބާވަތްތައް ވަކިކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތިން ސައިޒެއް ނުވަތަ ފަސް ސައިޒަކަށް އެ އެއްޗެހި ކުދިކޮށްލެވޭނެ. މީގައި ވެސް މާކެޓެއް އޮތިއްޔާ އެ ހިސާބަކަށް ގެންދެވޭ ގޮތް ހަދާނެ" އިމްޖާދު ވިދާޅުވި އެވެ.

"މިސާލަކަށް އުކުޅަސް، ރަސްދޫ ފަދަ ޓޫރިޒަމަށް މަޝްހޫރު ރަށްރަށުގެ ބީޗު ސަރަހައްދުގައި ގާފުނިތައް ބެހެއްޓުން ވެސް ނިމުމަކަށް އަންނާނެ."

ވެހިކަލްތަކުން ތޮއްޖެހިފައި އޮތް މާލޭގެ މަގުތަކަށް ޖަމާވާ ބާ ވެހިކަލްތަކުން ވެސް ސަލާމަތްކަން ހޯދޭނެ އެވެ. އެ އެއްޗެހި ރޫޅައި ކޮށައި ކުދިކޮށް މާކެޓެއް އޮތް ނަމަ އެކަން ކުރަން ޕްލޭންގައި އޮތީ ރާވައިފަ އެވެ.

"ފަސޭހަ ދާއިމީ ހައްލެއް، ނަމޫނާ ޕްރޮޖެކްޓެއް"

ކޮވިޑުގައި ތާށިވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މި މަޝްރޫއުގެ މަސައްކަތެއް ނުހުއްޓެވެ.

ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ޒަމީލް ވިދާޅުވީ ޕްލޭންކޮށްފައި އޮތް މުއްދަަތަށް ވުރެ މަޝްރޫއު ލަސްވާން ބޭނުން ނުވީ ކަމަށެވެ. ހުރިހާ ސާމާނުތަކެއް ހޯދުމުގެ އިތުރުން ތިލަފުއްޓަށް ގެނެސް ބަހައްޓާ ސަރަހައްދު ވެސް އަންނަ މަހުގެ ނިޔަލަށް ނިމޭނެ އެވެ. ރަށްރަށުގައި ކުނި ކޮށިތައް އެޅުން ވެސް މި އަހަރުގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ތިލަފުށީގައި: މި މަޝްރޫއުން ހޯދައިދެނީ ކުނީގެ މައްސަލައަށް ޖުމްލަ ހައްލެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ތިލަފުށީގައި: މި މަޝްރޫއުން ހޯދައިދެނީ ކުނީގެ މައްސަލައަށް ޖުމްލަ ހައްލެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި ނިމޭއިރު މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ޒަމީލް ވިދާޅުވި އެވެ.

މި މަޝްރޫއުގައި ކާމިޔާބަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

"ޖުމްލަކޮށް ފުރިހަމަ ނަތީޖާއެއް ނުކުންނާނެ ގޮތަށް ދިރާސާކޮށް ޑިޒައިންކޮށް އެއަށް ބޭނުންވާ ސާމާނު ހޯދައި އިމްޕްލިމެންޓްކޮށް އެއް ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ކުރިއަށް ގެންދާ އެންމެ ބޮޑު ވޭސްޓްމެނޭޖްމަންޓް މަޝްރޫއު މިއީ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ފައްކާކުރާ މި މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ ކުނި ނައްތާލުމުގައި މިސާލު ގާއިމްކުރެވޭނެ ކަމަށެވެ.

"ސަބަބަކީ މި މަޝްރޫއުގައި އެހާ ގިނަ އަދަދަކަށް އިންޓަނޭޝަނަލް ފަންޑިން އޮގަނައިޒޭޝަންތަކެއް ހިމެނޭ ގޮތަށް ގެންދެވޭތީއާ އެކު މީގެއިން ކާމިޔާބު ނަތީޖާއެއް ނެރެން އެ ބޭފުޅުން ވެސް ބޭނުންވާނެ."

ތިލަފުށިން މިހާރު ފެންނަނީ އެ މަންޒަރެވެ. ރާއްޖެއަށް ކުނިން ސަލާމަތްވެ ފަސޭހަ ދާއިމީ ހައްލެކެވެ. މި ނަމޫނާ މަޝްރޫ އިން ދެން އޮތީ އެހެން ރަށްތަކަށް ހައްލު ހޯދުމެވެ.