Roadha Mihaaru
4،000 ފްލެޓު އަޅަން 227 މިލިއަން ޑޮލަރުގެ ލޯނު

4،000 ފްލެޓު އިމާރާތްކުރަން އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ލޯނެއް، އަމަލީ މަސައްކަތް މި އަހަރު ފަށަނީ

23 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 4،000 ފްލެޓު އިމާރާތް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު 227 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 4،000 ފްލެޓު އިމާރާތް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު 227 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިން އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސޯޝަލް ހައުސިންގެ ތެރޭގައި ހިމެނޭ އެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން އެފްޑީސީން މީގެ ކުރިން ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ. އެއީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް އެވެ.

އެންބީސީސީއާއެކު މަޝްރޫއު ކުރިއަށް ގެންދަން ފެބްރުއަރީ 2، 2021 ގައި އަދިި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު މާޗު 8، 2021 ގައި ވަނީ ސޮއިކޮށްފަ އެވެ. އެ ކޮންމެ ކުންފުންޏަކަށް ދީފައި ވަނީ 2،000 ފްލެޓު އަޅާށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖެހުނީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ކަމަށެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ އެ ލޯނު ދީފައި ވަނީ ހިޔާ ފްލެޓްތައް އިމާރާތްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ލޯނަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި ކަމަށެވެ.

ޔާމީންގެ ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ދަށުން ހަމަޖައްސާފައިވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ތަންތަން ހަދާށެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނުގައި 650 އަކަފޫޓު ހުންނާނެ އެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނަކީ 900 އަކަފޫޓެވެ.

އެފްޑީސީން ބުނިގޮތުގައި، މަޝްރޫއު ކުރިއަށް ގެންދަން ފައިސާ ހަމަޖެހުމުން، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން 4،000 ފްލެޓު އެޅުމަކީ މިދިޔަ ރިިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވައުދެކެވެ. ނަމަވެސް މި ފަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަޅާ ފްލެޓުތައް ބަހާނެ ގޮތެއް އަދި ނުނިންމަ އެވެ.