Roadha Mihaaru
ތައުރީފްތަކަށް ފަހު ގާޑިއޯލާ އާއި ކޮންޓޭ ބޮޑު މެޗަކަށް

ތައުރީފްތަކަށް ފަހު ގާޑިއޯލާ އާއި ކޮންޓޭ ބޮޑު މެޗަކަށް

03 ޑިސެމްބަރ 2016

މެންޗެސްޓާ (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ އާއި ޗެލްސީ މުހިއްމު މެޗަކަށް ނުކުންނައިރު ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޓީމުގެ ކޯޗުން މުޅިން ވެސް ކުރީ ތައުރީފެވެ. އެކަމަކު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިއީ ލީގުގައި ކުރިއަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމަށް ބުނެފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ އާއި ޗެލްސީ މުހިއްމު މެޗަކަށް ނުކުންނައިރު ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޓީމުގެ ކޯޗުން މުޅިން ވެސް ކުރީ ތައުރީފެވެ. އެކަމަކު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިއީ ލީގުގައި ކުރިއަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމަށް ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ މި ވަގުތު އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ 13 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ކޮންޓޭ އަކީ ދުނިޔެއަށް ބެލިކަމުގައިވިޔަސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށެވެ.

"ސިއޭނާ އާއި ޔުވެންޓަސް އަދި އިޓަލީ ގައުމީ ޓީމުގައި ދެއްކި ތަފާތު ކޮންޓޭ އެ އަންނަނީ ޗެލްސީގައި ވެސް ތަކުރާރުކުރަމުން. މިވަގުތަށް ބަލާއިރު ކޮންޓޭ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗޭ ބުނުމަކުން ދެބަސްވާނެ މާގިނަ މީހަކު ނުހުންނާނެ،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ޗެލްސީ އަކީ މި ފަހަރު ލީގަށް ވާދަކުރާނެ ޓީމެއްކަން އޭނާ އަށް ކުރިން ވެސް ޔަގީންވެފައިވާ ކަމަށެވެ.

"ޗެލްސީ ލީގަށް ވާދަކުރާނެކަން އަހަރެންނަށް ކުރިން ވެސް ޔަގީން. މިއީ ސީޒަނުގައި މިހާތަނަށް އަހަރެމެންނަށް ކުރިމަތިވާ އެންމެ ބޮޑު ޓެސްޓު. ސީޒަނުގެ ބާކީ ބައިގައި ސިޓީގެ ޓީމު ބައްޓަން ކުރާނެ ގޮތް މި މެޗުން އެނގޭނެ،" ގާޑިއޯލާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް ކުރީ މެޗުގައި އަރާމްކުރަން ފުރުސަތު ދިން އިލްކާއީ ގުންޑޮގާން އަށް އަލުން ޓީމުން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. އަދި ޑޭވިޑް ސިލްވާ އާއި ކެވިން ޑިބްރޭނާ ވެސް މި މެޗަށް ވަނީ ފިޓްވެފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެ ޗެލްސީ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ލީގުގެ ފުރަތަމަ މެޗުތަކުގައި ނަތީޖާތައް ދަށް ނަމަވެސް ޓީމުގެ ފޯމޭޝަނަށް ގެނައި ބަދަލާ އެކު ޗެލްސީ ފެންނަނީ މިހާރު ތަފާތު ކޮށެވެ.

"މިއީ އަހަރެމެންގެ އާ ފޯމޭޝަނަށް ރަނގަޅު އިމްތިހާނެއް. މިއަދު މި ނުކުންނަނީ ފެންވަރު ދަށް އެންމެ ކުޅުންތެރިޔަކު ވެސް ނެތް ސިޓީއާ ދެކޮޅަށް. ކޮންމެ ކުޅުންތެރިޔަކީ ވެސް މެޗު ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިން. މިއީ ކުޑަކޮށް ވެސް ފަރުވާކުޑަކޮށްލެވޭނެ މެޗެއް ނޫން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ގާޑިއޯލާ އަކީ ފުޓްބޯޅައިގެ ޓެކްޓިކްސް އަށް ބަލާއިރު ވިސްނުން ތޫނު ކޯޗެއް ކަމަށެވެ.

"ޓެކްޓިކްސް އަށް ބަލާއިރު ފަހަކަށް އައިސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ކޯޗަކީ ގާޑިއޯލާ. އެކަމަކު ކޮންމެ ޓެކްޓިކްސްއެއް ވެސް ހުއްޓުވޭނެ ގޮތްތަކެއް އޮންނާނެ. އެކަން ދަނެގެން ޗެލްސީން ނުކުންނާނީ،" ކޮންޓޭ ބުންޏެވެ.

ޗެލްސީ އާއި ސިޓީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:30 ގަ އެވެ. މި މެޗު އޮންނާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގަ އެވެ.