Roadha Mihaaru
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް

އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް

12 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމަ އާއި ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ މެދު، މުޅި ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެއީ އޮއްޓަރެއް ހުރި ކަމަކަށް ނުވެ އެވެ. ހަނގުރާމަ އަށް ފަސް ދުވަސް ފާއިތުވެ، ދެ ފަރާތުން މަރުވި މީހުންގެ އަދަދު 2500އާ ކައިރިވެފައި ވިޔަސް، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން މާ އެކަށޭނަ މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމަ އާއި ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ މެދު، މުޅި ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެއީ އޮއްޓަރެއް ހުރި ކަމަކަށް ނުވެ އެވެ. ހަނގުރާމަ އަށް ފަސް ދުވަސް ފާއިތުވެ، ދެ ފަރާތުން މަރުވި މީހުންގެ އަދަދު 2500އާ ކައިރިވެފައި ވިޔަސް، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން މާ އެކަށޭނަ މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ.

ކޮންމެ ގައުމަކުން ވެސް، އެ ބަޔަކު ތާއީދު ކުރާ ބަޔަކަށް ހިތްވަރުދީ، އަނެއް ބަޔަކު ކުށްވެރިކޮށް ބަޔާންތައް ނެރެމުން ދާއިރު، ގެއްލެމުންދާ ފުރާނަތަކާ މެދު މާ ބޮޑު ފަރުވާލެއް ނެތެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް އަދި އެމެރިކާގެ ދަށުވެފައިވާ އެހެން ގައުމުތަކަށް، ގޯސްވީ ހަމާސް އާއި ގާޒާގެ ރައްޔިތުންނެވެ.

ހަމާސް ކުށްވެރި ކުރުމުގައި އޭޝިޔާ ސަރަހައްދުން އެންމެ ކުރީގައި އޮތީ އިންޑިއާ ސަރުކާރެވެ. އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން، އެންމެ ފަހުން އިޒްރޭލާ ގުޅުން ގާއިމުކުރި ބަހްރައިން އާއި އެމިރޭޓްސް ވެސް ވަނީ ހަމާސް ކުށްވެރިކޮށްފަ އެވެ.

ނަމަވެސް އިސްލާމީ ގިނަ ގައުމުތަކުގެ ހަމްދަރުދީ އޮތީ، އަނިޔާ ލިބެމުންދާ ގާޒާގެ ރައްޔިތުންނާ އެކުގަ އެވެ. ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަމަލުތައް މިހާރު ހުރީ ދައުލަތެއްގެ އަމަލުތައް ހުންނަ ބީދައަކުން ނޫނެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން (ކ) އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް: ދެ ލީޑަރުން ވެސް ވަނީ ގާޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން (ކ) އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް: ދެ ލީޑަރުން ވެސް ވަނީ ގާޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ

ތުރުކީ ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ގާޒާގެ އެންމެހައި ރައްޔިތުންނަށް އުގޫބާތް ލިބޭ ގޮތަށް ނިންމާފައިވާ އެންމެހައި ނިންމުންތައް ބާތިލުކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތެއްގެ ގޮތުގައި އަމަލު ނުކޮށް، އަމިއްލަ ޖަމާއަތެއްގެ ގޮތުގައި ކަންކަން ކުރާ ނަމަ، އެހެން މީހުން ވެސް އިޒްރޭލާ އެކު މުއާމަލާތުކުރާނީ އަމިއްލަ ޖަމާއަތެއް ކަމަށް ބަލައިގެން ކަމަށެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގައި ދެ ފަރާތުން ވެސް ތަބާވާންޖެހޭ އަޚުލާގެއް އޮންނަންވާނެ. އެހެނަސް، ހިތާމައަކީ އިޒްރޭލާއި ގާޒާގައި ވެސް އެ އަޚުލާގީ މިންގަނޑު ނުހިފެހެއްޓޭކަން. އިޒްރޭލަށް ދިން ހަމަލާތަކުގައި އާންމު ރައްޔިތުންގެ އެތައް ބަޔަކު މަރައި، މެދުކެނޑުމެއް ނެތި ގާޒާ އަށް ދެމުން އެދާ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މެރުމަކީ އަހަރެމެން ކުށްވެރިކުރާ ކަމެއް،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުންގެ ގާނޫނު ހަދާ މަޖިލިސް އާ ދައުރަކަށް ހުޅުވުމުގެ ޖަލްސާގައި، ރަސްގެފާނު އަބްދުﷲ އިއްޔެ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކޮށްގެން ނޫނީ، ފަލަސްތީނާއި އިޒްރޭލުގެ މީހުންނަށް ވެސް އަމާންކަމެއް ރައްކާތެރިކަމެއް އަދި ހަމަޖެހުމެއް ވެސް ނުލިބޭނެ ކަމަށެވެ.

"ފަލަސްތީނުގެ ބިންތަކުން މިހާރު ފެންނަމުން އެދާ ނުރައްކާތެރި ބިރުވެރި އުދުވާންތަކަކީ، ދެ ދައުލަތުގެ އަސާސްގެ މައްޗަށް ގާއިމުކުރެވޭ އަދުލުވެރި ޝާމިލު ސުލްހައަކުން ނޫނީ، މި ސަރަހައްދަށް އަމާންކަމެއް އަދި ހަމަޖެހުމެއް ވެސް ނުލިބޭނެކަން އިތުރަށް ކަށަވަރުކޮށްދޭ ހެއްކެއް."

އެ ގޮތުން ފަލަސްތީނުގެ ބިމުގައި ގާއިމުކުރެވޭ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް، އިރުމަތީ ގުދުސް ކަމަށް ރަސްގެފާނު ވިދާޅުވި އެވެ. މިނިވަން ދެ ދައުލަތް ގާޢިމުކުރާ އިރު، ދެ ދައުލަތުގެ ސަރަހައްދީ އިމުގެ ގޮތުގައި ކަނޑައަޅަންޖެހޭނީ ވެސް، 1967 ވަނަ އަހަރު އޮތް ސަރަހައްދީ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް ފިލިޕީންސްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ގާޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް ފިލިޕީންސްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ޗައިނާ އިން ބުނި ގޮތުގައި ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން މިސްރާ އެކުގައި ޗައިނާ އިން އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެ އިތުރުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ކޯލިޝަނެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށް ވެސް ޗައިނާ އިން އިއްޔެ ވަނީ ގޮވާލައިފަ އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް އިއްޔެ ވިދާޅުވި ގޮތުގައި ގާޒާ އާއި އިޒްރޭލުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، އިސްރާއީލާއި ފަލަސްތީނުގެ ވެރިންނާ އެކުގައި މޮސްކޯ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ހަމާސް ކުށްވެރިކޮށް އިޒްރޭލަށް ތާއީދު ކުރަމުން ފަރަންސޭސި ވިލާތުން އިއްޔެ ބުނެފައިވަނީ އިޒްރޭލު ފަލަސްތީނު މައްސަލަ އަށް ބޭނުންވަނީ ދާއިމީ ސުލްހައިގެ މައްޗަށް ބިނާކުރެވޭ ސިޔާސީ ހައްލެއް ކަމަށެވެ. ފަރަންސޭސި ސަރުކާރުގެ ތަރުޖަމާނު އޮލީވިއާ ވެރާން ވިދާޅުވި ގޮތުގައި އިޒްރޭލާއި ހަމާސް ޖަމާއަތުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިޒްރޭލުގެ ނަމުގައި އުފެއްދި ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ މަގްސަދުގައި، އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023ވީ ހޮނިހިރު ދުވަހު ހެނދުނު އެވެ.

އެ ހަނގުރާމައަށް މިއަދަށް ފަސް ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ސިފައިން 190 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1200 މީހުން ޝަހީދުވެ އިތުރު 5600 މީހަކު ވަނީ ޒަޚަމްވެފަ އެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.