Roadha Mihaaru
ޔުނިވަސިޓީއެއްގެ ކޯހެއްގައި ދެ މިއުޒިޝަނެއްގެ ވާހަކަ

ކެނެޑާގެ ޔުނިވަސިޓީއެއްގައި ޑްރޭކާއި ވީކެންޑްގެ ވާހަކަ ކިޔަވައިދޭ ކޯހެއް ފަށަނީ

28 ސެޕްޓެމްބަރ 2021

ކެނެޑާގެ މަޝްހޫރު ދެ މިއުޒިޝަނުން ކަމަށްވާ ޑްރޭކާއި ދަ ވީކެންޑް ކެރިއަރާ ބެހޭ ގޮތުން ކެނެޑާގެ ޔުނިވާސިޓީއަކުން ކޯހެއް ކުރިއަށް ގެންދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެނެޑާގެ މަޝްހޫރު ދެ މިއުޒިޝަނުން ކަމަށްވާ ޑްރޭކާއި ދަ ވީކެންޑް ކެރިއަރާ ބެހޭ ގޮތުން ކެނެޑާގެ ޔުނިވާސިޓީއަކުން ކޯހެއް ކުރިއަށް ގެންދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ޑްރޭކާއި ވީކެންޑް ކެރިއަރުގެ ވާހަކަ ކިޔަވައިދޭން "ޑީކޮންސްޓްރަކްޓިން ޑްރޭކް އެންޑް ދަ ވީކެންޑް" ގެ ނަމުގައި ކޯސް އިއުލާންކުރީ ކެނެޑާގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ ރައިސަން އިންނެވެ. އެތަނުގެ ކްރިއޭޓިވް ސްކޫލުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފަށާ ކޯހުގައި ކިޔަވައި ދެއްވާނީ ޔުނިވަސިޓީގެ ޕްރޮފެސަރު-އިން-ރެޒިޑެންސް ޑާލްޓަން ހިގިންސް އެވެ.

މި ކޯހުގައި ދެ ފަންނާނުންގެ މިއުޒިކް ކެރިއަރު ފެށިގެން އައި ގޮތާއި މިހާރު ހުޅަނގުގެ އެންމެ ނުފޫޒު ގަދަ މިއުޒިޝަނުންނަށް އެ މީހުން ވެގެން ދިޔަ ގޮތާއި އެ ދާއިރާ އިން ހޯދި ކާމިޔާބީތަކާއި އެކަމަށް މަގުފަހި ކުރުވި ކަންކަމާއި ކާމިޔާބު ކެރިއަރެއް ދަމަހައްޓަން ޑްރޭކާއި ވީކެންޑް މިހާތަނަށް ކުރި މަސައްކަތްތައް ފިލާވަޅުތަކެއްގެ ގޮތުގައި ނަގައި ދޭނެ އެވެ.

މި ދެ ފަންނާނުންގެ ތެރެއިން މިލްކިއްޔާތު 180 މިލިއަން ޑޮލަރަށް އަރާ ޑްރޭކް ބޮޑަށް މަޝްހޫރީ ރެޕާއެއްގެ ގޮތުގަ އެވެ. ޓޮރޮންޓޯ އަށް އުފަން ޑްރޭކް، 34 އާއި ވީކެންޑް، 31، އަކީ މިއުޒިކް ދާއިރާ އިން ދޭ ގިނަ އެވޯޑްތަކެއް ވެސް ހާސިލުކޮށްފައިވާ ދެ ފަންނާނުންނެވެ. އެގޮތުން އެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީގެ ހަތަރު އެވޯޑެއް ޑްރޭކް ހާސިލުކޮށްފައިވާ އިރު، ވީކެންޑް ތިން ގްރެމީ ހާސިލުކޮށްފައިވެ އެވެ. މިލްކިއްޔާ 200 މިލިއަން ޑޮލަރަށް އަރާ ވީކެންޑްގެ އަސްލު ނަމަކީ އަބެލް މެކޯނެން ޓެސްފޭ އެވެ.

ޑްރޭކް މިހާތަނަށް ހަ އަލްބަމް ނެރުނު އިރު އެންމެ ފަހުގެ އަލްބަމަކީ މި މަހުގެ ކުރީކޮޅު ނެރުނު "ސަޓިފައިޑް ލަވަ ބޯއި" އެވެ. ވީކެންޑް ހަތަރު އަލްބަމެއް ނެރެފައިވާ އިރު، އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "އާފްޓާ އަވާސް" އެވެ. ދެ ފަންނާނުންނަކީ އިންސާނިއްޔަތަށް އެކި ގޮތްގޮތުން އެހީވުމުގައި ވެސް މަޝްހޫރު ބައެކެވެ.

ޑްރޭކާއި ވީކެންޑާ ގުޅޭ ކޯހާ ބެހޭ ގޮތުން ޕްރޮފެސަރު ހިގިންސް ވިދާޅުވީ ދެ ފަންނާނުންގެ ކެރިއަރަށް ބަލާ އިރު އެއީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ބަޔަކަށް ފުރިހަމަ ދެ ނަމޫނާ ކަމަށެވެ.

"އެހެންވެ ކެނެޑާގެ މި ފަންނާނުންގެ ވާހަކަ ތައުލީމީ ނިޒާމުގެ ތެރެއަށް ގެނައުމަކީ ހަމަ ހަގީގަތުގައި ވެސް ބޮޑު ފިލާވަޅެއް،" އޭނާ ވިދާޅުވި އެވެ. "ގައުމުގެ ފަންނާނުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ ދައްކާ ނަމަ މިކަމަކީ ކުރަން ޖެހޭ ކަމެއް. އެހެންވެ، އުންމީދު ކުރަނީ ދެ ފަންނާނުންނާ ގުޅޭ ކޯހަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް."

މި ކޯހަކީ ރައިސަން ޔުނިވަސިޓީގެ ކްރިއޭޓިވް ސްކޫލްގެ ޕްރޮފެޝަނަލް މިއުޒިކް ބީއޭ ޕްރޮގްރާމްގެ ބައެކެވެ. އަދި މިއީ ކެނެޑާގައި ހިންގާ ޓްރާންސްޑިސިޕްލިނަރީ ޕްރޮފެޝަނަލް މިއުޒިކް އަންޑަގްރެޖްއޭޓް ފުރަތަމަ ކޯހެވެ.

ކޯހަށް ހުޅުވައިލަން ތައްޔާރު ވަމުން އަންނަ އިރު ޔުނިވަސިޓީގެ ކްރިއޭޓިވް ސްކޫލްގެ ޑީން ޗާލްސް ފާލްޒަން ވިދާޅުވީ ކޯހުގައި ބައިވެރިވާން އެދި އެތައް ބަޔަކު މިހާރު ވެސް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ.

"އެހެންވެ ކޯހަށް ހުޅުވާލުމާ އެކު ޖާގަތައް ވަރަށް އަވަހަށް ފުރިގެންދާނެކަމާ ދޭތެރޭ ވެސް ޝައްކެއް ނެތް." އޭނާ ވިދާޅުވި އެވެ.