Roadha Mihaaru
އީރާންގެ މައްސަލައިގައި އަރަބިންގެ ދައުރެއް ބޭނުން

އީރާންގެ ނިއުކްލިއާ މައްސަލައިގައި އަރަބިންގެ ދައުރެއް ބޭނުން

28 ސެޕްޓެމްބަރ 2021

އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ކުރެވޭ މަޝްވަރާތަކުގައި އަރަބި ގައުމުތަކުން އިސް ދައުރެއް އަދާކުރުމަށް، އެމިރޭޓްސްގެ ފަރާތުން ގޮވާލައިފި އެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ކުރެވޭ މަޝްވަރާތަކުގައި އަރަބި ގައުމުތަކުން އިސް ދައުރެއް އަދާކުރުމަށް، އެމިރޭޓްސްގެ ފަރާތުން ގޮވާލައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި އިއްޔެ ތަގުރީރު ކުރައްވަމުން، އެމިރޭޓްސްގެ ދައުލަތުގެ ވަޒީރު ޚަލީފާ އަލް މަރާރު ވިދާޅުވި ގޮތުގައި، އީރާންގެ ނިއުކްލިއާ މުއާހަދާގައި ހުރި އުނި ކަންތައް ފޫބެއްދުމުގައި، އަރަބި ގައުމުތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ފަސް ގައުމާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ކުރާ މަޝްވަރާތަކުގައި، އީރާންގެ އަވައްޓެރި ގައުމުތައް ބައިވެރިނުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މި މުއާހަދާއަކީ އީރާންގެ އާންމު ހަތިޔާރުތައް އުފެއްދުމާ ގުޅޭ މުއާހަދާއެއް ނޫން ކަމަށާއި، މި މުއާހަދާއަކީ އީރާންގެ ނިއުކްލިއާ ޓެކްނޮލޮޖީގެ ތަރައްގީ، ވަކި އިމެއްގައި ހިފެހެއްޓުމަށް ވެފައިވާ އެއްބަސްވުމަކަށް ވާއިރު، އެފަދަ އެއްބަސްވުމެއްގައި ސަރަހައްދީ ގައުމުތަކުގެ ބަހެއް އޮތުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ މުއާހަދާ އިން ހަގީގީ ނަތީޖާއެއް ނެރެވޭނީ، އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ހުރި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންބޮޑުވުންތަކާ މެދު، ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ހައްލެއް ހޯދިގެން ކަމަށެވެ. އެނޫން ގޮތަކަށް މައްސަލަ ހައްލުކުރަން އުޅެގެން، އެ މުއާހަދާ އިން ހާސިލުކުރަން ބޭނުންވާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ހަމަޖެހުން ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީރާނުން ނިއުކްލިއާ ހަތިޔާރާއި ބެލެސްޓިކް މިސައިލް ތަރައްގީކުރާ ކަމާއި، ސަރަހައްދީ ކަންކަމަށް ނުފޫޒު ފޯރުވާކަމީ އަހަރެމެންނަށް އިހުމާލުކޮށްލައިގެން ތިބެވޭނެ ކަންކަމެއް ނޫން. އެހެންކަމުން، ކުރިމަގުގައި އީރާނާ އެކުގައި އެއްވެސް އެއްބަސްވުމެއް ގާއިމުކުރާ ނަމަ، މިހާރު އީރާނާ އެކުގައި ސޮއިކޮށްފައި އޮތް ނިއުކްލިއާ މުއާހަދާގައި ހުރި އުނި ކަންކަމަށް ހައްލެއް ހޯދަންޖެހޭނެ، އަދި އެކަމުގައި ސަރަހައްދުގެ އެހެން ގައުމުތައް ވެސް ބައިވެރިކުރަންޖެހޭނެ،" އެމިރޭޓްސްގެ ދައުލަތުގެ ވަޒީރު ޚަލީފާ އަލް މަރާރް ވިދާޅުވި އެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ، އެ ގައުމުގެ ހަކަތަ އުފެއްދުމުގެ ވިއުގަ އަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި، ހިންގާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގައި އެއްވެސް ކަހަލަ އަސްކަރީ ލަނޑުދަނޑިއެއް ނެތް ކަމަށް ބުނެ އެވެ.

ނަމަވެސް އެމެރިކާ އާއި އދ.ގެ އެޓަމިކް ހަކަތައާ ބެހޭ އިދާރާ އިން ތުހުމަތު ކުރާ ގޮތުގައި، ކަރަންޓު އުފެއްދުމަށް ބޭނުންވާ މިންވަރަށް ވުރެ މާ މަތީ މިންވަރަކަށް އީރާނުން މިހާރު އަންނަނީ ޔޫރޭނިއަމް ފައްކާކުރަމުންނެވެ. އަދި އެކަމުގެ ހެކިތައް ވެސް މިހާރު ލިބިފައިވާ ކަމަށް އދ. އިން ބުނެ އެވެ.