28 ސެޕްޓެމްބަރ 2021
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އަތުލައިގަތް ޑްރަގް ނެޓްވޯކެއް ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާސީ އާދަމް މުހައްމަދު މިއަދު ހުކުމް ކުރައްވައިފި އެވެ.
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އަތުލައިގަތް ޑްރަގް ނެޓްވޯކެއް ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާސީ އާދަމް މުހައްމަދު މިއަދު ހުކުމް ކުރައްވައިފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ބައެއް ގެތަކުން ޑްރަގާއި، ޑްރަގް ޕެކްކުރާ ސާމާނާއި، ފައިސާ އާއި ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހި ހޯދި އެވެ. އަދި ޑްރަގްގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 4.6 މިލިއަން ރުފިޔާ ވެސް ހޯދި އެވެ.
އެ މައްސަލައިގައި ދައުވާކުރީ އަށް މީހަކަށެވެ. އެއީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު، މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު، ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީން، ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް، މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އަދި ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހު އެވެ.
އޭގެ ތެރެއިން އެންމެ އިސް މީހާ ކަމަށް ދައުލަތުން ބުނަނީ އަރުޝަދެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކުރި އެވެ. އަސްލަމް، ސުނެއިން، އަދި ޒަހީންގެ މައްޗަށް ވެސް ކުރީ އެ ދައުވާ އެވެ. އަލީ ޒުބެއިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރި އެވެ. ގިޔާސް، ވިޝާހު އަދި އިމްސާހުގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ފުލުހުން ބަލައި ފާސްކުރި ހަ ގޭގެ ތެރެއިން ޑްރަގް ފެނުނީ ތިން ގެއަކުންނެވެ. އޭގެ ތެރެއިން އެއް ގެއަކީ ޒުބައިރު ދިރިއުޅޭ ކަމަށް ބުނާ ގެ އެވެ. އެ ގެއިން ޒުބައިރުގެ ޑީއެންއޭ ވެސް ފެނުނެވެ. އެކަމަކު، ފުލުހުން އެ ގެ ބަލައި ފާސް ކުރި ގޮތް ގޯސްވެ، ޒުބައިރުގެ މައްޗަށް ކުރި ދެ ދައުވާއިން ވެސް އޭނާ ސަލާމަތްވީ އެވެ.
ޒުބައިރަށް ކުރި ދައުވާގައި ބުނެފައި ވަނީ އެ ގެއަށް ވަނީ އޭނާގެ އަތުން ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން އޭނާގެ ހާޒިރުގައި ކަމަށެވެ. އެކަމަކު، ފުލުހުން ހެކިބަސް ދިން އިރު ބުނެފައި ވަނީ އެ ގެއަށް ބާރުގެ ބޭނުންކޮށްގެން ވަން ކަމަށެވެ. އެކަން ފޮޓޯތަކުން ވެސް ފެނެ އެވެ. އެކަން ކުރީ ޒުބައިރު ގެނެސް ދޮރު ހުޅުވުމުގެ ކުރިންނެވެ. ފުލުހުން ގަދަ ބާރުން ވަދެ ދޮރު ހުޅުވާފައި، އެތެރޭގައި މީހަކު ނެތުމުން މަޑު ކުރީ އެވެ. އެހެންވެ، ފެނުނު ތަކެއްޗާ މެދު ޒުބައިރުގެ ފަރާތުން ޝައްކު އުފެއްދި އެވެ.
ހުކުމުގައި ވަނީ ފުލުހުން ގެއަށް ވަނުމުގައި އަަމަލުކުރީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށް ކަމެއް އެނގެން ނެތް ކަމަށެވެ. އަދި ދައުވާ ލިބޭ މީހާގެ މަސްލަހަތު ހިމާޔަތްކުރާނެ މީހެއް ނެތި ބާރުގެ ބޭނުންކޮށްގެން ފުލުހުން ގެއަށް ވަދެފައި އެތެރޭގައި މީހަކު ނެތުމުން، ނުކުތަސް، އެ އަމަލުގެ ސަބަބުން ފުލުހުން ހޯދި ހެއްކަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. އެހެންވެ އެއީ އެ ހެއްކާ މެދު ޝައްކު އުފެދޭނެ ހާލަތެއް ކަމަށް ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، އެ ގެ ބަލައިފާސް ކުރަން ހޯދި ކޯޓު އަމުރުގައި ވެސް ޒުބައިރުގެ ނަމެއް ނެތެވެ. އޮތީ އެހެން މީހެއްގެ ނަމެވެ. ހުކުމުގައި ފާހަގަ ކުރީ އެ މީހާގެ މައްޗަށް ދައުވާ އެއްވެސް ނުކުރާއިރު، ސަބަބެއް ވެސް ދައުލަތުން ބަޔާން ނުކުރާ ކަމެވެ.
އަރުޝަދު ހުރި ތަނަކުން ފުލުހުންނަށް އެއްވެސް ޑްރަގެއް އަދި ޑްރަގް ޕެކްކުރަން ބޭނުންވާ ސާމާނެއް ވެސް ނުފެނެ އެވެ. އެކަމަކު، އޭނާ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނެވެ. އަދި އޭނާއާ ގުޅޭ ލިޔުންތައް އެކި ތަންތަނުން ފެނިފައިވެ އެވެ. އޭނާގެ އަތުން ފެނުނު ތަޅުދަނޑި އަކުން ފުލުހުން ބަލައި ފާސް ކުރި ސުނެއިން އާއި ގިޔާސް އުޅުނު ގޭގައި ހުރި ތިޖޫރީއެއް ހުޅުވި އިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.
އެކަމަކު، އަރުޝަދާއި، ސުނެއިން ހުރި ތަންތަނުން ޑްރަގް ފެނިފައިނުވާއިރު، ޑްރަގް ފެނުނު ގެތަކުން ފެނުނު ތަކެއްޗާ އެ މީހުންނާ ގުޅޭ ގޮތެއް ދައުލަަތަށް ބުނެނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
އަރުޝަދުގެ ނޯޓްސް ތަކުގައި ވެސް ޑްރަގް ވިޔަފާރީގެ ހިސާބުތަކާ ބެހޭ ނޯޓުތަކެއް ހުރި ނަމަވެސް، އެއީ ސީދާ އެ ވިޔަފާރިއާ ގުޅޭ ނޯޓުތަކެއް ކަމެއް ވެސް ސާބިތު ނުކޮށްދެވޭ ކަމަށް ހުކުމުގައިވެ އެވެ.
އަރުޝަދު އަތުން ފެނުނު ފައިސާ އަކީ ޑްރަގް ވިޔަފާރީގެ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެއީ އޭނާ ހުއިފިލަނޑާގެ ވިޔަފާރި އާއި މަސް ވިއްކައިގެން ހޯދި ފައިސާ ކަމަށް ސާބިތު ކުރަން އޭނާ ހެކި ހުށަހަޅާފައިވާއިރު، ދައުލަތުން ބުނާ ބުނުން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
ދެން ޑްރަގް ފެނުނީ އަސްލަމް ނާޒިމް ހުރި ގެއިންނާއި ޒަހީން ހުރި ގެއިން އަދި އޭނާ ދުއްވި ސައިކަލުންނެވެ.
ސައިކަލެއްގެ މަޑިދަށުގައި ހުރި އެއްޗަކީ އެހެން މީހަކު އަޅާފައި ހުރެދާނެ އެއްޗެއް ކަމަށް ނިންމާފައިވާ ހައި ކޯޓުގެ ގަޒިއްޔާއެއް އޮތް އިރު، ޒަހީން ދުއްވި ސައިކަލުގެ ބްރޭންޑުގެ ގޮތުން އޭނާ ނޫން މީހަކަށް އެ ސައިކަލުގެ މަޑިދަށަށް އެއްޗެއް ނޭޅޭނެ ކަމަށް ސާބިތު ކުރަން ދައުލަތުން ހެކި ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންވެ، ސައިކަލުން ފެނުނު ތަކެތި ބަލައިނުގަނެވޭނެ ކަމަށް ނިންމި އެވެ.
އެކަމަކު، ޒަހީންގެ ތަޅުދަނޑި ބޭނުންކޮށްގެން ހުޅުވައި ފުލުހުން ވަން ގޭގެ ތެރެއިން ޑްރަގް ފެނިފައި ވުމުން، އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އަސްލަމް ހުރި ގެއިން ވެސް ފެނުނު ތަކެއްޗާ އޭނާއާ ގުޅުވާލެވޭ ކަމަށް ނިންމައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި އެވެ.
އެހެންވެ، އެ ދެ މީހުން ވެސް އުމުރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖުރިމަނާކުރީ އެވެ. އޭގެ އިތުރުން ޒަހީންގެ ގޭގެ އެކި ތަންތަނުން ފެނުނު 19،500ރ. އާއި، 10،500ރ. އާއި 44،300ރ. އާ އެކު ޖުމްލަ 74،300ރ. ދައުލަތަށް ނަގަން ވެސް ހުކުމް ކުރި އެވެ.
ގިޔާސް، ވިޝާހު އަދި އިމްސާހުގެ މައްޗަށް ސާބިތު ނުވީ ގެތަކުން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅޭ ގޮތެއް ދައުލަަތަށް ސާބިތުކޮށް ނުދެވުމުން ކަމަށް ހުކުމުގައިވެ އެވެ. އޭގެ އިތުރުން އެ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުރި އަމަލެއް ވެސް ބުނެދެވިފައި ނުވާ ކަމަށްވެ އެވެ.
މި އެންމެން ފޯނުތަކުގައި އެކަކު އަނެކަކުގެ ނަމްބަރު ސޭވްކޮށް، ގިނަ ކޯލްތައް ބަދަލުކޮށްފައިވާއިރު، އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތަކާއި ޑްރަގް ޕެކްކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ގުޅިގެން އެއް ނެޓްވޯކެއްގެ ގޮތުގައި މަސައްކަތް ކުރި ބައެއް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، ހުކުމުގައި ވަނީ އެއް ނެޓްވޯކެއްގެ ގޮތުގައި އެ މީހުން މަސައްކަތް ކުރި ކަމަށް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.
އިންވެންޓްރީ ނުދިނުމުން ބޭރު ކުރި މައްސަލަ ހައިކޯޓަށް
އިރާނު ޑްރަގް ބޯޓު މައްސަލަ: އެންމެން ސަލާމަތް ވެއްޖެ
ތަހުގީގު ބަޔާންތަކަށް ސާހިލް އިންކާރުކޮށްފި
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑްރަގް ވިއްކާ 4 މީހަކު ޖަލަށް، ފައިސާތައް ދައުލަތަށް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
މަނާތަކެތި ވައްދާ ނެޓްވޯކްގެ ފަސް އޮފިސަރަކަށް ދައުވާ!