Roadha Mihaaru
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް

ހަލަބުގެ އިރުމަތިން ދެބައިކުޅަ އެއްބައި ސަރުކާރު ސިފައިން ހިފައިފި

04 ޑިސެމްބަރ 2016

ދިމިޝްގު (ޑިސެމްބަރު 4) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައިވާ ސަރަހައްދުތަކުގެ ދެބައިކުޅަ އެއްބައި ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 4) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައިވާ ސަރަހައްދުތަކުގެ ދެބައިކުޅަ އެއްބައި ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ސާމިރު ސުލައިމާން ބީބީސީ އަށް ވިދާޅުވީ ހަލަބުގެ އިރުމަތީގެ ސަރަހައްދު އެކުގައި ވަރަށް އަވަހަށް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. ވޭތުވެދިޔަ ތިން ހަފުތާ ތެރޭ ސަރުކާރު ސިފައި ވަނީ ހަލަބުގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދަން ފަށައިފަ އެވެ. ހަލަބުގެ އިރުމައްޗަށް ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ސީރިއާގެ ހަލަބުގެ އާއިލާއެއް ސަރުކާރު ސިފައިން ހިފި އަވަށެއްގެ މަގެއްގެ މަތީގައި. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ ހަލަބުގެ އާއިލާއެއް ސަރުކާރު ސިފައިން ހިފި އަވަށެއްގެ މަގެއްގެ މަތީގައި. --ފޮޓޯ:އޭއެފްޕީ

އދ. އިން ބުނެފައި ވަނީ ހަލަބުގެ ހަމަލާތައް ވަރުގަދަވަމުން ދާއިރު އެ ސިޓީގެ އާއްމުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށެވެ. މިހާރު ވެސް 250،000 މީހުން ހަލަބުގައި ތާށިވެފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ. އދ.ގެ އިންސާނީ އެހީއާ ބެހޭ އިސްވެރިޔާ ސްޓެފަން އޯބްރިއަން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ހަލަބުގެ އިރުމަތީގެ ހިސާބުތައް ގަބުރުސްތާނަކަށް ވުމުގެ ބިރު ބޮޑު ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކާނެ އެއްޗެއް ވެސް ނުލިބޭ ކަމަށް އޯބްރިއަން ވަނީ ވިދާޅުވެފަ އެވެ.

ހަލަބުގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ހިފި އަވަށެއްގައި ސީރިއާ ސިފައިންގެ މީހަކު ހަތިޔާރާ އެކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ހަލަބުގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ހިފި އަވަށެއްގައި ސީރިއާ ސިފައިންގެ މީހަކު ހަތިޔާރާ އެކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އެއް ޒަމާނެއްގައި ސީރިއާގެ ވިޔަފާރީގައި މުހިންމު މަރުކަޒެއްގެ ގޮތުގައި ބެލެވުނު ހަލަބު ވަނީ 2012 ވަނަ އަހަރުން ފެށިގެން ދެ ބައިވެފަ އެވެ. އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ސަރުކާރާ އިދިކޮޅު މީހުންގެ ބާރުގެ ދަށުގައި އޮތް އިރު ހުޅަނގުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ސަރުކާރު ސިފައިންނެވެ.

ތަޖްރިބާކާރުން ބުނަނީ 2012 ވަނަ އަހަރު އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ ހަލަބުގެ އިރުމަތީގެ ހިސާބުތައް އެ މީހުންގެ އަތުން ދޫވަމުން ދިޔުމަކީ ހަނގުރާމަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަނެއްކޮޅުން އެއީ ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.