Roadha Mihaaru
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު

ހަލަބުގެ ކާމިޔާބީއަކީ ކުރިއަށް ދިއުމަށް އަޅާ ބޮޑު ފިޔަވަޅެއް: އަސަދު

08 ޑިސެމްބަރ 2016

ދިމިޝްގު (ޑިސެމްބަރު 8) - ހަލަބު ސިޓީގެ ކާމިޔާބީ އަކީ ސީރިއާގެ ފަސް އަހަރުވީ މަދަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރިއަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 8) - ހަލަބު ސިޓީގެ ކާމިޔާބީ އަކީ ސީރިއާގެ ފަސް އަހަރުވީ މަދަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރިއަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ނަމަވެސް އުތުރުގެ ސިޓީން އިދިކޮޅު ހަނގުރާމަވެރިން ބޭރުކުރި ނަމަވެސް ސީރިއާގެ ހަމަނުޖެހުންތަކަށް ނިމުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ. ސީރިއާގެ އަލް ވަތަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަސަދު ވިދާޅުވީ ސަރުކާރު ސިފައިންނަށް ހަލަބު ކާމިޔާބު ކުރެވޭނެކަން ޔަގީންވާ ކަމަށެވެ.

"އެއީ ސީރިއާގެ މައްސަލަ އަށް ހައްލެއް ހޯދޭނެ ކަމަކަށް ނުވިއަސް، ކުރިއަށް ދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. ހުރިހާ ދިމާލެއްގައި ވެސް ޓެރަރިސްޓުން އެބައުޅޭ. ހަލަބުގެ ކަންތައް ނިންމާލި ނަމަވެސް ޓެރަރިސްޓުންނާ ދެކޮޅު ހަނގުރާމަ ކުރިއަށްދާނެ،" އަސަދު ވިދާޅުވި އެވެ.

ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންނަށް ލިބެމުންދާ ނާކާމިޔާބީއާ ގުޅިގެން އެ މީހުން ވަނީ ފަސް ދުވަހަށް ހަމަލާތައް ހުއްޓާލަން އެއްބަސްވެފަ އެވެ. އެއީ ހަލަބުގައި ތާށިވެފައި ތިބި އާއްމުން އެ ސިޓީން ނުކުތުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އަސަދު ވިދާޅުވީ ސަރުކާރު ސިފައިންގެ ހަމަލާތައް ކުރިއަށްދާ އިރު ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތައް ސަރުކާރު ސިފައިން ދަނީ ވަރަށް ހަލުވިކަމާ އެކު ހިފަމުންނެވެ. ހަލަބުގެ އިރުމަތީގެ 75 ޕަސެންޓުގެ ކޮންޓްރޯލް ސަރުކާރު ސިފައިން މިހާރު ވަނީ ހޯދައިފަ އެވެ. ހަމަލާތައް ވަރުގަދަވަމުންދާ އިރު އާއްމުންގެ އެތައް ބަޔަކު ވަނީ ހަލަބުގެ އިރުމަތީގައި ތާށިވެފަ އެވެ. ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތައް ހަލާކުވެ ސިއްހީ ޚިދުމަތް ނުލިބޭ އިރު ކާބޯތަކެތި ވެސް ވަނީ ހުސްވެފަ އެވެ.