Roadha Mihaaru
އަފްގާނުގައި ރަސްކަމުގެ ދުސްތޫރު ހިންގަން ފަށަނީ

އަފްގާނުގައި ރަސްކަމުގެ ދުސްތޫރު ހިންގަން ފަށަނީ

30 ސެޕްޓެމްބަރ 2021

މިހާރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާންގެ ސަރުކާރުން، އެ ގައުމުގައި ދެން ހިންގަމުން ދާނީ، ކުރީގެ ރަސްކަމުގެ ދުވަސްވަރު އަމަލުކުރަމުން އައި ގާނޫނުއަސާސީ ކަމަށް، ތާލިބާނުން ބުނެފި އެވެ.

މިހާރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާންގެ ސަރުކާރުން، އެ ގައުމުގައި ދެން ހިންގަމުން ދާނީ، ކުރީގެ ރަސްކަމުގެ ދުވަސްވަރު އަމަލުކުރަމުން އައި ގާނޫނުއަސާސީ ކަމަށް، ތާލިބާނުން ބުނެފި އެވެ.

ތާލިބާނުން އެ ގައުމުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުގެ އަދުލު އިންސާފާ ބެހޭ ވަޒީރު އަބްދުލް ހަކީމް ޝަރުއީ ވިދާޅުވި ގޮތުގައި ކުރީގެ ރަދުން މުހައްމަދު ތޯހިރު ޝާހުގެ ވެރިކަމުގައި އަމަލުކުރި ގާނޫނުއަސާސީ އަށް އަމަލު ކުރާނީ ވަގުތީ ގޮތުންނެވެ.

"އިސްލާމީ އިމާރާތުގެ ފަރާތުން ދެން އަމަލުކުރަމުން ދާނީ ކުރިން މި ގައުމުގައި އޮތް ރަސްކަމުގެ ދުވަސްވަރު އަމަލުކުރި ގާނޫނުއަސާސީ އަށް. ނަމަވެސް އެ ގާނޫނުއަސާސީގައި ހުރި އިސްލާމީ ޝަރީއަތާ ފުށުއަރާ މާއްދާތަކަށާއި، ތާލިބާނުންގެ އާންމު އުސޫލުތަކާ ހިލާފު އެއްވެސް މާއްދާއަކަށް އަމަލެއް ނުކުރެވޭނެ،" ޗައިނާގެ ސަފީރު ވާންގް ޔޫއާ އެކު ކާބުލްގައި ބައްދަލުކުރެއްވުމަށް ފަހު، ވަޒީރު އަބްދުލް ހަކީމް ޝަރުއީ ވިދާޅުވި އެވެ.

ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު ސުހައިލް ޝާހީން ވިދާޅުވި ގޮތުގައި، ރަސްކަމުގެ ދުވަސްވަރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ނިންމީ، މިހާރު އެ ގައުމުގައި އަމަލުކުރާ ގާނޫނުއަސާސީއެއް ނެތުމުން، ދައުލަތުގެ ކަންކަން ހިންގުމުގައި ކުރިމަތިވާ ދުސްތޫރީ ހުސްކަން ފޫބެއްދުމުގެ ގޮތުންނެވެ. އަދި މިގާނޫނުއަސާސީ އަށް އަމަލުކުރަމުން ދާ މުއްދަތުގައި، ގައުމުގެ ފިރިހެނުންނާއި އަންހެނުންގެ ހައްގުތައް ފުރިހަމަ އަށް ބަޔާންކުރާ ގާނޫނުއަސާސީއެއް އެކަށައެޅުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

އަފަގާނުގެ ރަސްކަމުގެ ދުސްތޫރުގެ ގޮތުގައި މާނަކުރަނީ، ކުރީގެ ރަދުން މުހައްމަދު ތާހިރު ޝާހު 1964 ވަނަ އަހަރު ރަސްކަމަށް ވަޑައިގެން، އޭނާގެ އަމިއްލަ އިސްނެންގެވުމަށް އެކުލަވައިލެއްވި ގާނޫނުއަސާސީއެވެ. އޭނާގެ ރަސްކަން 1973 ވަނަ އަހަރު ވައްޓައިލުމާ ހަމައަށް އެ ގާނޫނުއަސާސީގެ ދަށުން އެ ގައުމުގައި އޮތީ ރަސްކަމެކެވެ. އެ ގާނޫނުއަސާސީގައި، ސިޔާސީ ދާއިރާގައި އަންހެނުން ބައިވެރިވުމުގެ ފުރުސަތު ދީފައި އޮވެއެވެ.

މިގާނޫނުއަސާސީ އަށް އަމަލުކުރި ނަމަވެސް، ތާލިބާނުންގެ އުސޫލުތަކާ ހިލާފު މާއްދާތަކަށް އަމަލު ނުކުރާނެ ކަމަށް ތާލިބާނުން ބުނެފައިވާތީ، އަންހެނުންނަށް އެއްވެސް ސިޔާސީ މަގާމެއް ނުދޭނެ އެވެ. މިހާރު ތާލިބާނުން އެކުލަވާލާފައިވާ ސަރުކާރުގައި ވެސް އެއްވެސް އަންހެނަކު ނުހިމެނެ އެވެ.