Roadha Mihaaru
ދުނިޔެ އިން ތާލިބާނުންގެ އާ ސަރުކާރު ބަލައިގަންނާނެތަ؟

ދުނިޔެ އިން ތާލިބާނުންގެ އާ ސަރުކާރު ބަލައިގަންނާނެތަ؟

08 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި، އޮގަސްޓް 15، 2021 ގައި އަފްގާނިސްތާނަށް ވެރިވެގަތް ތާލިބާން ޖަމާއަތުން އާ ސަރުކާރެއް އިއުލާންކުރާނެ ވަގުތަކަށް މުޅި ދުނިޔެ ވެސް އޮތީ ބަލަބަލަ އެވެ. އެންމެ ފަހުން ރޭގައި ތާލިބާނުންގެ އާ ސަރުކާރު އިއުލާން ކުރިއިރު، ބައިނަލްއަގުވާމީ މުޖްތަމައު އުންމީދުކުރި ވަރުގެ ސަރުކާރަކަށް ނުވި އެވެ.

އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި، އޮގަސްޓް 15، 2021 ގައި އަފްގާނިސްތާނަށް ވެރިވެގަތް ތާލިބާން ޖަމާއަތުން އާ ސަރުކާރެއް އިއުލާންކުރާނެ ވަގުތަކަށް މުޅި ދުނިޔެ ވެސް އޮތީ ބަލަބަލަ އެވެ. އެންމެ ފަހުން ރޭގައި ތާލިބާނުންގެ އާ ސަރުކާރު އިއުލާން ކުރިއިރު، ބައިނަލްއަގުވާމީ މުޖްތަމައު އުންމީދުކުރި ވަރުގެ ސަރުކާރަކަށް ނުވި އެވެ.

ތާލިބާނުންގެ ސަރުކާރުގެ މުޅި ކެބިނެޓް ރޭ އިއުލާން ނުކުރި ނަމަވެސް، ސަރުކާރެއްގައި ހިމެނޭނެ އެންމެ ނުފޫޒު ގަދަ އަދި އެންމެ ބާރުގަދަ މަގާމުތައް ރޭ އިއުލާން ކުރި އެވެ. މިހާތަނަށް އިއުލާން ކުރި މަގާމުތަކަށް ބަލާއިރު، މުޅިން ވެސް ފެންނަނީ ތާލިބާން ޖަމާއަތް އުފެދިގެން އައި އިރު ވެސް، ނުފޫޒު ގަދަ މަގާމުތަކުގައި ތިބި މީހުން ނުވަތަ އެ މީހުންގެ ގާތްތިމާގެ މީހުންނެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު އެންމެ ފުރަތަމަ ވެސް ބުނީ، މިއީ ކުރީގެ ތާލިބާނުން ނޫން ކަމަށާއި ވަރަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން، މިފަހަރުގެ ސަރުކާރުގައި ގައުމުގެ ހުރިހާ ދަރިކޮޅުތަކާއި ހުރިހާ ސިޔާސީ ފިކުރުތަކަށް ޖާގަ ދޭނެ އެވެ. ވަކިން ހާއްސަކޮށް، ތާލިބާނުންގެ ކުރީގެ ވެރިކަމާ ހިލާފަށް، މިފަހަރުގެ ވެރިކަމުގައި އަންހެނުންނަށް ފުރުސަތު އޮންނާނެ ކަމަށާއި، ސްކޫލްތަކަށް ގޮސް ކިޔެވުމުގެ ފުރިހަމަ މިނިވަންކަން އަންހެން ކުދިންނަށް އޮންނާނެ ކަމަށް ބުންޏެވެ.

ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް ވެރިރަށް ކާބުލްގެ މަގެއްގައި ހަތިޔާރާ އެކު ހަރަކާތްތެރިވަނީ. --އޭއެފްޕީ

ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް ވެރިރަށް ކާބުލްގެ މަގެއްގައި ހަތިޔާރާ އެކު ހަރަކާތްތެރިވަނީ. --އޭއެފްޕީ

މި ފަހަރުގެ ސަރުކާރުގެ އިސް ވަޒީރުންގެ ނަންތައް ރޭ އިއުލާން ކުރި އިރު، އެއްވެސް އަންހެނެއްގެ ނަމެއް އަދި ނެތެވެ. އަދި ވަޒީރެއްގެ ނައިބުގެ މަގާމަށް ވެސް އަންހެން ބޭފުޅެއްގެ ނަމެއް ނާދެ އެވެ. ވީއިރު، ސަރުކާރުގައި އަންހެނުން ބައިވެރިކުރުން ތާލިބާނުން މާނަކުރަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.

ސަރުކާރު އެކުލަވައިލާނީ އަންހެނުން ވެސް ބައިވެރިކޮށްގެން ކަމަށް ބުނެ، ސަރުކާރާ ގުޅުމަށް އަންހެނުންނަށް ދައުވަތު ވެސް ދިނެވެ. ނަމަވެސް މި ހަފުތާގެ ކުރީކޮޅު ތާލިބާނުންގެ ތަރުޖަމާނަކު ބުނެފައިވަނީ، ކެބިނެޓްގައި އަންހެނުން ނުހިމެނޭނެ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު

މިހާތަނަށް އިއުލާންކުރި މަގާމުތަކަށް ބަލާއިރު، މުޅިން ވެސް ފެންނަނީ ތާލިބާނުންގެ ޒަމާންވީ ވެރިން ކަމަށްވެފައި، އޭގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި އެމެރިކާ އިން ހޯދަން އިއުލާންކޮށްފައިވާ ބައެއް މީހުން ވެސް ހިމެނޭތީ، ތާލިބާނުންގެ މި ސަރުކާރު ބަލައިގަންނާނީ، ކޮން ގައުމުތަކަކުންތޯ ސުވާލު އުފެދެ އެވެ.

ތާލިބާނުން ބުނާ ގޮތުގައި ރޭ އިއުލާން ކުރީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރުގައި ބޮޑުވަޒީރެއްގެ ދައުރު އަދާކުރާނީ، އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި ހިމެނޭ މުއްލާ މުހައްމަދު ހަސަން އަޚުންދް އެވެ. އޭނާއަކީ، ތާލިބާން ޖަމާއަތުގައި އޮންނަ ވެރިކަމުގެ މަޖިލީހުގެ ވަރަށް އިސް މެމްބަރެކެވެ. މިދިޔަ 20 އަހަރުގެ ތެރޭގައި މުއްލާ މުހައްމަދު ބޮޑަށް ފާހަގަކުރެވިފައި ވަނީ، އަސްކަރީ ދާއިރާ އަށް ވުރެ ބޮޑަށް، ދީނީ ދާއިރާ އިން ތާލިބާނުންގެ ތެރޭގައި ބަސް ވިކޭ މީހެއްގެ ގޮތުގަ އެވެ.

އަފްގާނިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި މުއްލާ މުހައްމަދު ހަސަން އަޚުންދް (ވ)، ޕާކިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ސަރްތާޖު އަޒީޒްއާ، އޮގަސްޓް 25، 1999 ގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ

އަފްގާނިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި މުއްލާ މުހައްމަދު ހަސަން އަޚުންދް (ވ)، ޕާކިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ސަރްތާޖު އަޒީޒްއާ، އޮގަސްޓް 25، 1999 ގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ

ބޮޑުވަޒީރުގެ ނާއިބެއްގެ ގޮތުގައި ހުންނާނީ، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ މިހާރުގެ ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރާދަރު އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމާ ބެހޭ ގޮތުން، އެމެރިކާ ސަރުކާރާ އެކު ގަތަރުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ތާލިބާނުންގެ ވަފްދުގެ އިސް ވެރިޔަކީ ބަރާދަރެވެ. އަދި އޭނާއަކީ ތާލިބާން ޖަމާއަތުގައި ހިމެނޭ ތަފާތު ދަރިކޮޅުތަކުގެ މެދުގައިވެސް ވަރަށް މަގުބޫލު މީހެކެވެ.

ތާލިބާން ސަރުކާރުގެ އާ ދާހިލީ ވަޒީރެއްގެ ގޮތުގައި ހުންނާނީ، ތާލިބާން ޖަމާއަތުގެ އެންމެ ވަރުގަދަ އަސްކަރީ ވިއުގަ ކަމަށްވާ ހައްގާނީ ވިއުގައިގެ ލީޑަރު ސިރާޖުއްދީން ހައްގާނީ އެވެ. އޭނާގެ ބޮޑުބޭބެ ޚަލީލް ހައްގާނީ ހަމަޖެއްސީ، ރެފިއުޖީންގެ ކަންކަމާ ބެހޭ ވަޒީރުގެ މަގާމަށެވެ.

ތާލިބާން ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު މުއްލާ އަބްދުލްޣަނީ ބަރާދަރު

ތާލިބާން ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު މުއްލާ އަބްދުލްޣަނީ ބަރާދަރު

މި ދެ ހައްގާނީއަކީ ވެސް، އެމެރިކާ އާއި އދ. މަޖިލީހުން އެ ދެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ މީހުންނެވެ. އަދި އެމެރިކާ ސިފައިންނާ ދެކޮޅަށް އަފްގާނިސްތާނުގައި ދިން އެންމެ ވަރުގަދަ ހަމަލާތައް ތަންފީޒުކޮށްފައިވަނީ، ސިރާޖުއްދީން ހައްގާނީގެ ކޮމާންޑަރުކަމުގެ ދަށުން މަސައްކަތް ކުރާ ހައްގާނީ ވިއުގައިގެ ހަނގުރާމަވެރިން ކަމަށްވާތީ، އެމެރިކާ ސަރުކާރުން ވަނީ ސިރާޖުއްދީން ހޯދައިދިން މީހަކަށް 10 މިލިއަން ޑޮލަރު ދޭން ކަނޑައަޅައިފަ އެވެ.

ތާލިބާން ސަރުކާރުގެ ދިފާއީ ވަޒީރުގެ މަގާމަށް އައްޔަންކުރީ، އެ ޖަމާއަތުގެ އެއް ބާނީ ކަމަށްވާ މުއްލާ މުހައްމަދު އުމަރުގެ ދަރި މުއްލާ ޔައުގޫބެވެ. އޭނާއަކީ ވެސް ތާލިބާން ޖަމާއަތުގެ ލީޑަރުގެ ނާއިބެއްގެ މަގާމު ފުރަމުން އަންނަ މީހެކެވެ.

ހާރިޖީ ވަޒީރުގެ މަގާމަށް އައްޔަންކުރި އަމީރް ޚާން މުއްތަގީއަކީ، އެމެރިކާގެ މަންދޫބާއި ތާލިބާނުންނާ ދެމެދު ގަތަރުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރި މީހެކެވެ. އެހެންކަމުން، އޭނާއަކީ ބައިނަލްއަގުވާމީ މުޖްތަމައަށް ވަރަށް ފަރިތަ އަދި އެމެރިކާގެ ސިޔާސީ ވެރިންނަށް ވެސް ވަރަށް ފަރިތަ މީހެކެވެ.

ސިފައިންގެ ކޮމާންޑަރަކަށް އިސްކުރީ، މައުލަވީ ފަސީހުއްދީން އެވެ. އަދުލު އިންސާފާ ބެހޭ ވަޒީރުގެ މަގާމަށް އިސްކުރީ މައުލަވީ އަބްދުލް ހަކީމް ޝަރުއީ އެވެ. ކަރަންޓާއި ބޯފެނާ ބެހޭ ވަޒީރުގެ މަގާމު ދިނީ މުއްލާ އަބްދުއްލަތީފް މަންސޫރަށެވެ.

ތާލިބާނުންގެ އާ ސަރުކާރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށް އައްޔަންކުރި އަބްދުލް ހައްގު ވާސިގް (ކ) ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާންގެ އިސް ވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަނީ. --އޭއެފްޕީ

ތާލިބާނުންގެ އާ ސަރުކާރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށް އައްޔަންކުރި އަބްދުލް ހައްގު ވާސިގް (ކ) ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާންގެ އިސް ވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަނީ. --އޭއެފްޕީ

ތާލިބާން ސަރުކާރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ، ގުއަންޓަނާމޯ ބޭ ޖަލުގެ ގައިދީއެއްގެ ގޮތުގައި 12 އަހަރާއި ހަތަރު މަސްވަންދެން ހައްޔަރުކޮށްފައި ހުރި، އަބްދުލް ހައްގު ވާސިގް އެވެ. އަފްގާނިސްތާނު ހަނގުރާމައިގައި ހައްޔަރުކޮށްގެން ގުއަންޓަނާމޯ ބޭ ޖަލަށް ގެންދިޔައީ ޖެނުއަރީ 2002ގަ އެވެ.

އެމެރިކާ ސަރުކާރުން އަބްދުލް ހައްގު މިނިވަންކުރީ، ހައްގާނީ ވިއުގައިން ހައްޔަރުކޮށް 2009 އިން 2014 އަށް ރަހީނުކޮށްފައި ހުރި، އެމެރިކާގެ ސިފައިންގެ މީހެއް ކަމަށްވާ ބެއުޑްރީ ރޮބަޓް މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުންނެވެ. އެމެރިކާ ސަރުކާރުން 2014 ވަނަ އަހަރު އަބްދުލް ހައްގު މިނިވަން ކުރުމަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަންދެން އޭނާ ހުރީ ގަތަރުގަ އެވެ.

ތާލިބާނުން ބުނި ގޮތުގައި މިއީ އަދި ފުރިހަމަ ސަރުކާރެއް ނޫނެވެ. ކެބިނެޓްގެ އިތުރު މަގާމުތަކަށް އަފްގާނިސްތާނުގެ އެހެން ސަރަހައްދުތަކުގެ މީހުން އަދި އައްޔަންކުރާނެ އެވެ. ސަރުކާރުގެ މުހިންމު މަގާމުތައް އިއުލާންކުރި ނަމަވެސް، އާ ވަޒީރުން މަގާމުތަކާ ހަވާލުވުމުގެ ރަސްމިއްޔާތެއް އޮންނާނެ ކަމެއް ވެސް ނުވަތަ، މަގާމުގެ ހުވާކުރުން އޮންނާނެ ކަމެއް ވެސް އަދި ޔަގީނެއް ނުވެ އެވެ.

ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އަޚުންދްގެ ކެބިނެޓުން ސަރުކާރު ހިންގަމުން ދިޔަ ކަމުގައި ވިޔަސް، އަފްގާނިސްތާނު އިމާރާތުގެ އެންމެ އިސް ވެރިޔާ "އަމީރުލް މުއުމިނީން"ގެ މަގާމުގައި ހުންނަވާނީ، މިހާރު ވެސް އެ ޖަމާއަތުގެ ލީޑަރުގެ މަގާމުގައި ހުންނެވި މުއްލާ ހިބަތުﷲ އާޚުންދް ޒާދާ އެވެ.

އަފްގާނިސްތާނު އިމާރާތުގެ އަމީރުލް މުއުމިނީންގެ މަގާމުގައި ހުންނެވި މުއްލާ ހިބަތުﷲ އާޚުންދް ޒާދާ

އަފްގާނިސްތާނު އިމާރާތުގެ އަމީރުލް މުއުމިނީންގެ މަގާމުގައި ހުންނެވި މުއްލާ ހިބަތުﷲ އާޚުންދް ޒާދާ

ތާލިބާން ޖަމާއަތުގެ ޝޫރާ މަޖިލީހުގެ ނިންމުމަކުން، މުއްލާ ހިބަތުﷲ، އެ ޖަމާއަތުގެ ލީޑަރުގެ މަގާމަށް އައްޔަންކުރީ މެއި 25، 2016 ގަ އެވެ. އޭނާއަކީ ހަދީސް އިލްމުގެ ދާއިރާ އިން އިލްމު އުނގެނިވަޑައިގެން ހުންނެވި، ސުންނީ މަޒްހަބުގެ ބޭފުޅެކެވެ. އަފްގާނިސްތާނުގެ އަމީރުގެ ހައިސިއްޔަތުން، އެ ގައުމުގެ ޝަރުއީ ކަންކަމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ ވެސް އޭނާ އެވެ.

އާ ކެބިނެޓްގެ މަގާމުތައް އިއުލާން ކުރުމާ ވިދިގެން އަމީރު ހިބަތުﷲ ވަނީ، އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުގައި ދެމިތިބުމަށް އާ ސަރުކާރުގެ ވެރިންނަށް ގޮވާލައްވައިފަ އެވެ.

"މި ގައުމުގެ ހުރިހާ މުވާތިނުންނަށް ވެސް ޔަގީންކޮށްދޭން ބޭނުންވަނީ، މި ގައުމުގައި އިސްލާމީ ޝަރީއާ ނެގެހެއްޓުމަށް، ސަރުކާރުގެ ވެރިން، އެބޭފުޅުންނަށް ކުރެވުނު އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރާނެކަން،" ހިބަތުﷲ ރޭ ނެރުއްވި ބަޔާނުގައިވެ އެވެ.

ތާލިބާނުންގެ އާ ސަރުކާރުގެ އެންމެ އިސް ވެރިޔާ އިން ފެށިގެން މުހިންމު ބައެއް މަގާމުތަކުގައި ތިއްބެވީ، އެބޭފުޅުންނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް، އދ. މަޖިލީހުން އަޅާފައިވާ އަދި، ބައެއް ބޭފުޅުންގެ މައްޗަށް އެމެރިކާ އިން އިނާމު ކަނޑައަޅާފައިވާ ބޭފުޅުން ކަމަށްވާ އިރު، ބައިނަލްއަގުވާމީ މުޖްތަމައުން އެ ސަރުކާރު ބަލައިގަންނާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.