Roadha Mihaaru
އަފްގާނު މަންދޫބު އދ. އިން ބޭރުކޮށްފި

އަފްގާނު މަންދޫބު އދ. އިން ބޭރުކޮށްފި

28 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުން އދ. މަޖިލީހަށް ކަނޑައަޅާފައި ހުރި ސަފީރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި އިއްޔެ ތަގުރީރުކުރައްވަން ހަމަޖެހިފައިވަނިކޮށް، އޭނާ އަށް އެ ފުރުސަތު ނުދީ ބޭރުކޮށްފި އެވެ.

އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުން އދ. މަޖިލީހަށް ކަނޑައަޅާފައި ހުރި ސަފީރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި އިއްޔެ ތަގުރީރުކުރައްވަން ހަމަޖެހިފައިވަނިކޮށް، އޭނާ އަށް އެ ފުރުސަތު ނުދީ ބޭރުކޮށްފި އެވެ.

އަފްގާނުގެ ސަފީރު ޣުލާމް އިސްހާގްޒާއީ އަކީ، މިދިޔަ މަހު ވެރިކަން ދޫކުރައްވައި ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެން ހުންނެވި އެ ގައުމުގެ ކުރީގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުން އައްޔަން ކުރި ސަފީރެކެވެ. އިއްޔެ ނިމުނު އދ.ގެ އާންމު ބައްދަލުވުމުގައި އެންމެ ފަހުން ތަގުރީރު ކުރަން ހަމަޖެހިފައި އޮތީ ވެސް އަފްގާނިސްތާނުގެ ފަރާތުންނެވެ.

ސަފީރު ޣުލާމް އިސްހާގްޒާއީ އަށް އެ ފުރުސަތު ނުދީ، ތަގުރީރު ކުރައްވާ ބޭފުޅުންގެ ލިސްޓުން އެންމެ ފަހު ވަގުތު އޭނާގެ ނަން އުނިކުރީ، ތާލިބާނުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވަން ތައްޔާރުވެގެން ހުންނަވަނިކޮށެވެ.

"އާންމު ބަހުސްގައި ބައިވެރިނުވާން އެ ގައުމުން ނިންމައިފި،" އާންމު މަޖިލީހުގެ ރައީސްގެ ތަރުޖަމާނު މޮނިކާ ގްރޭލޭ، އޭއެފްޕީ އަށް ވިދާޅުވި އެވެ.

ނަމަވެސް އަފްގާނިސްތާނުގެ ފަރާތުން މިފަހަރުގެ އާންމު މަޖިލީހުގައި ތަގުރީރު ނުކުރަން ނިންމި ސަބަބެއް، އދ. ގައި ހުންނަ އަފްގާނިސްތާނުގެ މިޝަންގެ ފަރާތުން ހާމަނުކުރާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އަފްގާނިސްތާނު ސަފީރުގެ ނަން މި އުނިކުރީ، އދ.ގެ އާންމު މަޖިލީހުގައި އަފްގާނިސްތާނު ތަމްސީލު ކުރައްވާނެ ބޭފުޅަކާ މެދުގައި ދެބަސްވުން އުފެދި އެކަމާ މެދު، އދ.ގެ ފަރާތުން ވެސް ވަކި ގޮތެއް ނުނިންމައި އޮއްވަ އެވެ.

އދ.ގެ އާންމު ބައްދަލުވުމުގައި އަފްގާނިސްތާނުގެ ފަރާތުން ތަގުރީރު ކުރުމުގެ ފުރުސަތު ހޯދުމަށް އެދިވަޑައިގެން، އެ ގައުމުގެ އާ ހާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީ، މިދިޔަ ހަފުތާގައިވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ، އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޣަނީ އެ މަގާމުން ދުރުކޮށްފައިވާ ކަމަށާއި، އޭނާއަކީ އަފްގާނުގެ ރައީސް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން މިހާރު ގަބޫލު ނުކުރާ ކަމަށެވެ.

އަދި އަޝްރަގް ގަނީގެ ސަރުކާރުން އދ. އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޣުލާމް އިސްހާގްޒާއީ އަކީ މިހާރު ސަފީރު ކަމުގެ މަގާމުން ވަކިކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ސިޓީގައިވެ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް މިހާރު ހަމަޖައްސާފައިވަނީ، ގަތަރުގެ ދޯހާގައި ހުންނެވި ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ކަމަށް ވެސް ތާލިބާނުން ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް އަންގައިފަ އެވެ.

އަފްގާނިސްތާނުގައި 1996-2001 އަށް ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު ވެސް، އދ. އިން ތާލިބާނުންގެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އދ.ގެ އާންމު މަޖިލީހުން އެދުވަސްވަރު ވެސް ފުރުސަތު ދިނީ ތާލިބާނުންގެ ކުރިން، އެ ގައުމުގެ ރައީސް ކަމުގައި ހުންނެވި ބުރުހާނުއްދީން ރައްބާނީގެ ސަރުކާރަށެވެ.

ހުސްވި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، މިހާރު ވަނީ ވަގުތީ ސަރުކާރެއް އުފައްދައި ކެބިނެޓް ވެސް އިއުލާން ކޮށްފަ އެވެ. ތާލިބާނުން އިއުލާން ކުރި ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުންނަކީ، އދ. އިން އެކަށައަޅާފައިވާ، ބައިނަލްއަގުވާމީ ޓެރަރިސްޓުންނާއި ޓެރަރިޒަމަށް ހޭދަކުރާ މީހުންގެ ކަޅު ލިސްޓުގައި ހިމެނޭ ބޭފުޅުންނެވެ.

ތާލިބާނުން މިހާރު ބުނާ ގޮތުގައި، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ބެހޭ ގޮތުން ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދުގައި ސޮއިކުރި އެއްބަސްވުމާ އެމެރިކާ އިން މިހާރު ހިލާފު ވެއްޖެ އެވެ. އެއީ، އެމެރިކާ ސިފައިން އަމާންކަމާ އެކު އަފްގާނުން ފޭބުމަށް މަގު ފަހިކޮށްދިނުމުގެ ބަދަލެއްގެ ގޮތުން، ޓެރަރިސްޓުންގެ ލިސްޓުން އެ ޖަމާއަތުގެ ވެރިންގެ ނަންތައް އުނިކޮށްދިނުމެވެ. ނަމަވެސް އެމެރިކާ އިން އަދިވެސް އެކަމެއް ނުކުރެ އެވެ.