Roadha Mihaaru
ސުޕްރީމް ކޯޓު: އަމީނަކީ އަދި ކުށްވެރިއެއް ނޫން!

ސުޕްރީމް ކޯޓު އަމުރެއް: އަމީނަކީ ކުށްވެރިއެއް ކަމަށް ދައްކައިގެން ނުވާނެ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން

30 ސެޕްޓެމްބަރ 2021

ޓެރަރިޒަމްގެ ދައުވާ ލިބޭ މުހައްމަދު އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށާއި އަދި އެފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ވާނެ ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ދައުވާ ލިބޭ މުހައްމަދު އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށާއި އަދި އެފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ވާނެ ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނީ އަމީނަށް ކުރި ދައުވާ ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ބައެއް މީޑިއާތަކުން އޭނާގެ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު ޓެރަރިސްޓް ޖަމާއަތްތަކާ އޭނާއާ ގުޅުން އޮންނަކަން ދޭހަވާ ފަދަ ގޮތަކަށް ފޮޓޯއެއް އާންމުކުރި މައްސަލަ އޭނާގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުމުންނެވެ. މިއީ މީޑިއާއަކުން ޝާއިއުކުރި އެއްޗަކާ ގުޅިގެން ކޯޓަކުން އެފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެހެންވެ، އަމީންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން އެ މައްސަލަައާ ގުޅިގެން ޚިޔާލު ފާޅު ކުރުމާއި މީޑިއާތަކުން މައުލޫމާތު އާންމު ކުރުމުގައި އަމީންގެ އެ ހައްގަށް ހުރަސް އެޅޭ ގޮތަށް އަމަލު ނުކުރަން އަންގާ ކަމަށާއި އަދި އެފަދަ ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

"ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން މައްސަލާގެ ޚަސްމު ތަސައްވުރު ކޮށްދިނުމުގެ ގޮތުން އެއްވެސް ޚިޔާލެއް ފާޅު ކުރުމަކީ ނުވަތަ ޚަބަރެއް ގެނެސް ދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަން އާންމުކޮށް އަންގަން." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

މީޑިއާއެއްގައި އަމީނާ ގުޅުވައިގެން ޝާއިއުކުރި ފޮޓޯ އޭނާގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި މީޑިއާތަކުން އޭނާއަކީ ކުށްވެރިއެއް ކަން ދައްކަން މަސައްކަތް ކުރާ ކަމަށް ވެސް ވަކީލުން ތުހުމަތު ކުރެއްވި އެވެ. އެ ފޮޓޯއާ ގުޅިގެން ދައުލަތުން ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ އަމީނަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. އޭނާއަށް ދައުވާކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށް ވިޔަސް، ހައި ކޯޓުން ނިންމީ އޭނާ ބަންދުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށްވާތީ ދައުވާ ކުރުމުގައި ހިނގާނީ އެ ގާނޫނުގައި ބުނާ މުއްދަތު ކަމަށެވެ.

އެ މައްސަލަަ ދައުލަތުން ސުޕްރީމް ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.