Roadha Mihaaru
އަމީނަށް ކުރި ދައުވާ ކުރިއަށްގެންދެވޭނެ: ސުޕްރީމް ކޯޓް

އަމީނަށް ކުރި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް

03 އޮކްޓޯބަރ 2021

ޓެރަރިޒަމްގެ ދައުވާ ލިބުނު މުހައްމަދު އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ދައުވާ ލިބުނު މުހައްމަދު އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އޭނާއަށް ދައުވާ ކުރުމުގެ މުއްދަތުު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. ހައި ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އިތުރުކޮށްފައިވާތީ އޭނާއަށް ދައުވާކުރަން ޖެހޭނީ އެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށެވެ. އެކަމަކު އޭނާއަށް ދައުވާ ކޮށްފައިވަނީ އެ މުއްދަތު ހަމަވިފަހުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި އަމީންގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ހައި ކޯޓުގެ އެ ހުކުމާ އެކު އަމީން މިނިވަންވި އެވެ. އެކަމަކު މޮނިކޮން އަމުރެއްގެ ދަށުން އޭނާ މާލެއިން ބޭރަށް ދިއުމާއި ވަކި ވަގުތެއްގައި ގެއިން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައިި އިސްތިއުނާފް ކުރި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށާއި އަދި ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ގާނޫނެއްގެ މާއްދާތައް މާނަކުރަން ޖެހޭނީ އެ ގާނޫނުގެ ހުރިހާ މާއްދާތަކަށާއި ގާނޫނުގެ މަގްސަދަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަމީންގެ މައްސަލާގައި ހައި ކޯޓުން ގާނޫނު މާނަކުރީ އެ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެެވެ. އަދި އަމީނަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެ މައްސަލަަ ކުރިއަށް ގެންދަން އަމުރުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު އެ މައްސަލާގެ ޝަރީއަތް ނިމެންދެން، އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އެއްވެސް މައުލޫމާތެއް އާންމު ނުކުރަން ދާދިފަހުން ސުޕްރީމް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އެގޮތަށް އަމުރު ނެރުނީ އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށްފަހު މީޑިއާއަކުން އާންމު ކުރުމުންނެވެ.