Roadha Mihaaru
އަމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

އަމީނަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

20 ސެޕްޓެމްބަރ 2021

ޓެރަރިޒަމްގެ ދައުވާ ލިބުނު މުހައްމަދު އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ދައުވާ ލިބުނު މުހައްމަދު އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނިކޮށް، އެ މައްސަލަަ ނުހިންގޭނެ ކަމަށް ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ނިންމުމާ އެކު، އަމީން ބަންދުން މިނިވަން ވެފައި ވަނިކޮށް، ހައި ކޯޓުން އިއްޔެ ވަނީ މާލެ އިން ބޭރަށް ދިއުން މަނާކޮށް، އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފަ އެވެ.

އަމީންގެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

ހައި ކޯޓުން ނިންމީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި އޮތުމުން، އެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭނާ އަށް ދައުވާ ކުރުން ލާޒިމުވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ދައުވާ ކޮށްފައި އޮތީ އެ މުއްދަތު ހަމަވި ފަހުން އަދި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގަ އެވެ. އެހެންވެ، ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާތީ ދެން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވަނީ ހައި ކޯޓުގެ ހުކުމް އޮތީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ކަމަށެވެ.