Roadha Mihaaru
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލީ 50 ޕަސެންޓް މީހުން

އެމްޑީޕީގެ އިންތިހާބުގައި ވޯޓުލީ 50 ޕަސެންޓް މީހުން

30 ސެޕްޓެމްބަރ 2021

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ފަސް އަހަރުގެ ދައުރަށް ތިބޭނެ މެމްބަރުން ހޮވަން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ވާދަވެރި އިންތިހާބުގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ 50 ޕަސެންޓު ކަން އެ ޕާޓީން މިއަދު އާއްމުކުރި ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ފަސް އަހަރުގެ ދައުރަށް ތިބޭނެ މެމްބަރުން ހޮވަން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ވާދަވެރި އިންތިހާބުގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ 50 ޕަސެންޓު ކަން އެ ޕާޓީން މިއަދު އާއްމުކުރި ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 93،612 މީހަކަށެވެ. މީގެތެރެއިން އިންތިހާބުގައި ވޯޓުލީ 47،100 މީހުންނެވެ. މިއީ ހައްގު ލިބިގެންވާ މީހުންގެ 50.31 ޕަސެންޓެވެ.

ދާއިރާ ރައީސުންގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވީ މާލޭގަ އެވެ. އެއީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާދަކުރެއްވުމުންނެވެ.

އެމްޑީޕީން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާލެ އިން ވޯޓުލުމުގެ ހައްގު 13084 މީހުންނަށް ލިބުނެވެ. މީގެ ތެރެއިން ވޯޓުލީ 4،097 މީހުންނެވެ.

މީގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 3774 އެވެ. ބާތިލް ވޯޓުގެ ގޮތުގައި 323 ވޯޓު އޮތެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުކުތް އަދަދު މަދު ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. ފުރަތަމަ ފަހަރަށް މާލޭގެ ކޮންޓްރޯލް އެމްޑީޕީއަށް ގެއްލި ކައުންސިލްގެ ގިނަ ގޮނޑިތައް ނެގީ ޕީޕީއެމުންނެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައި ވަނީ އެޕްރީލް 24އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި އެންމެންނަށް ވޯޓުލުމުގެ ފުރުސަތުދިނުމަށެވެ. އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން ނަމަ އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 53،000 އެވެ.

އިންތިހާބު ވާދަވެރިކަމާ އެކު ނިމުނު އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހްގެ ފެކްޝަނުން ބުނަނީ ޖުމްލަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި ކަށަވަރުވި ކަމަށެވެ. މިއީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސަށް ލިބިވަޑައިގަތުން ކަމަށް ވެސް އެ ފެކްޝަނުން ދެކެ އެވެ.

އެކަމަކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ތާއީދު ބޮޑީ ބަރުލަމާނީ ނިޒާމަށް ކަމަށާއި ގިނައިން ހޮވުނީ ބަރުލަމާނީ ކެންޑިޑޭޓުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ކޮންޓްރޯލަކީ އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ އަތުގައި އޮންނަ އެއްޗެއް ނޫނެވެ. އަދި އެމަނިކުފާނަށް ތުހުމަތުތަކެއް ކުރެއްވިޔަސް ކޮންޓްރޯލް ހޯއްދަވަން ނޫޅުއްވާ ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.