Roadha Mihaaru
ބައެއް ވެރިންގެ ސިއްރު މިލްކިއްޔާތު ފަޅާއަރުވާލައިފި

ބައެއް ވެރިންގެ ސިއްރު މިލްކިއްޔާތު ފަޅާއަރުވާލައިފި

04 އޮކްޓޯބަރ 2021

ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިން، އެ ބޭފުޅުންގެ ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލައިފި އެވެ.

ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިން، އެ ބޭފުޅުންގެ ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލައިފި އެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި އިއްޔެ ފަޅާއަރުވައިލި މާލީ ބަޔާންތަކެއްގައި، ބައެއް ގައުމުތަކުގެ ވެރިންނާއި، އެކި ގައުމުތަކުގެ ސިޔާސީ ދާއިރާގެ އިސް ބޭފުޅުންނާއި، ބޮޑެތި މަހުޖަނުންގެ ވާހަކަތައް ވެސް ހިމެނެ އެވެ. މި މާލީ ބަޔާންތަކުގެ ތެރޭގައި ބައެއް ގައުމުތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިންގެ ތެރެއިން 35 ބޭފުޅެއްގެ މާލީ ސިއްރުތައް ހިމެނެ އެވެ. އަދި އެކި ގައުމުތަކުގެ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުންގެ މާލީ ސިއްރުތައް ވެސް ހިމެނެ އެވެ.

"ޕެންޑޯރާ ޕޭޕާޒް"ގެ ނަމުގައި ފަޅާއަރުވައިލި މި ލިޔުންތަކުން އެނގޭ ގޮތުގައި، ދުނިޔޭގެ މަޝްހޫރު ބައެއް މަހުޖަނުން އެ މީހުންގެ މުއްސަނދިކަން، ބޭރުގެ ކޮންމެވެސް ގައުމެއްގައި ރައްކާކޮށްގެން ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ބަހަމާސް އާއި ބެލީޒް ފަދަ ގައުމުތަކުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ބައެއް މަހުޖަނުން، އެމީހުންގެ މިލްކިއްޔާތުގެ ވަރަށް ބޮޑު ބައެއް ރައްކާކުރަނީ، އެ މީހުންގެ އަމިއްލަ ގައުމުގެ ޓެކުހުން ސަލާމަތްވުމަށެވެ.

ޕެންޑޯރާ ޕޭޕާޒް އަކީ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އާއި ވޮޝިންޓަން ޕޯސްޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ 650 އަށް ވުރެ ގިނަ ނޫސްވެރިން ގުޅިގެން، އެތައް މިލިއަން ލިޔެކިޔުންތަކެއް ދިރާސާކޮށްގެން ހިންގި ތަހުގީގީ ނޫސްވެރިކަމުގެ މަސައްކަތަކުން އެކުލަވައިލި ސިއްރު މައުލޫމާތުތަކެކެވެ. މިއީ އައިސީއައިޖޭ އިން މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރި ތަހުގީގީ ނޫސްވެރިކަމުގެ ދިރާސާއެވެ.

ޕެންޑޯރާ ޕޭޕާޒްގައި، ރަސްރަސްކަލުންނާއި ރައީސުންނާއި އަމީރުންނާއި ބިލިއަނަރުންގެ އިތުރުން ބޮޑެތި މުޖުރިމުން އެ މީހުންގެ ފައިސާ ފޮރުވާ ގޮތާއި އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރާ ގޮތް ހޯދާފައިވަނީ، އެ މީހުންގެ އީމެއިލްތަކާއި ޕާސްޕޯޓްގެ ކޮޕީތަކާއި ބޭންކު ސްޓޭޓްމަންޓްތައް ފަދަ އެތައް ލިޔުމެއް ދިރާސާކޮށްގެންނެވެ. ޕެންޑޯރާ ޕޭޕާޒްގައި، ދުނިޔޭގެ މަޝްހޫރު މީހުންނާއި ނުފޫޒު ގަދަ ލީޑަރުން، އެމީހުންގެ މިލްކިއްޔާތާއި ފައިސާ، ދުނިޔޭގެ އެކި ގައުމުތަކުގައި ދައުރުކުރާ ގޮތް ބުނެދީފައިވެ އެވެ.

ފަޅާއަރުވައިލި ލިޔުންތަކުގެ ތެރޭގައި ޖޯޑްންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެނަކާއި، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އޭނާގެ އަނބިކަނބަލުންނާއި، ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އަންދްރޭ ބާބީޒް ހިމެނެ އެވެ.

ޕެންޑޯރާ ޕޭޕާޒްގައި ބުނެފައިވާ ގޮތުން، ޓެކުހަށް މަކަރު ނުހެދުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އަދި ކުދި ގައުމުތަކުގައި ޓެކުހަށް މަކަރު ހަދައި އޮޅުވައިލާ ކަމަށް އެންމެ ގަދައަށް ތުހުމަތު ކުރާ އެމެރިކާގައި ވެސް، އެހެން ގައުމުތަކުގެ ވަގު ފައިސާ ރައްކާކޮށްދޭ ކިތަންމެ ކުންފުންޏެއް އެބަ ހިންގަ އެވެ.

ފަޅާއަރުވައިލި ލިޔުންތަކުން އެނގޭ ގޮތުގައި ޖޯޑްންގެ އަބްދުﷲ ރަސްގެފާނުގެ، އެމެރިކާ އާއި އިނގިރޭސި ވިލާތުން އެކި ބާވަތުގެ މުދާ އަމިއްލަ ކުރައްވައިގެން، 70 މިލިއަން ސްޓާލިން ޕައުންޑް ސިއްރިޔާތުގައި ފޮރުވާފައި އެބަހުއްޓެވެ.

އެ ގޮތުން ކެލިފޯނިއާގެ މަލިބޫގެ ގޮނޑުދޮށް ސަރަހައްދުން، އެންމެ މަތީ ފެންވަރުގެ ތިން އެޕާޓްމަންޓް، ބޭރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް، 68 މިލިއަން ޑޮލަރަށް އަބްދުﷲ ރަސްގެފާނު ބައްލަވައިގެންފައިވެ އެވެ. އަދި ވޮޝިންޓަން ޑީސީ އިން ތިން ލަގްޒަރީ އެޕާޓްމެންޓާއި، އިނގިރޭސި ވިލާތުގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ އެސްކޮޓް އިން ގެއަކާއި ލަންޑަންގެ މެދުތެރޭ ހިސާބަކުން، އެތައް މިލިއަން ޑޮލަރެއްގެ އެޕާޓްމަންޓެއް ބައްލަވައިގެންފައި އެބަހުއްޓެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އަނބިކަނބަލުން ވެސް، ލަންޑަނުން އޮފީސް އިމާރާތެއް ބައްލަވައިގެންނެވި އިރު، ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 312،000 ޕައުންޑް ސިއްރިޔާތުގައި ފޮރުވާފައި އެބަހުއްޓެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސިއްރިޔާތުގައި ފޮރުވާފައި ހުރި މުދާތަކެއް މޮނާކޯގައި އެބަހުއްޓެވެ. އަދި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު، ފަރަންސޭސި ވިލާތުގެ ދެކުނު ސަރަހައްދަކުން، 22 މިލިއަން ޑޮލަރަށް ގަނޑުވަރެއް ބައްލަވައިގެންފައި އެބަހުއްޓެވެ.