ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" ވިދާޅުވެ، ސުޕްރީމް ކޯޓުގައި ލިބިވަޑައިގަތް ފަހު ފުރުސަތުގައި ވެސް އިންސާފު ހޯދައިދެއްވަން އެދި ގިނަ ވާހަކަތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ދައްކަވައިފި އެވެ.
05 އޮކްޓޯބަރ 2021
ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" ވިދާޅުވެ، ސުޕްރީމް ކޯޓުގައި ލިބިވަޑައިގަތް ފަހު ފުރުސަތުގައި ވެސް އިންސާފު ހޯދައިދެއްވަން އެދި ގިނަ ވާހަކަތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ދައްކަވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތީ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތުގެ ފަހު އަޑުއެހުމެވެ.
އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުވަމުންދާ ކަމުގެ ގިނަ ވާހަކަތަކެއް ދެއްކެވުމަށް ފަހު، ހުކުމް އިއްވުމުގެ ކުރިން ލިބިވަޑައިގަތް ފަހު ފުރުސަތުގައި ވެސް ޔާމީން އެދިވަޑައިގަތީ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ފަނޑިޔާރުން ބައްލަވައި ދެއްވުމަށެވެ.
ޔާމީން ވިދާޅުވީ މި މައްސަލައިގައި އެއް ކޮޅުގައި ހުރީ ވަރުގަދަ ދިވެހި ދައުލަތް ކަމަށާއި އަނެއް ކޮޅުގައި ހުރީ ފަރުދެއް ކަމަށެވެ. ދައުލަތުގެ ދައުވާ އަކީ ވަަރަށް ބޮޑަށް އޮޅުވާލައިގެން ކޮށްފައިވާ މަސައްކަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ބޭއިންސާފު ދައުވާއެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަންކަން ހިނގާފައި އޮތް ގޮތް ފަނޑިޔާރުން ބައްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެއާއެކު ދެން ފާޑުވިދާޅުވީ ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށެވެ.
މައްސަލަ ކުރިއަށް ދިޔަ އިރު ފަނޑިޔާރުންނަށް ސުވާލުކޮށްގެން ސާފު ކުރެވޭނެ އެތައް ކަމެއް އޮއްވައި އެ ފުރުސަތުގެ ބޭނުން އެ ބޭފުޅުން ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަށައިގެންވާ ކަންކަން އޮޅުންފިލުއްވަން އެތައް ސުވާލެއް ކުރެއްވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން ސުޕްރީމް ކޯޓުގެ މަރުހަލާގައި ކަންކަން ސާފު ކުރެއްވުމުގެ ގޮތުން ވަރަށް ގިނަ ތަފާތު ސުވާލު އަޅުގަނޑުމެންނާ ކުރައްވައިފި،" އެމަނިކުފާނު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބެންޗެއް އެކުލަވާލީ މައްސަލަ ނިމެން ކައިރިވެފައި އޮއްވައިކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ. އެކަމަކު، އެ ބެންޗުން ވެސް މައްސަލައާ ގުޅޭ ކަމެއް ސާފު ކުރަން ސުވާލެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު ދެއްވި ބަޔާނުގައި ހުރި ވާހަކަތަކާ ގުޅޭ ސުވާލުތަކެއް ތަހުގީގުގައި އެމަނިކުފާނާ ނުކުރާކަން ސާފުކޮށް އެނގެން އެބަ އޮތެވެ. ވޮޑަމުލާގެ ފައިސާ ކަމާއި އެއީ ދައުލަތުގެ ފައިސާ ކަމެއް ވެސް އެމަނިކުފާނު ގާތުގައި ބުނެފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ. މައްސަލަ ނިންމަވާ އިރު އެކަންކަމަށް ވިސްނެވުމަށް ޔާމީން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތެވެ.
އަޅުގަނޑު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވާހަކަފުޅުގެ ދޭތެރެ ދޭތެރެއިން އެއްޗެއް ދަންނަވަން ޖެހުނީ، ތަކުރާރުކޮށް، ޝުއޫރު އަޑުއައްސަވާށޭ އެކަހަލަ އިބާރާތެއް އަންނާތީ އިނގޭތޯ. ފަނޑިޔާރުން ގޮތް ނިންމެވުމުގައި ޝުއޫރަކަށް ޖަޒުބާތަކަށް ނުބަލާނެ. ގާނޫނީ ނުކުތާތަކަށް އަޅުގަނޑުމެން ބަލާނީ. -- ފަނޑިޔާރު މަހާޒް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭސީސީން ރައީސް އޮފީހަށް ބަޔާން ނަގަން ދިޔައިރުގެ ޔައުމިއްޔާތައް ވެސް ހުށަހަޅައިފައެއް ނުވެ އެވެ. އަދި ދިފާއު ބިނާ ކުރަން ރައީސް އޮފީހުގެ އެޕޮއިންޓްމެންޓްތަކުގެ ލޮގް ހޯދަން އުޅުމުން ވެސް އެ މައުލޫމާތެއް ވެސް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
ދެން ވިދާޅުވީ އެމަނިކުފާނަށް ހުކުމް ކުރި ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވުމުން ވެސް ސައްހަކަން ކަށަވަރުނުކުރާ ކަމަށެވެ. އެއީ ވެސް އެމަނިކުފާނުގެ ހައްގެއް ގެއްލުނު ސަބަބެއް ކަމަށް ވިދާޅުވި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކ ދައްކަވަނީ --
ކޯޓުތަކުން އެމަނިކުފާނަށް އިންސާފު ނުލިބޭ ކަމަށް ބާރު ދެއްވަން ގިނަ ވާހަކަތަކެއް ދެއްކެވުމުން ފަނޑިޔާރު މަހާޒް ވަނީ އިސްތިއުނާފީ ނުކުތާތަކާ ބެހޭ ގޮތުން ވާހަކަ ކުރިއަށް ގެންދަވަން ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އެ ނުކުތާތަކުގެ ބޭރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަމަށް ނުބެލޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރުން ގޮތް ނިންމެވުމުން ހުކުމް ތަންފީޒު ކުރަން ޖެހޭނީ އެމަނިކުފާނުކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެ ވާހަކަތަކަކީ އެކަމާ ހެދި އުފެދޭ ޝުއޫރުތައް ކަމަށެވެ.
މުޅި ކަންތަކުގައި މިއޮތީ މަކުނުވާ ފުރާ ފުރިފައި އޮތް ކަމެކޭ ދަންނަވަން މި އުޅެނީ. އެހެންވީމަ މި މަކުނުވާތައް ސާފުކޮށްގެން ނޫނީ އަސްލު މައްސަލައާ ހަމައަށް ފަނޑިޔާރުންނަށް ވަޑައެއްނުގަނެވޭނެ: ޔާމީން
ދޭތެރެއަކުން ޔާމީން ވާހަކަ ހުއްޓުވުމުން ވެސް ވިދާޅުވަނީ ވާހަކަތަކުގެ ބޭނުމަކީ މައްސަލައިގެ ވަށައިގެންވާ ކަންކަން ފަނޑިޔާރުންނަށް ކިޔައިދެއްވުން ކަމަށެވެ. އެއާއެކު ދައުލަތުން އަދުލުގެ އިންސާފުގެ ނިޒާމުގެ ތެރެއަށް އަތް ކޮއްޕާފައިވާ މިންވަރު ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ގާނޫނީ ވާގިއާތަކާ ގުޅޭ ވާހަތަކެއް ދައްކާކަށެއް ނޫން. އެހެންނަމަވެސް، އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުން ފަނޑިޔާރުން ނިޔާގެ މުގުރު ނަންގަވާއިރު، ފަނޑިޔާރުންގެ ހިޔާލުފުޅަށް ގެންނަން ބޭނުންވާ ބައެއް ވާހަކަ ދަންނަވާލަން ބޭނުންވަނީ. މުޅި މައްސަލައިގެ ވަށައިގެން ހިނގާފައި ހުރި ކަންތައްތަކުގެ." ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ނިޔާ ކަނޑައެޅިގެންދާ ގޮތުން އަޅުގަނޑު އަނެއްކާ ވެސް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭނެތީ އަޅުގަނޑު ދަންނަވާ ޝިކާޔަތު މިއީ: ޔާމީން
"އަޅުގަނޑުގެ އިހްސާސްތައް މި ދަންނަވާލީ. ހުކުމް ތަންފީޒުވެގެންދާނީ އަޅުގަނޑުގެ މައްޗަށް. އަދި ފަނޑިޔާރުންގެ ނިޔާ ކަނޑައެޅިގެންދާ ގޮތުން އަޅުގަނޑު އަނެއްކާ ވެސް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭނެތީ އަޅުގަނޑު ދަންނަވާ ޝިކާޔަތު މިއީ."
އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި މީހުންގެ ތެރެއިން އެސްއޯއެފްގެ ފައިސާ ޖަމާވި ބައެއް މީހުންގެ ގޯސް ނިޔަތެއް ނެތް ކަމަށް ނިންމައި ދައުވާ ނުކުރަން ނިންމާފައިވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ވަކި ބަޔަކަށް ދައުވާ ކޮށްފައި އެހެން ބަޔަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމުމަކީ ތަފާތު ކުރުން ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މައްސަލައިގައި ބަލަނީ އިސްތިއުނާފީ ނުކުތާތަކަށް ވިޔަސް، އާހިރުގައި ޝަރީއަތުން ކުރަން އުޅޭ ކަމަކީ މީހެއްގެ މައްޗަށް އަދުލު ގާއިމް ކުރުމެވެ. މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ހިނގާފައި ވަނީ ކިހިނެތް ތޯ ބެލުން މުހިންމު ވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
"މުޅި ކަންތަކުގައި މިއޮތީ މަކުނުވާ ފުރާ ފުރިފައި އޮތް ކަމެކޭ ދަންނަވަން މި އުޅެނީ. އެހެންވީމަ މި މަކުނުވާތައް ސާފުކޮށްގެން ނޫނީ އަސްލު މައްސަލައާ ހަމައަށް ފަނޑިޔާރުންނަށް ވަޑައެއްނުގަނެވޭނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަ ނިންމަވާލެއްވުމުން ފަނޑިޔާރު މަހާޒު ވިދާޅުވީ، ފަނޑިޔާރުން ގޮތް ނިންމާ އިރު ޝުއޫރާއި ޖަޒުބާތަކަށް ނުބަލާނެ ކަމަށާއި ބައްލާނީ ގާނޫނީ ނުކުތާތަކަށް ކަމަށެވެ.
"އަޅުގަނޑު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވާހަކަފުޅުގެ ދޭތެރެ ދޭތެރެއިން އެއްޗެއް ދަންނަވަން ޖެހުނީ، ތަކުރާރުކޮށް، ޝުއޫރު އަޑުއައްސަވާށޭ އެކަހަލަ އިބާރާތެއް އަންނާތީ އެނގޭތޯ. ފަނޑިޔާރުން ގޮތް ނިންމެވުމުގައި ޝުއޫރަކަށް ޖަޒުބާތަކަށް ނުބަލާނެ. ގާނޫނީ ނުކުތާތަކަށް އަޅުގަނޑުމެން ބަލާނީ،" މަހާޒު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން ދައްކަން ހުރި އެންމެ ފަހުގެ ވާހަކަތައް ދައްކައިފަ އެވެ. އެއަށް ފަހު މިއަދު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އެހެންކަމުން، ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ. ކޯޓު ރިސެސްއަށް ދިޔުމަށް ބާކީ އޮތް 56 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ހުކުމް ތަންފީޒު މައްސަލަ: ހައި ކޯޓުގެ ނިންމުން ބާތިލް
އިންސާފު ހޯދަން ދެވުނީތީ މޮޔަ ހީވުން!
ސުޕްރީމް ކޯޓު ރިސެސްއަށް، ހައިކޯޓުން މައްސަލަ ނިންމަނީ
އަހަރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ބޮޑު ބަދަލެއް
ވަކީލުންނާ ގުޅޭ ޝަކުވާ ހުށަހަޅަން ޖެހޭނީ ބާކައުންސިލަށް
ޔާމީން ދޫކޮށްލަންކުރި ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ