Roadha Mihaaru
ޝާހިދު "ބޯގޯސް" ވީހޭ ވެސް ބައެއް މީހުން އެހި

އާއްމު މަޖިލީހުގެ ރިޔާސަތަށް ކުރިމަތިލީ "ބޯގޯސްވީމާ ހޭ" ވެސް އެހި: ޝާހިދު

07 އޮކްޓޯބަރ 2021

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ކެމްޕެއިން ކުރައްވަން ފެއްޓެވުމުން އޭނާ "ކުޑައިކޮށް ބޯގޯސްތޯ" ވެސް ބައެއް މީހުން ސުވާލުކުރި ކަމަށް އެ މަގާމު ކާމިޔާބު ކުރެއްވި ރާއްޖޭގެ ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ކެމްޕެއިން ކުރައްވަން ފެއްޓެވުމުން އޭނާ "ކުޑައިކޮށް ބޯގޯސްތޯ" ވެސް ބައެއް މީހުން ސުވާލުކުރި ކަމަށް އެ މަގާމު ކާމިޔާބު ކުރެއްވި ރާއްޖޭގެ ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް އިއްޔެ ވަޑައިގަތުމުން ޝާހިދުގެ ޝަރަފުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ރަސްމީ ޖާފަތުގައި ޝާހިދު ވިދާޅުވީ، ބައެއް ގައުމުތަކުގެ ސަފީރުންނާއި ވަޒީރުން ވެސް އެ ސުވާލު ކުރެއްވި ކަމަށެވެ. "ދިވެހިންނަކީ ކެރޭ ބައެއް" ކަމަށް ވިދާޅުވެ، އެފަދަ ސުވާލުތަކަށް ޖަވާބު ދެއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި ބައެއް ގައުމުތަކުގެ ސަފީރުން، ސާދާކޮށް ސާފުބަހުން ވިދާޅުވާން ކެރިވަޑައިގަންނަވާ ވަރު ވަޒީރުން ވިދާޅުވި އަބްދުﷲ ޝާހިދުއޭ ކުޑައިކޮށް ބޯގޯސް މީހެއްހޭ ކަލެއަކީ، މި ކަހަލަ ދަނޑިވަޅެއްގައި ތިޔަ ކަހަލަ ކަމެއްގެ ތެރެއަށް ތިޔަ ފައިބަނީ،" ރާއްޖޭގެ ހާރިޖީ ދާއިރާގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ޝާހިދު ވިދާޅުވި އެވެ.

ބޯގޯސްވުމާއި ނުވުމަކީ އަމިއްލައަށް ނިންމަވާ ކަމެއް ނޫން ކަމަށާއި އެކަމަކު ދިވެހިންނަކީ ކެރިގެން ކަންކަމާ ކުރިމަތިލާ ބައެއް ކަމަށާއި އދ. ގެ އާއްމު މަޖިލީހުގައި އޭނާ ބަލަހައްޓަވާ ރިޔާސަތު ފެށިގެން އައީ ދިވެހި ރައްޔިތުންނާ ހަމަައިން ކަމަށް ވިދާޅުވެ، އެ ސުވާލަށް ޖަވާބު ދެއްވާފައިވާނެ ކަމަށް ވެސް ޝާހދު ވިދާޅުވި އެވެ. ދިވެހިންނަކީ ކަންކަމުގައި ދިމާވާ ހުރަސްތައް ގިރާކުރަން ކެރޭ ބައެއް ކަމަށް ވެސް އެ ސުވާލު ކުރެއްވި ބޭފުޅުންނަށް ދެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގެނެސްދޭ ރިޔާސަތުގައި މި އޮތީ ދިވެހިރާއްޖޭގެ ނަލަ ގޮނޑުދޮށްތަކުން ގެނެސްދޭ އުއްމީދުގެ ފަސްދޯދި ކަމުގައި އަޅުގަނޑު ދެންނެވިން،" އޭނާ ވިދާޅުވި އެވެ.

"އުއްމީދުގެ ރިޔާސަތު"ގެ ފަސް ދޯދީގެ ގޮތުގައި ޝާހިދު ވެވަަޑައިގެންފައިވާ ވައުދުތަކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތާ އެއްގޮތް ކަންތައްތަކަށް ވާތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ގަސްދު ކުރައްވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޝާހިދު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ އެންމެނަށް ކޮވިޑްގެ ވެކްސިން ދިނުމަށް ބާރު އަޅުއްވަން ބައްދަލުވުމެއް ބޭއްވުމެވެ. ގައުމުތަކުގެ ވެރިން އެކަމަށް މަސައްކަތް ކުރައްވައިފި ނަމަ އަންނަ އަހަރު ވެކްސިން ފުރިހަމަ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ކުރެވޭނެ ކަމެއް. ކުރެވިދާނެ ކަމެއް. ބޭނުން ވަނީ އެގޮތަށް ދުނިޔޭގެ ވެރިން މަސައްކަތް ފެއްޓެވުން،" އޭނާ ވިދާޅުވި އެވެ.

އދ.ގެ އާއްްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހާއްސަ ޖާފަތުގައި އެ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް.

އދ.ގެ އާއްްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހާއްސަ ޖާފަތުގައި އެ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް.

.އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ގަސްދުކުރައްްވާ ދެވަނަ މަސައްކަަތަކީ ޝާހިދު ވިދާޅުވި ގޮތުގައި ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމެވެ. އެ ފަދަ ދެ ބައްދަލުވުމެއް އަންނަ އަހަރު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން ކޮންމެ ބައްދަލުކުރުމެއްގައި ވެސް ދިވެހިރާއްޖޭގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ [ރައީސް އިބްރާހީމް މުހައްމަދު ސޯލިހު]ގެ އަޑުފުޅު ދުނިޔެެ އަށް އިއްވައި ދެއްވުމަކީ އަޅުގަނޑުގެ އެދުމެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ގުޅޭ ކަންކަމުގައި އިސް ސަފުގައި ވެސް މިހާރު އުޅެނީ ދިވެހިން ކަމަށެވެ.