Roadha Mihaaru
ޔުކްރެއިންގެ މައްސަލާގައި ޝާހިދު ގޮވާލެއްވީ މަޝްވަރާއަށް

ރަޝިއާ-ޔުކްރެއިންގެ މައްސަލަ: ޝާހިދު ގޮވައިލެއްވީ މަޝްވަރާ ވަރުގަދަކުރަން

24 ފެބުރުއަރީ 2022

ޔުކްރެއިނާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އަދިވެސް މަޝްވަރާކުރަން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޔުކްރެއިނާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އަދިވެސް މަޝްވަރާކުރަން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފެށިކަން މިއަދު ހެނދުނުގެ ވަގުތެއްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާންކުރެއްވުމާ އެކު ޔުކްރެއިނަށް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މަސްރަހު ގޯސްވުމާ އެކު ޝާހިދު ވިދާޅުވީ ‎ހަނގުރާމައިގެ ނުރައްކަލުން، އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަކީ އދ. ގެ ޗާޓަރުގެ ފުރަތަމަ އިބާރާތް ކަމަށާއި އެއީ އެ ޖަމިއްޔާ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

އދ. ގެ މެންޑޭޓުގައި، ސުލްހަ މަސަލަސްކަން ގެއްލިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި އަދުލު އިންސާފާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރަން ކަނޑައަޅާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެހެންވެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަންއަމާންކަން ދެމެހެއްޓުމަކީ އދ. ގެ އެއް މަގްސަދު ކަމަށް ވިދާޅުވި އެވެ.

"ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް ލިބިފައިވާ ނަމަ، އެ ފިލާވަޅަކީ ދާއިމީ ސުލްހައަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުން،" ޝާހިދު ވިދާޅުވި އެވެ.

އަނިޔާ އާއި ވޭން ކުޑަކުރުމާއި ހަނގުރާމައިން ލިބިގެންދާ އިގްތިސާދީ ނިކަމެތިކަމާއި، ހަނގުރާމައަށް ފަހު، އިގުތިސާދު ރުޖޫއަކުރުމަށް އަދާކުރަންޖެހޭ ހަރަދާއި އެ ތަކުލީފުން މިންޖުވެވެން އޮތް އެންމެ ރަނގަޅު ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން ރައްކާތެރިވެގެން ތިބުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް ގޮވާލަނީ މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް،" ރައީސް ވިދާޅުވި އެވެ.

‎ދެބަސްވުންތައް ހައްލުކުރަން ބޭނުންވާ ވަސީލަތް ރުކުރުވާލަން ޝާހިދު ގޮވައިލެއްވި އެވެ. އަދި ޑިޕްލޮމަސީ އާއި އިސް ފަރާތްތަކުގެ މަދަދާއި ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދިނުމަށާއި ސުލްހަ އަށް ހައްގުވާ ހުރިހާ ފުރުސަތެއް ދިނުމަށް ޝާހިދު އެދިވަޑައިގަތެވެ.