Roadha Mihaaru
ދިވެހިންގެ ޝަރަފު ދަމަހައްޓަން މަސައްކަތްކުރާނަން: ޝާހިދު

ދިވެހިންގެ ނަމާއި ޝަރަފު ދަމަހައްޓަން މަސައްކަތް ކުރާނަން: ޝާހިދު

06 އޮކްޓޯބަރ 2021

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ނަމާއި ޝަރަފު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ނަމާއި ޝަރަފު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު މިހެން ވިދާޅުވީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަމިއްލަ ގައުމަށް ފުރަތަމަ ފަހަރަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުރި ގޮތް ހިއްސާ ކުރައްވާފައިވާތީ ޝާހިދު ވިދާޅުވީ، އެކަން ކަމާ ގުޅޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އޭނާގެ "އުއްމީދުގެ ރިޔާސަތު" ގެ ފަސް ދޯދި ފެށިފައި ވަނީ ވެސް ރާއްޖެއިންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު މިއަދު ރައީސް އޮފީހުގައި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު މިއަދު ރައީސް އޮފީހުގައި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

"ދިވެހިރާއްޖޭގެ ގޮނޑުތަކަށްދޭ ނަލަ ރީތި އަލީގެ ތެރެއިން އދ. ގެ މަޖިލީހަށް ގެންގޮސްދިން ދިވެހިންގެ ފަސް ދޯދި އެއީ. އެ ފަސްކަމުގެ ތެރޭގައި ރައީސް އިޝާރާތް ކުރެއްވި ހުރިހާ ކަމެއް ހިމެނިގެން ދޭ،" ޝާހިދުގެ އެއް އަހަރުގެ ރިޔާސަތުގައި އދ. ގެ ކަންކަމާ ގުޅޭ ގޮތުން އޭނާ ގެންގުޅުއްވާ ތަސައްވުރަށް ތާއީދު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

"ދިވެހިންގެ ނަމާއި ޝަރަފު ދެމެހެއްޓުމަށް އަޅުގަނޑު ހިފެހެއްޓުމެއް ނެތި މަސައްކަތްކުރަމުން ގެންދާނަން."

ޝާހިދު ވިދާޅުވިގޮތުގައި، ދިވެއްސަކަށް އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ މިހާރުގެ ރައީސްގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައިސް ޝާހިދު މިއަދު ރައީސް އޮފީހުގައި ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒް މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައިސް ޝާހިދު މިއަދު ރައީސް އޮފީހުގައި ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒް މޫސާ

ޝާހިދު ވިދާޅުވީ، ގައުމުތަކާ އެކު މި ސަރުކާރުން ގެންގުޅޭ ގާތް ގުޅުމާއި އިންސާނީ ހައްގު ރައްކާތެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން ޑިމޮކްރަސީ ވަރުގަދަ ކުރުމަށް އެ މަނިކުާނު ކުރެއްވި ކަންކަމުގެ ނަތީޖާއަކީ މިއަދު އޭނާ އަށް އދ. ގެ ރިޔާސަތުގައި އިންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް ފަހުރުވެރިކަމާއެކު ބައިނަލްއަގްވާމީ ދާއިރާގައި ކޮޅަށް ތެދުވެ ބަސް ބުނަން ކެރޭ ގައުމެއްގެ ގޮތުގައި ހެއްދެވުމަށް މަނިކުފާނު [ރައީސް] ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން،" ޝާހިދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައިސް ޝާހިދު މިއަދު ރައީސް އޮފީހުގައި.---ފޮޓޯ: ފަޔާޒް މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައިސް ޝާހިދު މިއަދު ރައީސް އޮފީހުގައި.---ފޮޓޯ: ފަޔާޒް މޫސާ

އޭނާ ވިދާޅުވީ، އުއްމީދުގެ މި ރިޔާސަތަކީ އިސްލާހީ ހެޔޮ ބަދަލުތަކެއް ފެންނާނެ ހަރުދަނާ މަޖިލީހަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ

އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.