Roadha Mihaaru
މުއިއްޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިއްޖެ

މުއިއްޒުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި

06 އޮކްޓޯބަރ 2021

ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ބްރިޖް ވިއު އިން ޕްލެޓް ފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ބްރިޖް ވިއު އިން ޕްލެޓް ފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ނިންމާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރުމަށް ޕީޖީއަށް ފޮނުވުމަށެވެ.

މުއިއްޒުގެ އިތުރުން އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބުގެ މައްޗަށް ވެސް އެ ދައުވާތައް ކުރަން ފޮނުވުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގެ ތަފްސީލް ހާމަ ކުރައްވައި، އޭސީސީން މިއަދު އާންމު ކުރި ރިޕޯޓުގައިވާ ގޮތުން ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާ ކުންފުންޏާ އެކު ތިން އަހަރުގެ އެއްބަސްވުމެއް ވަނީ އެކުލަވާލައިފަ އެވެ.

އޭގެ ފަހުން ޕާކިން އޭރިއާ އެ ބިމުގެ ހުޅަނގަށް ޖައްސާލުމަށް ފަހު އެތަނުގައި "ޗާޓައިމް" ގެ ނަމުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށާއި އޭގެ ސަބަބުން 2،464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާ އަށް ލިބި އިތުރު ފައިދާ އެ ކުންފުންޏަށް ވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ އެއްބަސްވުމާ އެއްގޮތައް ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެ އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް އެކަން ނުކޮށް އެ ކުންފުންޏަށް އިތުރަށް މަންފާވާ ގޮތަށް އެ އެއްބަސްވުމަށް އިތުރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށް ދީފައިވާ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށްދޭން ސްޓްރާޑާ އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ބަދަލުތައް ގެނެސްފައި ވަނީ އެއްވެސް ގާނޫނީ ލަފައެއް ނުހޯދާ ކަމަށާއި ކުރު މުއްދަތަކަށް އިއުލާން ކުރި ޕްރޮޖެކްޓަކަށްވާ އިރު މުއްދަތު ފަސް އަހަރަށް އިތުރު ކުރުމަކީ މަގްސަދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

"...ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަމާއި، ނޮވެމްބަރު 1، 2017 އިން ފެށިގެން ޖުލައި 2018 ގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަން ރުފިޔާ ދައްކާފައިނުވާއިރު، މިނިސްޓްރީ އަށް އެއްބަސްވުން ބާތިލް ކުރުމަށް ލިބިފައިވާ އިހްތިޔާރު ބޭނުންކޮށްފައި ނުވުމުން އެކަމުގައި ސްޓްރާޑާގެ މަސްލަހަތު އިސްކޮށްފައިވާކަން އެނގޭ،" އޭސީސީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ބޭނުމަކަށް އެ ސަރަހައްދުން ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ކުންފުންޏަށް އެ ބިން 25 އަހަރަށް އިތުރު ކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގެ ލަފަޔަށް އެދިފައިވާ ކަމަށާއި ސްޓްރާޑާ އަށް ފައިދާވާ ބަދަލެއް ހޯދަން މުއިއްޒު ސޮއިކުރައްވައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ އެ ކުންފުނިން ދައްކަން ޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ނުދައްކާ އޮއްވާ ކަން މިނިސްޓްރީއަށް އެނގެން އޮއްވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން ސްޓްރާޑާ އަށް ބަދަލެއްގެ ގޮތުގައި 32.1 މިލިއަން ރުފިޔާ ހޯދަން ހަމަ އެ ދުވަހު ހައުސިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށް، ފައިސާގެ ބަދަލަކީ ސްޓްރާޑާ އަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ދޭހަވާގޮތަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.