Roadha Mihaaru
އެސްއެމްއީއިން އެންމެ ގިނަ ލޯނު ދޫކުރީ ކ، ލ. އަށް

އެސްއެމްއީ އިން އެންމެ ގިނަ ލޯނު ދޫކުރީ ކ. އާއި ލ. އަތޮޅަށް

10 އޮކްޓޯބަރ 2021

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރާ ލޯނުތައް އެންމެ ގިނައިން ދޫކުރީ ކ. އާއި ލ. އަތޮޅަށް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރާ ލޯނުތައް އެންމެ ގިނައިން ދޫކުރީ ކ. އާއި ލ. އަތޮޅަށް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މާލޭގައި ހިންގާ ވިޔަފާރިތަކަށެވެ. މާލެ އިން 291 ލޯނަކަށް 332 މިލިއަން ރުފިޔާ އެޕްރޫވް ކޮށްފައިވާއިރު، ލ. އަތޮޅުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ 62 ލޯނަކަށް 65 މިލިއަން ރުފިޔާ އެޕްރޫވްކުރި އެވެ. ތިން ވަނަ އަށް އެންމެ ގިނަ ލޯނު ދޫކުރަން ނިންމާފައި ވަނީ ކ. އަތޮޅަށެވެ. އެ އަތޮޅުގެ 56 ފަރާތަކަށް 84 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވެ އެވެ.

އެސްޑީއެފްސީން ގދ. އަތޮޅުގެ 53 ފަރާތަކަށް 64 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު އައްޑޫގެ 45 ފަރާތަކަށް 56 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ. މިހާތަނަށް އެންމެ މަދުން ލޯނު ދޫކުރީ ދ. އަތޮޅަށެވެ. އެ އަތޮޅުގެ ފަސް މީހަކަށް ލޯނު ދޫކުރަން ނިންމާފައި ވެ އެވެ. ނަމަވެސް މިހާތަނަށް ލޯނު ދޫކޮށްފައިވަނީ ހަތަރު މީހަކަށެވެ.

މާލެ ސަރަހައްދުން ލޯނަށް އެދުނު 291 މީހުންގެ ތެރެއިން 210 މީހަކަށް ލޯނު ދޫކުރި އިރު ލ. އަތޮޅުގެ 48 މީހަކަށް ވެސް ލޯނު ދޫކޮށްފައިވެ އެވެ.

އެސްޑީއެފްސީން ޖުމުލަ 842 މީހަކަށް ލޯނު ދޭން ނިންމާފައިވާއިރު މިހާތަނަށް 599 މީހަކަށް ލޯނު ދޫކޮށްފައިވެ އެވެ. މިއީ 596 މިލިއަން ރުފިޔާ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޫކުރި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނެއް ދީފައިވަނީ ފިރިހެނުން ހިންގާ ވިޔަފާރިތަކެވެ. މިހާތަނަށް 75 ލޯނެއް ދޫކުރީ ފިރިހެނުންނަށެވެ. އަދި އަންހެނުން ހިންގާ 53 ވިޔަފާރިއަކަށް ލޯނު ދޫކުރި އެވެ.

އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާޝަލް ދާއިރާގެ ވިޔަފާރިތަކަށެވެ. އެ ދާއިރާގެ 237 ވިޔަފާިއަކަށް ލޯނު ދޫކުރި އިރު ދެވަނަ އަށް އެންމެ ގިނައިން ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށެވެ. އެ ދާއިރާގެ 112 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވެ އެވެ.