Roadha Mihaaru
ސަލާމަތީ ފިޔަވަޅުތަކާ އެކު އިރާގުގެ އިންތިހާބު ކުރިއަށް

ސަލާމަތީ ފިޔަވަޅުތަކާ އެކު އިރާގުގެ އިންތިހާބު ކުރިއަށް

10 އޮކްޓޯބަރ 2021

އިރާގުގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.

އިރާގު ސަރުކާރުން ބުނާ ގޮތުގައި، މިއަދު ހެނދުނު ހަތެއް ޖެހިއިރު ފެށި ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު ހައެއް ޖަހަންދެންނެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅަކީ، އިރާގުގެ އެއް ސަހަރުން އަނެއް ސަހަރަށް، އެއްގަމު މަގުންނާއި ވައިގެ މަގުން ކުރާ ހުރިހާ ދަތުރުތަކެއް މިއަދު މެދުކަނޑާލާފައި އޮތުމެވެ.

އިންތިހާބުގެ ވޯޓުލުން ފެށުމާއެކު ރައީސް ބަރްހަމް ޞާލިޙްވަނީ، ވީހާ ގިނަ ރައްޔިތުން ވޯޓު ލުމުގައި ބައިވެރިވެ، ރައްޔިތުން އެދޭ ފަދަ، އަދި ކަންކަން އިސްލާހު ކުރެވޭ ސަރުކާރެއް އުފެއްދުމަށް ގޮވާލައިފަ އެވެ.

ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވެސް މިއަދު ހެނދުނު ވޯޓު ލެއްވުމަށް ފަހު، ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ، ވީހާ ގިނަ މީހުން ވޯޓުލުމުގައި ބައިވެރިވެ، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ގައުމަށް ގެނައުމުގައި ރައްޔިތުންގެ ބަސް އިއްވުމަށެވެ.

"އަވަސް އިންތިހާބެއް ބޭއްވުމަށް ނިންމީ އަހަރެން. އިންތިހާބު ބާއްވަން އަހަރެން އެންމެ ފުރަތަމަ ބޭނުންވީ، މިއަހަރުގެ ޖޫން 6 ވަނަ ދުވަހު. އެކަމަކު ބައެއް މީހުން ލަފާ ދީފައި އެބަހުރި 2022ގެ ނިޔަލަށް އިންތިހާބު ފަސްކޮށްލުމަށް ވެސް. އަހަރެން އެ ހުށަހެޅުމަށް ދެކޮޅު ހަދައި، އެންމެ ފަހުން ނިންމީ އޮކްޓޫބަރު 10 ވަނަ ދުވަހު (މިއަދު) އިންތިހާބު ބާއްވަން،" ވެރިރަށް ބަގުދާދުގައި ވޯޓު ލެއްވުމަށް ފަހު ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ހުރީ ވަރަށް ރަނގަޅަށެވެ.

އިންތިހާބުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވައިފަ އެވެ. އެދުވަހު ވޯޓުލުމުގައި ބައިވެރިވީ، ސިފައިންނާއި ފުލުހުންގެ އިތުރުން ޖަލުތަކުގައި ތިބި ގައިދީންނާއި ޖަލު ބަލަހައްޓާ އިދާރާތަކުގެ މީހުންނެވެ. އެހެންކަމުން މިއަދުގެ ވޯޓުލުން ކުރިއަށް ދާއިރު، ސިފައިންނާއި ފުލުހުން ތިބީ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހުސްވެގެންނެވެ.

މިހާރު ކުރިއަށްދާ އިންތިހާބުގައި، ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 3،240 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި 950 އަންހެނުން ވެސް ހިމެނެ އެވެ.

މިއަދުގެ ވޯޓުލުމުގެ ކަންތައް ކުރިއަށް ދާ ގޮތް ބެލުމުގައި ބައިނަލްއަގުވާމީ 800 އޮބްޒާވަރުން ހަރަކާތްތެރިވެ އެވެ. އޭގެ އިތުރުން އިރާގުގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ އަމިއްލަ ޖަމިއްޔާތަކުގެ ހާހަކަށް ވުރެ ގިނަ އޮބްޒާވަރުން ބައިވެރިވެ އެވެ.

އާންމު އުސޫލުން އިރާގުގެ އާންމު އިންތިހާބު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، އިރާގު ސަރުކާރުގެ އިސް ވެރިންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، 2019 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން، އިންތިހާބު އަވަސްކުރީ އެވެ.