Roadha Mihaaru
ލީބިޔާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

ލީބިޔާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

08 ނޮވެމްބަރ 2021

ލީބިޔާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރުމުގެ ގޮތުން އެ ގައުމުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ގޮތުން ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް، މިއަދު އިއުލާން ކޮށްފި އެވެ.

ލީބިޔާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރުމުގެ ގޮތުން އެ ގައުމުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ގޮތުން ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް، މިއަދު އިއުލާން ކޮށްފި އެވެ.

ލީބިޔާގައި ހަނގުރާމަ ކުރަމުން ދިޔަ ފަރާތްތަކާއި ލީބިޔާގެ ސިޔާސީ ޕާޓީތަކާ ދެމެދު، އދ.ގެ ބެލުމުގެ ދަށުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައިވަނީ، ހަނގުރާމަ ހުއްޓާލައި، އާ ގާނޫނުއަސާސީއެއް އެކުލަވާލައި، މިއަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށެވެ. ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި، ރިއާސީ އިންތިހާބާއި އާންމު އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވިފައި އޮންނާނެ އެވެ.

ލީބިޔާގެ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވައިލުމާ އެކު، އެކަމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވީ، މިހާރު އޮތް ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ އެވެ. ނަމަވެސް، މިދިޔަ އަހަރު އޭނާ ވިދާޅުވެފައިވަނީ، މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެއްސި އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ، އިނގިރޭސި ވިލާތުގެ ގެލަސްގޯގައި، މިމަހު 1 ގައި ފެށި އދ،ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި

ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ، އިނގިރޭސި ވިލާތުގެ ގެލަސްގޯގައި، މިމަހު 1 ގައި ފެށި އދ،ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި

މިފަހަރުގެ އިންތިހާބުގައި، ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅުންނަކީ، އެ ގައުމުގެ އިރުމަތީ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރު އާއި، ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އާއި، ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަގީލާ ސާލިހް އީސާ އާއި ކުރީގެ ދާހިލީ ވަޒީރު ފަތުހީ ބާޝްއާޣާ އެވެ.

ލީބިޔާގައި މިހާރު ވެރިކަން ކުރަމުން އަންނަނީ، އެގައުމުގައި ސުލްހަ ގާއިމުކުރުމަށް އދ. އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ލީބިޔާގެ ސިޔާސީ ފަރާތްތައް އެއްބަސްވެގެން އެކުލަވާލާފައި އޮތް އިންތިގާލީ ސަރުކާރަކުންނެވެ. ބޮޑުވަޒީރަކަށް ހުންނެވީ އަބްދުލްހަމީދު އައްދުބައިބާ އެވެ.

އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް ލީބިޔާގެ ވެރިކަމާ ހަވާލުވީ، މިއަހަރުގެ ޑިސެމްބަރު މަހު އޮންނަ އިންތިހާބުގައި ވާދަ ނުކުރުމަށް ހުވައި ކުރައްވައިފަ އެވެ. ނަމަވެސް އިންތިގާލީ ބޮޑުވަޒީރުގެ ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާގައި އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުން، މިދިޔަ ސެޕްޓެމްބަރު މަހު އެކުލަވައިލި ގާނޫނުގެ ދެލިކޮޕީއަށް، ގިނަ ބަޔަކު ވަނީ ދެކޮޅު ހަދައިފަ އެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ގާނޫނަށް ދެކޮޅު ހެދީ، ލީބިޔާގައި އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން، އދ. އިން އިސްނަގައިގެން ބޭއްވި ބައްދަލުވުންތަކުގައި ކަނޑައެޅި ޝަރުތުތައް، އެގާނޫނުގައި ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ.

އެ ބައްދަލުވުންތަކުގައި ކަނޑައަޅާފައި އޮތީ، ރިއާސީ އިންތިހާބާއި އާންމު އިންތިހާބުވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާށެވެ. ނަމަވެސް އެ ގާނޫނުގެ ފުރަތަމަ ދެލިކޮޕީގައި އޮތީ ޑިސެމްބަރު މަހުގެ ތެރޭގައި ރިއާސީ އިންތިހާބު ބާއްވާފައި، ޖެނުއަރީ މަހުގެ ފަހުކޮޅު އާންމު އިންތިހާބު ބޭއްވުމަށެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ރައީސް އިމާދު އައްސައްޔާހް ކުރިން ވިދާޅުވެފައިވަނީ، އާންމު އިންތިހާބު ބާއްވާނީ ރިއާސީ އިންތިހާބު ބާއްވާތާ 30 ދުވަސް ފަހުން ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވައިލި އިރު، ރިއާސީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވަނީ މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އާންމު އިންތިހާބަށް ކުރިމަތިލުމަށް ދީފައިވަނީ، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.