Roadha Mihaaru
"މެޖޯރިޓީ ނުލިބޭ ނަމަ ވައުދު ފުއްދަން ހުރަސްއެޅިދާނެ"

އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ: ރައީސް

15 ޖެނުއަރީ 2020

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެ ނަަމަ މި ސަރުކާރުގެ ވައުދުތައް ފުއްދަން އުނދަގޫ ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެ ނަަމަ މި ސަރުކާރުގެ ވައުދުތައް ފުއްދަން އުނދަގޫ ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ތިލަދުއްމައްޗަށް އެމްޑީޕިން މިހާރު ކުރަމުން އަންނަ ކެމްޕެއިން ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބުމަކީ ވެސް ވައުދުތައް ފުއްދުމުގައި ވަރަށް ފަސޭހަވި ކަމެއް ކަމަށެވެ. ސަރުކާރުން ކުރާ ކަންތައްތައް ބަލައި ޒިންމާދާރު ކުރުމުގެ ފުރިހަމަ ޒިންމާ އެ މެމްބަރުން އަދާކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުމަށް، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބެވިއިރު، އެ ޕާޓީއާ ވާދަވެރި އެހެން ޕާޓީތަކުން ކައުންސިލްތައް ބޭނުންވެގެން އުޅެނީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކައުންސިލްގެ ދައުރަކަށް ވެފައި ވަނީ، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައިވާ ކަންތައްތަކުގައި އެހީީތެރިވެ ތަންފީޒު ކުރުމެވެ.

"އެކަން ކުރެވޭނީ ސަރުކާރުން ވީ ވައުދުތައް، އަޅުގަނޑުމެން ވީ ވައުދުތައް ގަބޫލުކުރާ، އެކަމުގެ ވިސްނުން ހުރި ފަރާތްތަކަށް. އަޅުގަނޑުގެ ޒިންމާއެއް، ވާޖިބެއް އެބައޮތް ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރި މަސައްކަތުގައި. އަޅުގަނޑު ވީ ވައުދުތައް ފުއްދުން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރުންނާއި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"މި ކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މި ކަން ދަންނަ ބަޔަކަށް."

އެމަނިކުފާނު އެހެން ވިދާޅުވިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެއް ޕާޓީ އަކަށް ހުރިހާ ގޮނޑިއެއް ދިނުމުގެ ވިސްނުމާ، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ބައިވެރިން ދެކޮޅެވެ. އަދި އެކަން އެކި ގޮތްގޮތުން އެ ޕާޓީތަކުން ގެންދަނީ ހާމަކުރަމުންނެވެ.

ކޯލިޝަންގެ އެހެން ބައިވެރިންގެ ފުރިހަމަ ތާއީދާއި އެހީތެރިކަމާ އެކު 2018 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ، އޮޑިއެއް ބަން ކަމުގައި ވިޔަސް އަދި ގެއެއް ރޭނިޔަސް ހޯދަން ބޭނުންވާނީ އެކަން ދަންނަ މީހެއް ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކޮށް، ރަށްރަށް ކުރިއެރުވޭނީ ވެވަޑައިގެންނެވި ވައުދުތައް ދަންނަ ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

ކުޅުދުއްފުށީގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ. އެހެންކަމުން ކައުންސިލްތަކުގެ އިންތިޚާބު ބޮޑު ތަނުން އެބަޖެހޭ އެމްޑީޕީ އަށް ކާމިޔާބު ވާން. އެހެން ނޫން ނަމަ، އެހެން ގޮތަކަށް މިކަން ހިނގައްޖެ ނަމަ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމުގައި ހުރަސްތައް ކުރިމަތިވާނެ،" މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެކޭ އެއްގޮތަށް މި ފަހަރު ވެސް އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ދޭން ޖެހޭ ކަމަށް ވަކާލާތު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"ކުޅުދުއްފުއްޓާއި ތިލަދުއްމަތީގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު މި އެދެނި ރިޔާސީ އިންތިޚާބުގައި ތިޔަ ދެއްވި ތާއީދާއި ރައްޔިތުންގެ މަޖިލީހުގައި ތިޔަބޭފުޅުން ތިޔަ ދެއްވި ތާއީދާ އެއްގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާށޭ."

ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ފައިސާ އާއި ބާރުވެރިކަން ހަވާލުކުރަނީ ޒިންމާދާރުކަމާ އެކު އެކަން ކުރުމަށްޓަކައި ކަމަށެވެ. އެކަން ކުރެވޭނެ ބަޔަކަށް ތިބީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ ގޮތުގައި މި ކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ. އެހެން ކަމުން ކައުންސިލްތަކުގެ އިންތިޚާބު ބޮޑު ތަނުން އެބަޖެހޭ އެމްޑީޕީ އަށް ކާމިޔާބު ވާން. އެހެން ނޫން ނަމަ، އެހެން ގޮތަކަށް މިކަން ހިނގައްޖެ ނަމަ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމުގައި ހުރަސްތައް ކުރިމަތިވާނެ،" ރައީސް

ރައީސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރާއިރު އެންމެ މުހިއްމު އެއް ދައުުރު އަދާކުރާނެ އެއް މަސައްކަތަކީ ދަތުރުފަތުރެވެ. ތިލަދުއްމަތިން އެ މަސައްކަތް ފެށުމަށް މި އަހަރުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގައި ހައްލު ނުވެ ހުރި ކިތައްމެ މައްސަލައެއް އެބަހުރި ކަމަށެވެ. އެހެންވެ، ވިދާޅުވީ އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމައި އެތަން ހަވާލުކުރާނެ ކަމަށެވެ. ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ހަދަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.