Roadha Mihaaru
ވޯނާ ބްރޮސްގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ޔޫއޭއީގައި

ވޯނާ ބްރޮސްގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ޔޫއޭއީގައި ހުޅުވަން ތައްޔާރު

12 އޮކްޓޯބަރ 2021

އެމެރިކާގެ މަޝްހޫރު ފިލްމު ކުންފުނި ވޯނާ ބްރޮސް އިން ހުޅުވާ ފުރަތަމަ ޓޫރިސްޓް ހޮޓާ އަންނަ މަހުގެ ކުރީކޮޅު ޔޫއޭއީގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ފިލްމު ކުންފުނި ވޯނާ ބްރޮސް އިން ހުޅުވާ ފުރަތަމަ ޓޫރިސްޓް ހޮޓާ އަންނަ މަހުގެ ކުރީކޮޅު ޔޫއޭއީގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި 112 މިލިއަން ޑޮލަރުގެ މި ހޮޓާ ހުންނަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ޔާސް އައިލޭންޑްގަ އެވެ. އަށް ބުރިއަށް ހަދާފައިވާ 156 ކޮޓަރީގެ އަދި 250 އެނދުގެ މި ހޮޓަލުގެ ކޮންޓްރެކްޓަރަކީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ މިރަލް އެސެޓް މެނޭޖްމަންޓެވެ.

"ދަ ޑަބްލިއުބީ އަބޫ ދާބީ" ގެ ނަން ދީފައިވާ ހޮޓާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މި ތަނަކީ ވޯނާ ބްރޮސްގެ ފިލްމީ ޓީވީގެ އުފެއްދުންތަކާއި އެ އުފެއްދުންތަކުފެ ކެރެކްޓާތަކާއި އަދި އެފަދަ އެތައް ކަމެއްގެ ރަހަ ގެނުވައިދޭ ގޮތަށް އަދި ކުޑަދިންނާ ވެސް އެހާމެ ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ.

މިތަނުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ވޯނާ ބްރޮސްގެ އުފެއްދުންތަކުގެ ތެރެއަށް ގެންގޮސްދޭ ތިން ތީމަކަށް ތައްޔާރު ކޮށްފައިވާ ގެސްޓްރޫމް އާޓްވޯކް ހިމެނެ އެވެ. އޭގެ ތީމްތަކަކީ "ފްރޮމް ސްކްރިޕްޓް ޓު ސްކްރީން" އާއި "އާޓިސްޓް ކޮންފިޑެންޝަލް" ގެ އިތުރުން "ދަ ވޯލްޓް" އެވެ.

ވޯނާ ބްރޮސް އިން ބުނި ގޮތުގައި މީގެ 98 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނީގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ތަރައްގީގެ މައިދާނުގައި މެދު އިރުމަތީގައި ނަމޫނާ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫއޭއީގައި ހުޅުވުމަކީ ވެސް ވަރަށް ހާއްސަ ކަމެކެވެ. އަދި އެ ހޮޓަލުގެ ސަބަބުން ޔޫއޭއީ އަށް ޒިޔާރަތްކުރާ މީހުން މިހާރަށް ވުރެ އެތައް ގުނައެއް އިތުރުވެ، އެކަމުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ވެސް އެތައް ކުރިއެރުމެއް އަންނާނެ އެވެ. ޔޫއޭއީ އަކީ މިހާރު ވެސް އެތައް ގޮތަކުން މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ.

އަންނަ މަހުގެ 11 ގައި "ދަ ޑަބްލިއުބީ އަބޫ ދާބީ" ހުޅުވަން މިހާރު ތައްޔާރީތައް ވަމުން އަންނަ އިރު މިރަލް ކުންފުނީގެ ޗެއާމަން މުހައްމަދު ޚަލީފާ އަލް މުބާރަކް ވިދާޅުވީ ވޯނާގެ ފުރަތަމަ ހޮޓާ ތަރައްގީގެ ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ވޯނާ ބްރޮސް ބްރޭންޑްގެ ފުރަތަމަ ހޮޓާ ޔޫއޭއީގައި ހުޅުވިގެން ދިއުމަކީ ވަކިން ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ. "މިި ތަނަކީ ހޮސްޕިޓާލިޓީ ދާއިރާގެ މުޅިން ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ ވަރަށް ވެސް ފުރިހަމަ ތަނެއް."

ވޯނާ މީޑިއާ ގްލޯބަލް ބްރޭންޑްސް އެންޑް އެކްސްޕީރިއަންސްގެ ރައީސް ޕޭމް ލިފޯޑް ވިދާޅުވީ "ދަ ޑަބްލިއުބީ އަބޫ ދާބީ" ހުޅުވިގެން ދިއުމަކީ އެތައް ދުވަހެއް ވަންދެން ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.