Roadha Mihaaru
ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފި

ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފި

13 އޮކްޓޯބަރ 2021

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާވެސް މިއަދު ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާވެސް މިއަދު ހިމަނައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވިދާޅުވީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅައި ކޮށްފައިވާ އިއުލާނުން، ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސް އަލުން ކަނޑައަޅާފައި އޮތްގޮތަށް ބަދަލު ގެންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، އޮގަސްޓް 29، 2021 ގައި ނެރުނު ގަރާރު ބާތިލްކޮށް، ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައި އެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ވެސް ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުން ވެސް އެ އެތަން ރިޒޯޓަކަށް ތަރައްގީކުރަން ދޫކުރަން ނިންމައި، އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެކަމަކު، މިދިޔަ އޮގަސްޓު މަހު ނެރުނު ގަރާރުން އެކަން ބަދަލުކުރުމުން ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމެނުމަށް ފިއްލަދޫގެ ކައުންސިލާއި ރައްޔިތުން ގުޅިގެން 450 މީހުންގެ ސޮޔާ އެކު ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ރައީސް އޮފީހުން ބުނީ، ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު ހިމެނީ އެ ރަށު ކައުންސިލާ މަޝްވަރާކޮށް އަދި އިކޮނޮމިކް ކައުންސިލްގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހުގަ އެވެ.

ސަރުކާރުގެ ނިންމުމާ ގުޅިގެން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "މިހާރު" އަށް ކުރިން ވިދާޅުވީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނުމުން ދައްޕަރު ތަރައްގީކުރާ ޕްލޭންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ދައްޕަރު ވަކިކުރީ ވެސް އެ ފަޅު ރަށާ އެކު ފިއްލަދޫގެ "ލޭންޑް ޔޫސް ޕްލޭން" ހަދަމުން އަންނަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ވިސްނުން ހުރީ ދައްޕަރުގައި ޓޫރިޒަމާއި ދަނޑުވެރިކަމާ ގުޅުންހުރި ކަންކަން ކުރުމަށެވެ.